YouVersion Logo
Search Icon

ނެރުއްވުން 6

6
ސަލާމަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅު
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ފިރުޢައުނާ މެދު ކަންތައް ކުރާ ގޮތް ކަލޭ ބަލަން ހުރޭ. އަހަރެންގެ މީހުން ދިޔަ ދިނުމަށް އަހަރެންގެ ގަދަބާރުން އޭނާއަށް މަޖުބޫރު ކުރާނަން. އަސްލު، އަހަރެން އޭނާއަށް މަޖުބޫރު ކުރާނީ އެމީހުން އެ ބިމުން ބޭރުކޮށްލަން.⁠“
2މާތްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެންގެ ނަމަކީ ޔަހޫވޭ.#6‏:2 ޔަހޫވޭ މި ނަންފުޅަކީ މީސްތަކުން އެކަލާނގެއާ ގާތްގުޅެއް ބޭއްވުމަށް މުޚާތަބު ކުރާ ޢިބްރާނީ ނަންފުޅެކެވެ. މިނަންފުޅު ކިޔާނެ ގޮތެއް އެއްވެސް ބަޔަކަށް މިހާރަކު އެނގޭކަމަކަށް ނުވެއެވެ. ދިވެހި ތަރުޖަމާގައި މި ބަސްފުޅުގެ ބަދަލުގައި އާންމުކޮށް ލިޔެވިފައި ވާނީ މާތްރަސްކަލާނގެ މިފަދައިންނެވެ. ވޮޑިގެންވާ ކަލާނގެ. 3އަހަރެން އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކުރިމައްޗަށް ފާޅުވީ ކުޅަދުންވަންތަ ކަލާނގެ ގޮތުގައި. އެހެނެއްކަމަކު އެބޭކަލުންނަށް އަހަރެންގެ ނަމަކީ ޔަހޫވޭ ކަމެއް ނުއެއް އަންގަން. 4އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން. 5މިހާރު ބަނީއިސްރާއީލުން އެތިބީ މިޞްރުގެ އަޅުވެތިކަމުގެ ދަށުގައި. އެމީހުން ރޯ ރުއިމުގެ އަޑު އަހަރެން މިދަނީ އަހަމުން. އަހަރެން ކުރި ޢަހުދުނާމާގެ މަތިން ހަނދުމައެއް ނުނައްތަން.
6އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ. 7ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން. 8ތިމަންކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާ އެކު ޢަހުދު ކަށަވަރު ކުރެއްވި ބިމަށް ކަލޭމެން ގެނެސް ދެއްވާނަމޭ. އެބިން ތިމަންކަލާނގެ ކަލޭމެންނަށް ހިބަކޮށް ދެއްވާނަމޭ. އެހެނީ ތިމަން ކަލާނގެއީ މާތްރަސްކަލާނގެއޭ.⁠‘⁠“
9މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.
10ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. 11”⁠ގޮސް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ދަންނަވާ އިސްރާއީލުގެ މީހުން އަވަހަށް މިރަށުން ބޭރަށް ފޮނުވާލަ ދެއްވާށޭ.⁠“ 12މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ބުނާ އެއްޗެއް މިއަޅާގެ މީހުން ކަމުގައިވާ އިސްރާއީލީން ވެސް ގަބޫލެއް ނުކުރޭ. ވީއިރު މިޞްރު ރަސްގެފާނު އެވާހަކަ އަޑު އައްސަވާނެ ތޯ؟ މިއަޅާއަކީ ވާހަކަ ދައްކަން އެނގޭ މީހެއް ވެސް ނުމެ ނޫން.⁠“ 13މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް މިފަދައިން އަމުރުފުޅު ކުރެއްވިއެވެ. ”⁠އިސްރާއީލީންނާއި މިޞްރު ރަސްގެފާނު ގާތު ބުނޭ ’⁠ތިމަންކަލާނގެ މީހުން އެރަށުން ނެރޭށޭ މާތްކަލާނގެ ތިމަންމެނަށް އެންގެވިއޭ.⁠‘⁠“
މޫސާގެފާނާއި ހާރޫނުގެފާނުގެ ކާބަފައިން
14މިއީ އިސްރާއީލުގެ ދަރިކޮޅުގެ ގަބީލާތަކުގެ ކާބަފައިންނެވެ. ޔަޢުޤޫބުގެފާނުގެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިންއަށް ހަތަރު ފިރިހެން ދަރިން ލިބުނެވެ. އެއީ: ޙަނޫކު، ޕައްލޫ، ޙަޞްރޫން، އާއި ކަރްމިއެވެ. އެމީހުންގެ ދަރިކޮޅަކީ ރައުބީން ގަބީލާގެ ކާބަފައިންނެވެ.
15ޝިމްޢޫނަށް ހަ ދަރިން ލިބުނެވެ. ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ކަންޢާނީ އަނބިމީހާގެފަރާތުން ލިބުނު ޝާއޫލް އެވެ. މިއީ ޝިމްއޫން ގަބީލާގެ ކާބަފައިންނެވެ.
16ލާވީގެ ދަރިކޮޅުގެ ކާބަފައިންނާމެދު ލިޔެވިގެން ވަނީ މިފަދައިންނެވެ. ލާވީގެ ފިރިހެން ދަރިންނަކީ ޖަރްޝޫން، ޤަހާތު އަދި މަރާރީ އެވެ. ލާވީ ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ. 17ޖަރްޝޫންއަށް ދެ ދަރިން ލިބުނެވެ. އެއީ ލިބްނީ އާއި ޝިމްޢީ އެވެ. އެއީ އެ ގަބީލާގެ ކާބަފައިންނެވެ.
18ގަހާތު ދަރިކޮޅުގައި ހިމެނެނީ ޢަމްރާމް، ޔިޞްހާރު، ޙަބްރޫނު އަދި ޢުއްޒީއީލް އެވެ. މިއީ އެ ގަބީލާގެ ކާބަފައިންނެވެ. ޤަހާތު ސަތޭކަ ތެއްތިރީސް އަހަރު ދުނިޔޭގައި އުޅުނެވެ.
19މަރާރީއަށް ދެ ފިރިހެން ދަރިން ލިބުނެވެ. އެއީ: މަޙްލީ އަދި މޫޝީ އެވެ. މިއީ ލާވީ ގަބީލާގެ ދަރިފަސްކޮޅު ލިޔެވިގެން ވާ ގޮތެވެ.
20ޢަމްރާމް ކައިވެނީކުރީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ ޔޫކާބަދުއާ އެވެ. އޭނާ ވިހެއި ދަރިންނަކީ ހާރޫން އާއި މޫސާއެވެ. އަމްރާމް ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.
21ޔިޞްހާރުގެ ދަރިންނަކީ ޤޫރަޙު، ނާފަޖު، އަދި ޒިކުރީއެވެ.
22ޢުއްޒީއީލުގެ ދަރިންނަކީ މީޝާއީލް، އަލްޞާފާނު އަދި ސިތުރީ އެވެ.
23ހާރޫނު ކައިވެނިކުރީ ޢައްމީނާދާބުގެ ދަރި އަދި ނަޙްޝޫންގެ ދައްތަ އަލީޝާބައާ އެވެ. އޭނާއަށް ލިބުނީ ނާދާބު، އަބީހޫ، އަލިޢާޒާރު، އަދި އީޘާމާރު އެވެ.
24ޤޫރަޙު ދަރިންނަކީ އައްސީރު، އަލްޤާނަތު، އަދި އަބީއަސާފު އެވެ. މި މީހުންގެ ގަބީލާވީ ގޫރަހީންގެ ދަރިފަސްކޮޅު ކަމުގައެވެ.
25ހާރޫނުގެ ދަރި އަލިޢާޒާރު ކައިވެނިކުރީ ފޫޠިއީލްގެ އަންހެން ދަރިއަކާއިއެވެ. އެ ދެމަފިރިންނަށް ލިބުނު ދަރިއަކީ ފީންޙާސް އެވެ. މިއީ ލާވީ ވަންހަތަކުގެ ކާބަފައިން ކަމަށް ލިޔެވިފައިވީ ގޮތެވެ.
26”⁠އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ⁠“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.
27މިޞްރުގެ ރަސްގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން އިސްރާއީލީން ދޫކޮށް ދިނުމަށް އެދި ދަންނަވަމުން އެގެންދަވަނީ މި ދެބޭކަލުންނެވެ.
ފިރުއައުނާ ވާހަކަ ދެއްކުމަށް އެންގެވުން
28މިޞްރުގެ ބިމުގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރެއްވި ހިނދު އެކަލާނގެ ވަޙީ ކުރެއްވިއެވެ. 29”⁠މާތްރަސްކަލާނގެއަކީ އަހަރެން. އަހަރެން ބުނާށޭ މިބުނި ހުރިހާ ބަސްތަކެއް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ބުނޭ.⁠“ 30ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެއާ ޒުވާބު ދެންނެވިއެވެ. ”⁠މިއަޅާ މީ ދޫ ނުފަރިތަ މީހެއް. މިއަޅާ ބުނާ އެއްޗެއް ފިރުޢައުނު ރަސްގެފާނު އަޑު އައްސަވާނީ ކިހިނަކުން ތޯ؟⁠“

Currently Selected:

ނެރުއްވުން 6: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in