YouVersion Logo
Search Icon

ޢިބްރާނީންނަށް ސިޓީ 1

1
އީސާގެފާނަކީ މާތްރަސްކަލާނގެ ރޫޙާނީ ދަރިކަލުން
1އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ. 2އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ. 3އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ#1‏:3 ޖަލާލަތުވަންތަ ކަމޭ މިތާނ މި ބުނެވެނީ މާތްރަސްކަލާނގެ ޝަރަފުވެރިކަން، ރީތިވަންތަ ކަން، ފުރިހަމަ ވަންތަ ކަން މަތިވެރި ވަންތަކަން، ގަދަފަދަ ވަންތަކަން ކުޅަދުންވަންތަކަން އެކުލެވޭ ގޮތުގައެވެ. ބައެއްފަހަރު އެކަލާނގެ ޖަލާލަތުކަން އަލިގަދަ ނޫރެއްގެ ގޮތުގައި ފާޅުވެ ވޮޑިގަންނަވައެވެ. އެކަލާނގެ ޖަލާލަތުވަންތަ ކަމުގެ އެންމެ ފުރިހަމަ ސޫރަފުޅު ފެނިގެން ދަނީ އީސާ އަލްމަސީޙުގެ ކިބަފުޅުންނެވެ. ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ. 4އެ ދަރިކަލުން ވަނީ މަލާއިކަތުންނަށް ވުރެން މަތިވެރި ކުރައްވާފައެވެ. އެއީ އެ ދަރިކަލުންގެ ދަރަޖަފުޅު ވެސް މަލާއިކަތުންގެ ދަރަޖައަށް ވުރެން މަތިވެރި ކުރައްވާފައި ވާ ފަދައިންނެވެ.
އީސާގެފާނު މަލާއިކަތުންނަށް ވުރެން މަތިވެރި
5މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ:
”⁠ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ.
ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.⁠“ #ޒަބޫރު 2‏:7
އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން،
”⁠އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ⁠“#2 ޞަމޫއީލް 7‏:14 މިހެން ވަޙީއެއް ނުކުރައްވައެވެ.
6އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ.
”⁠ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.⁠“
7އަދި މަލާއިކަތުންނާ މެދު އެކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ.
”⁠ތިމަންކަލާނގެ މަލާއިކަތުން ފޮނުއްވަނީ ވައިރޯޅިތަކެއް ފަދައިންނެވެ.
ތިމަންކަލާނގެ އެ ޚާދިމުން ފޮނުއްވަނީ އަލިފާނުގެ ހުޅުތަކެއް ފަދައިންނެވެ.⁠“#ޒަބޫރު 104‏:4
8އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ.
”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ.
ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.
9ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ.
އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ.
އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.⁠“#ޒަބޫރު 45‏:6‏-7
10އަދިވެސް އެދަރިކަލުންނަށް ވަޙީކުރެއްވިއެވެ.
”⁠އޭ ސާހިބުވަންތަ ކަލާނގެ! ފެށުން އައި ހިނދު ބިން އުފެއްދެވީ އިނބަ ކަލާނގެއެވެ.
އުޑުތައް އުފެއްދެވީ ވެސް އިނބަ ކަލާނގެ އަތްޕުޅުންނެވެ.
11އެތަކެތި ފަނާވެ ނެތި ހިނގައިދާނެއެވެ. އެކަމަކު އިނބަ ކަލާނގެ ދާއިމަށް ވޮޑިގެންވާނެއެވެ.
އެ ހުރިހާ ތަކެއްޗެއް ބާ ފޮތިތަކެއް ހެން ހަސްފަސް ނެތި ހިނގައި ދާނެއެވެ.
12އެތަކެތި ގައިގައިލާ ފޮށާތަކެއް ފަދައިން އިނބަ ކަލާނގެ އޮޅާލައްވާނެއެވެ.
ދެން އެތަކެތި ހެދުން ތަކެއް ފަދައިން ބަދަލުކޮށް ލައްވާނެއެވެ.
އެކަމަކު އިނބަ ކަލާނގެ ދެގޮތެއްވުމެއް ނެތި،
ތާއަބަދަށް ވޮޑިގެން ވާނެއެވެ.⁠“#ޒަބޫރު 102‏:25‏-27
13މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ.
”⁠ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ.
އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން،
ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.⁠“#ޒަބޫރު 110‏:1
14އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in