ނެރުއްވުން 7
7
1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަހަރެން ފިރުޢައުނުގެ ކުރިމަތީގައި ކަލެއަކީ އިލާހު ކަމުގައި ހަދާނަން. އަދި ކަލޭގެ ބޭބެ ހާރޫނަކީ ކަލޭގެ ފޮނުވާ ނަބިއްޔާ ކަމަށް ހަދާނަން. 2އަހަރެން މިކުރާ އަމުރުތައް ހާރޫނުގެ ގާތު ބުނޭ. ބުނޭ ހާރޫނު ގޮސް ފިރުޢައުނު ރަސްގެފާނަށް އަމުރުކުރާށޭ. އިސްރާއީލީން އެރަށުން ދިޔަ ދޭށޭ. 3އެކަމަކު ވެސް އަހަރެން ފިރުޢައުނުގެ ގޮތް ދޫނުކުރާނެހެން ހަދާނަން. އެއީ އަހަރެން މިޞްރު މީހުންނަށް ހައިރާންވާފަދަ ގިނަގުނަ މުޢުޖިޒާތްތަކާއި އަލާމާތްތައް ދެއްކި ކަމުގައި ވިޔަސްމެ. 4ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން. 5މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.“
6ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ. 7އޭރު މޫސާގެފާނުގެ އުމުރުފުޅުން 80 އަހަރެވެ. ހާރޫނުގެފާނުގެ އުމުރުފުޅުން 83 އަހަރެވެ.
ހާރޫނުގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވުން
8 މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. 9”ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.“
10ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ!
11ދެން ފިރުޢައުނު އޭނާގެ ބުއްދިވެރިންނާއި ފަންޑިތަވެރިން އެތަނަށް ގެންނަވައިފިއެވެ. އަދި އެމީހުން ވެސް ފަންޑިތައިގެ ބާރުން ވެސް އެކަންތައް ހަމަ އެފަދައިން ކޮށްފިއެވެ. 12އެމީހުންގެ އަސާތައް ވައްޓާލުމުން އެ އަސާތައް ވެސް ހަރުފަތަކަށް ބަދަލުވިއެވެ. އެކަމަކު ހާރޫނުގެފާނުގެ އަސާކޮޅުން އެ ހުރިހާ ހަރުފަތަކެއް ކާލިއެވެ. 13އެވަރުން ވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ.
ލޭގެ ވަބާ
14ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ. 15ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި. 16ދެން އޭނާ ގާތު ބުނޭ. ’ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ތިމަން މެދުވެރިކޮށް އަންގަވައޭ ތިމަންކަލާނގެ މީހުން އަޅުކަން ކުރުމަށް ސަހަރާއަށް ދިޔަ ދޭށޭ. އެކަމަކު އަދިވެސް ތިމަންކަލާނގެ ބުނި އެބަސްތަކެއް ކަލޭ އަޑެއް ނާހައޭ.‘ 17އެހެންވެ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވިއޭ: ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެކަން ކަލެއަށް ދައްކައި ދޭނަމޭ. ބަލަންހުންނާށޭ! ތިމަންގެ އަތުގައި މިއޮތް އަސާއިން ނީލަކޯރުގެ ފެންގަނޑުގައި ޖަހާލުމުން މި ކޯރުގެ ފެންގަނޑު ލެޔަށް ވާނެއޭ. 18ކޯރުގައިވާ ހުރިހާ މަހެއް މަރުވެ ފެނުގައި ކުނިވަސް ދުވާނެއޭ. އޭރުން މިޞްރު މީހުންނަކަށް ނީލަކޯރުގެ ފެނެއް ނުބޮވޭނެއޭ.‘“
19ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެފާނު ގާތު ބުނޭ. ކަލޭގެ އަސާ ނަގައި މިޞްރުގެ ހުރިހާ ކޯރަކާއި، ފެންގަނޑުތަކާއި، ފެން ރައްކާކުރާ ތަންތަނާއި އަދި ފެންހެދިފައިވާ ކިސަޑުބިންތަކުގެ މައްޗަށް އުފުލާށޭ. އޭރުން މިޞްރުގައި ވާހައި މީރު ފެނެއް ލެޔަށް ބަދަލުވާނެޔޭ. މީސްމީހުންގެ ގޭގޭގައި ހުންނަ ލަކުޑި ބާލިދީއާއި ހިލަ ގުޅިތަކުގައި ހުރި ފެނަށް ދަންދެން ލެއަށް ބަދަލުވާނެއޭ.“
20ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ފިރުޢައުނާއި އޭނާގެ ހުރިހާ ވަޒީރުން ބައްލަވަން ތިއްބަވަނިކޮށް ހާރޫނުގެފާނުގެ އަސާކޮޅު އުފުއްލަވައި ކޯރުގެ ފެންގަނޑުގައި އެއިން ޖައްސަވައިފިއެވެ. ހަމަ އެއާއެކު އެކޯރުގެ ހުރިހާ ފެނެއް ލެޔަށް ބަދަލުވެއްޖެއެވެ.
21ކޯރުގައި ހުރި ހުރިހާ މަސްތައް މަރުވެ ކުނިވަސް ދުވާ ވަރުން މިޞްރު މީހުންނަކަށް އެ ފެން ބޯކަށް ނުކެރުނެވެ. މުޅި މިޞްރުގެ ހުރިހާ ތަނެއްގައި ހުރީ ހުސް ލެއެވެ. 22އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ. 23ފިރުޢައުނު މިކަމާ އަޅާ ވެސް ނުލައްވައި އެނބުރި ގަނޑުވަރަށް ވަޑައިގެންފިއެވެ.
24މިޞްރު މީހުން ބޯފެން ހޯދުމަށް ނީލަކޯރު އައްސޭރީގެ އެތަން މިތަން ކޮންނަން ފަށައިފިއެވެ. އެހެނީ އެމީހުންނަކަށް ނީލަކޯރުގެ ފެން ބޯކަށް ނުކެރެއެވެ. 25މާތްރަސްކަލާނގެ ނީލަކޯރުގެ ފެންގަނޑު ލެއަށް ބަދަލުކުރެއްވިތާ އެއް ހަފުތާ ފާއިތުވެ ހިނގައްޖެއެވެ.
Currently Selected:
ނެރުއްވުން 7: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.