YouVersion Logo
Search Icon

ނެރުއްވުން 8

8
ބޮކުގެ މުސީބާތް
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ގާތަށް ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ދިޔަ ދެއްވާށޭ. 2މަނިކުފާނު މިކަމާ ދެކޮޅު ހައްދަވައިފިނަމަ ތިޔަ ރަށަށް ބޮކުގެ މުސީބާތެއް ފޮނުއްވާނަމޭ. 3ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ. 4އެބޮއްތައް މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެގަޔަށް ފުމެ އަރާނެޔޭ.⁠‘⁠“
5ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެ ގާތު ބުނޭ އޭނާގެ އަސާ މިޞްރުގެ ހުރިހާ ކޯރަކާއި ފެންއާރަކާއި، ފެންފެންގަނޑަކަށް ދިއްކުރާށޭ. އެގޮތުން މިޞްރުގެ ހުރިހާ ތަނަކަށް ބޮއްތައް އަރުވާށޭ.⁠“
6ހާރޫނުގެފާނު އެކަލޭގެފާނުގެ އަތްޕުޅު މިޞްރުގެ ހުރިހާ ފެންފެންގަނޑެއްގެ މައްޗަށް އުފުއްލެވުމުން ބޮއްތައް އައިސް މުޅި މިޞްރުގެ ބިން ފުރާލައިފިއެވެ. 7އެކަމަކު ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން މިޞްރު ބިމަށް ހަމަ އެ ގޮތަށް ބޮއްތައް އަރުވައިފިއެވެ.
8ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“ 9މޫސާގެފާނު ވިދާޅުވިއެވެ. ”⁠ރަސްގެފާނު ވަގުތެއް ކަނޑައަޅުއްވާ! ރަސްގެފާނަށާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންނަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން މަނިކުފާނު އެދި ވަޑައިގަންނަވާ ވަގުތެއް ވިދާޅުވޭ. އޭރުން ރަސްގެފާނާއި ރަސްގެފާނުގެ ގަނޑުވަރުތަކުން ބޮކުގެ މުސީބާތް ފިލައިގެން ދާނެ. އޭގެ ފަހުން ނީލަ ކޯރު ނޫންތަނެއްގައި ބޮކެއް ނުއުޅޭނެ.⁠“
10ފިރުޢައުނު ވިދާޅުވިއެވެ. ”⁠މާދަމާ ދުޢާ ދަންނަވާ!⁠“
މޫސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. ރަސްގެފާނު އެދި ވަޑައިގެންނެވި ގޮތަށް ތިޔަ ކަންތައް ކޮށްދޭނަން. އޭރުން ރަސްގެފާނަށް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން އިލާހެއް ނުވާކަން. 11އެ ބޮއްތައް ރަސްގެފާނުގެ ގަނޑުވަރުންނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ކިބައިން ފިލައިގެން ހިނގައިދާނެ. އޭރުން ނީލަކޯރު ނޫންތަނެއްގައި އެއްވެސް ބޮކެއް ނޫޅޭނެ.⁠“
12ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގަނޑުވަރުން ވަޑައިގެން ރަސްގެފާނުގެ މައްޗަށް އެކަލާނގެ ފޮނުއްވި ބޮކުގެ މުސީބާތުން ސަލާމަތް ކޮށް ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައިފިއެވެ. 13މޫސާގެފާނު ދެންނެވި ދުޢާ މާތްރަސްކަލާނގެ އައްސަވައިފިއެވެ. އެއާއެކު ގޭގެއާއި ގޯތިތަކުގައިއާއި ދަނޑުފަނގުތަކުގައި ހުރި ހުރިހާ ބޮއްތަކެއް މަރުވެ ހުސްވެއްޖެއެވެ.
14ދެން މިޞްރު މީހުން އެބޮއްތައް ނެރެ ފުނި ޖަހައިފިއެވެ. އެއާއެކު މުޅި މިޞްރު ކުނިވަހުން އެއްވަސް ވެއްޖެއެވެ.
15ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.
ހަފާމެހީގެ ވަބާ
16 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ’⁠ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.⁠‘⁠“
17ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ހާރޫނުގެފާނު އަސާކޮޅުން ބިމުގެ ހިރަފުހުގައި ޖެއްސެވުމާއެކު އެ ހިރަފުސްތައް މުޅި މިޞްރުގެ ބިމަށް ހަފާމެހިތަކެއް ފަދައިން ފެތުރިގެންފިއެވެ. އެއާއެކު މިޞްރު މީހުންނާއި ޖަނަވާރުތަކުގެ މައްޗަށް އޭގެ މުސީބާތް ފޯރަން ފަށައިފިއެވެ.
18ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ. 19ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“
އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.
މެހީގެ މުސީބާތް
20ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ. 21މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ. 22އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ.#8‏:22 ޖާސާން އަކީ މިސްރުގެ އުތުރުގައި އޭގެ ހަތަރުސަތޭކަ އަހަރުގެ ކުރީގައި ޔޫސުފުގެފާނުގެ ޒަމާނުގައި އިސްރާއީލީން ވަޒަންވެރިވެ ތިބި ތަނެވެ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން. 23ތިމަންކަލާނގެ މީހުންނާއި މަނިކުފާނުގެ މީހުން ތިމަންކަލާނގެ ތަފާތު ކުރައްވާނަމޭ. މިމުޢުޖިޒާތް މާދަމާ ފެންނާނެޔޭ.⁠‘⁠“
24ދެން މާތްރަސްކަލާނގެ އެކަލާނގެ ވަޙީކުރެއްވި ފަދައިން ކަންތައް ކުރެއްވިއެވެ. މެހީގެ ބޮޑު ބައިގަނޑެއް އައިސް ފިރުޢައުނު ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތައް ފުރާލިއެވެ. އެއާއެކު މުޅި މިޞްރުގެ ބިން ހައިޖާނެއް ފަދައިން ފަނާވެގެން ދިޔައެވެ.
25ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.⁠“ 26މޫސާގެފާނު ދެންނެވިއެވެ. ”⁠ތިޔަ ގޮތެއް ކަމަކު ނުދާނެ. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުންކުރާ ގޮތާ މިޞްރު މީހުންނެއް ނުރުހޭނެ. މިޞްރު މީހުންނަށް އެތަން ފެނިގެން އަޅުގަނޑުމެން ގަލުން ތަޅާ މަރާލާނެ. 27އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއް ކުރަން ބޭނުން. އެއީ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމަށް.⁠“ 28”⁠އެންމެ ރަނގަޅު. ދޭ!⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.⁠“
29މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.⁠“
30ދެން މޫސާގެފާނު ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން އެ މެހިތައް ދުރުކޮށް ދެއްވުން އެދި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. 31ދެން މާތްރަސްކަލާނގެ މޫސާގެފާނު އެދި ވަޑައިގެންނެވި ފަދައިން މެހީގެ ބައިގަނޑު އެރަށުން ބޭރުކޮށް ލައްވައިފިއެވެ. އެ ހިނދު ރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ތެރޭގައި އެންމެ މެއްސެއް ވެސް ނެތި ހުސްވެއްޖެއެވެ. 32އެކަމަކު މިފަހަރު ވެސް ރަސްގެފާނުގެ ގޮތްކޮޅެއް ދުލެއް ނުކުރެއްވިއެވެ. ހަމަހިލާ އެމީހުން ދިޔަކަ ނުދެއްވިއެވެ.

Currently Selected:

ނެރުއްވުން 8: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in