ފެށުން 46
46
ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުން
1ޔަޢުޤޫބުގެފާނު (އިސްރާއީލުގެފާނު) އެކަލޭގެފާނުގެ އެންމެހާ މުދަލަކާއިގެން މިޞްރަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގެ މަގުމަތީގައި އެކަލޭގެފާނު ބިއުރުސަބްޢައަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނުގެ މަތިވެރި ރަސްކަލާނގެ މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވިއެވެ. 2އެރޭގެ ވަގުތެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ނިދާ ފޮނުއްވައި މިފަދައިން އެކަލާނގެ ބަސްވަޙީ ކުރެއްވިއެވެ. ”ޔަޢުޤޫބު ޔަޢުޤޫބު.“
އަދި ޔަޢުޤޫބުގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”އަޅާ މިތަނުގައި ހުރީމު.“
3އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން. 4ތިބާއާ އެކުގައި ތިމަންކަލާނގެ ވެސް މިޞްރަށް ދާނަމު. އަދި އޭގެފަހުގައި ތިބާ މިޞްރުން ބޭރު ކުރައްވާނަމު. ތިބާ މަރުވާ ހިނދު ތިބާގެ ލޯ ޔޫސުފުގެފާނުގެ އަތުން ލައްޕުވައި ދެއްވާނަން.“
5އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިލްކުވެގެންވީ އެންމެހާ ތަކެއްޗާއިގެން ބިއުރުސަބްޢައިން ދަތުރަށް ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެންމެހައި ދަރިންނާއި އެބައިމީހުންގެ ކުދި ޅަ ދަރިންނާއި އަނބިން ދަތުރު ކުރަމުން ގެންދިޔައީ ސަވާރީގެ ގޮތުގައި މިޞްރުގެ ރަސްގެފާނު ދެއްވި އަސްގާޑިޔާތަކުގައެވެ. 6-7ހަމައެހެންމެ، ކަންޢާނުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އެންމެހައި ޖަނަވާރުތަކާއި މިލްކުގައި ވީ އެންމެހާ ތަކެތި އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މުޅި އާއިލާ އާއިގެން މިޞްރަށް ވަޑައިގަތެވެ.
ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުން
8ޔަޢުޤޫބުގެފާނުގެ ދަރިންގެ ތެރެއިން މިޞްރަށް ދިޔަ އެކަލޭގެފާނުގެ ދަރިންނަކީ މިއީއެވެ: ރައޫބައިން އަކީ ޔަޢުޤޫބުގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. 9ރައޫބައިންގެ ދަރިންނަކީ ޙަނޫކު، ފައްލޫ، ޙަޞްރޫން، އަދި ކަރްމީ އެވެ.
10ޝިމްޢޫންގެ ދަރިންނަކީ ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ޝާއޫލް އެވެ. (ޝާއޫލްގެ މަންމައަކީ ކަންޢާނުގެ އަންހެނެކެވެ.)
11ލާވީގެ ދަރިންނަކީ ޖަރްޝޫން، ޤަހާތު، އަދި މަރާރީ އެވެ.
12ޔަހޫޛާގެ ދަރިންނަކީ ޢީރު، އޫނާން، ޝީލަތު، ފާރަޞް، އަދި ޒާރަޙުއެވެ. (ނަމަވެސް ޢީރު އާއި އޫނާން ވަނީ ކަންޢާނުގައި ނިޔާވެފައެވެ.) ފާރަޞްގެ ދަރިންނަކީ ޙަޞްރޫން އާއި ޙާމޫލްއެވެ.
13ޔައްސާކަރުގެ ދަރިންނަކީ ތޫލާޢު، ފުއްވަތު، ޔޫބު، އަދި ޝިމްރޫން އެވެ.
14ޒަބޫލޫންގެ ދަރިންނަކީ ސާރަދު، އީލޫން، އަދި ޔާޙިލްއީލް އެވެ.
15މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނަށާއި ލައިއަތުއަށް މެސޮޕޮޓޭމިއާގައި ލިބިފައިވާ އަންހެން ދަރިފުޅު ދީނާގެ އިތުރުން ލިބިފައިވީ ދަރިންނެވެ. ޔަޢުޤޫބުގެފާނުގެ އާއިލާގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ އަދަދު މިހާހިސާބަށް ޖުމުލަ ތިރީސްތިނެއް ކަމުގައި ވެއެވެ.
16ޖާދުގެ ދަރިންނަކީ ޞިފްޔޫން. ޙައްޖީ، ޝޫނީ، އަޞްބޫން، ޢައިރީ، އަރޫދީ، އަދި އަރްއީލީ އެވެ.
17އަޝީރުގެ ދަރިންނަކީ ޔިމްނަތު، ޔިޝްވަތު، ޔިޝްވީ، ބަރީޢަތު އަދި އެބައިމީހުންގެ އުޚުތު ސާރަޙު އެވެ. ބަރީޢަތުގެ ދަރިންނަކީ ޙާބަރު އާއި މަލްކީއީލް އެވެ.
18މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާން އޭނާގެ އަންހެން ދަރި ލައިއަތުއަށް ދިން އަޅު އަންހެން ކުއްޖާކަމުގައިވާ ޒިލްފާއާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ދަރިންނެވެ. މިބައިގައި މުޅި އެކުޖުމުލަ ސޯޅަ ދަރިން ލިބިފައިވެއެވެ.
19ޔަޢުޤޫބުގެފާނާއި ރާޙީލްއަށް ލިބިވަޑައިގެންފައި ވަނީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. 20ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގަތީ ދެ ދަރިކަލުންނެވެ. އެއީ މަނައްސާ އާއި އަފްރާއީމް އެވެ. މި ކުދިންގެ މަންމައަކީ އޫނުގެ ފާދިރީ ފޫޠީފާރަޢުގެ އަންހެން ދަރިފުޅު އަސްނާތު އެވެ.
21ބަންޔާމީންގެ ދަރިންނަކީ ބާލަޢު، ބާކަރު، އަޝްބީލް، ޖީރާ، ނަޢުމާނު، އީޙީ، ރޫޝް، މުއްފީމު، ޙުއްފީމް، އަދި އަރުދު އެވެ.
22މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނާއި އެކަލޭގެފާނު އަނބިކަނބަލުން ރާޙީލްއަށް ލިބިވަޑައިގެންނެވި ދަރިން ކަމުގައިވާ ޔޫސުފުގެފާނާއި ބަންޔާމީނަށް ލިބިފައިވީ ކުދިންނެވެ. މި އާއިލާގައި ސާދަ މީހުން ހިމެނިގެންވެއެވެ.
23ދާނުއަށް ލިބުނު ދަރިފުޅުގެ ނަމަކީ ޙޫޝީމް އެވެ.
24ނަފްތާލީއަށް ލިބުނު ދަރިންނަކީ ޔާޙަޞްއީލު، ޖޫނީ، ޔަޞްރު، އަދި ޝިއްލީމު އެވެ.
25މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާންގެ އަންހެންދަރި ރާޙީލްއަށް ދިން އަޅު އަންހެންކުއްޖާ ބިލްހާ އަށާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ކުދިންނެވެ. މި އާއިލާގައި ހަތް ކުދިން ވެއެވެ.
26ވީމާ، ޔަޢުޤޫބުގެފާނާއި އެކުގައި މިޞްރަށް ވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ޢަދަދަކީ ފަސްދޮޅަސް ހަޔެކެވެ. މިއީ އެކަލޭގެފާނުގެ ޅީ ދަރިން ނުހިމަނައެވެ. 27ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގެންނެވި ދެ ދަރިކަލުން ވިއެވެ. ވުމާއެކު، މިޞްރުގައި ވީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ޖުމުލަ މީހުންގެ އަދަދު ހަތްދިހަ ކަމުގައި ވިއެވެ.#46:27 އެއީ ޔޫސުފުގެފާނާއި، އެކަލޭގެފާނަށް މިޞްރުގައި ލިބިވަޑައިގެންނެވި ދެ ދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއިމް އަދި ޔަޢުޤޫބުގެފާނު ހިމެނުމުންނެވެ.
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އާއިލާ ޖާސާންގައި
28ޔޫސުފުގެފާނުގެ އަރިހަށް ޖާސާންއަށް ދާންވީ މަގު އަހައި އޮޅުން ފިލުމަށްޓަކައި އެންމެންގެ ކުރިން ޔަހޫޛާ ފޮނުވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުން ޖާސާންއަށް ވަޑައިގަތުމުން 29ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ.
30އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިހާރު މި ދުނިޔެ ދޫކޮށް ދިއުމަށް ތައްޔާރުގައިވަމު. އެއީ އަހަރެންނަށް ތިޔަ ދަރިކަލުންގެ މޫނުފުޅު ފެނިއްޖެމެ. އަދި ތިޔަ ދަރިކަލުން ދުނިޔޭގައި ހުރިކަން މިހާރު އަހަރެންނަށް އެނގުނީތީ ވެސްމެ.“
31ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާގެ ހުރިހާ އެންމެންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިތަނުގައި ތިބި ޚަބަރު އަހަރެން ގޮސް ރަސްގެފާނަށް ދަންނަވާނަން. އަހަރެން މިފަދައިން ދަންނަވާނަމު. ’އަހަރެންގެ އަޚުންނާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާ ކަންޢާނު ދޫކުރައްވައި އަހަރެންނާއި އެކުގައި ދިރިއުޅުމަށްޓަކައި މި ރަށަށް އަތުވެއްޖެޔޭ. 32އެބައިމީހުންނަކީ ބަކަރި ހުއިހައްޕާ ބައެކޭ، އަދި އޮޅު ޖަނަވާރު ބެލެހެއްޓުމުގެ މަސައްކަތްތެރި ބައެކޭ. ހަމައެހެންމެ އެބައިމީހުން މި ރަށަށް އައި އިރުގައި އެބައިމީހުންގެ މިލްކުގައި ވީ އެންމެހާ ތަކެތި ހިފައިގެން އައި ކަމުގައި އަހަރެން ދަންނަވާނަން.‘ 33ރަސްގެފާނު ތިޔަބައިމީހުންނާއި ބައްދަލު ކުރައްވައި މިފަދައިން އައްސަވާނެ. ’ތިޔަބައިމީހުން ކުރަނީ ކޮންމަސައްކަތެއްހޭ؟‘ 34އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“
Currently Selected:
ފެށުން 46: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.