YouVersion Logo
Search Icon

ނެރުއްވުން 30

30
ދުން އަޅާ އަށި
1”⁠ދެން އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހަދާ. 2މިއަށި ހަދަން ވާނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައި#30‏:2 ޢިބްރާނީ ބަހުން 18 އިންޗް ކަމަށް ބަލަނީ 1 މުށެވެ.. އޭގައި ވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުންނަން ވާނެ. އެ ހުންނަން ވާނީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައި. 3އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ރަން އުނގުޅާ. އަދި މުޅި އަށީގެ ވަށައިގެން ރަނުގެ ކައިރިފަށެއް އަޅާ. 4ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރޭ. އެ ބޮޅުތައް ހަރުކުރަން ވާނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައި. އެއީ އަށި ގެންދިޔުމަށް އުފުލާ ދަނޑި ލެއްވުމަށް.
5އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާ. 6މި އަށި ބަހައްޓަން ވާނީ ޢަހުދުނާމާ ފޮށިކޮޅު ކުރިމަތީ އެލުވާފައިވާ ފަރުދާގެ ބޭރުގައި. އަހަރެން ކަލެއާ ބައްދަލު ކުރާނީ ޢަހުދުނާމާ ފޮށިކޮޅުގެ ކައްފާރާގެ މަގާމުފުޅު ކަމުގައިވާ މަތިގަނޑުގެ މަތީން.
7ކޮންމެ ދުވަހަކު ހެނދުނު ހާރޫނު އައިސް ބައްތި ސާފުކޮށް ހަދާއިރު އެތަނުގައި މީރު ވަސް ދުވާ ތަކެތިން ދުން އަޅަން ވާނެ. 8އަދި ކޮންމެ ދުވަހަކު އިރުއޮއްސޭދަނުގައި ބައްތި ދިއްލަން އައިސް އަހަރެންގެ ކުރިމަތީގައި ދުން އަޅަން ވާނެ. މި ކަންތައް ކަލޭމެންގެ ދަރިދަރިކޮޅާ ހަމައަށް ކުރަމުން ގެންދަން ވާނެ. 9މިއައްޓަށް ނުތާހިރު ދުންބުރުވާ ތަކެއްޗެއް ހުށަހަޅައިގެން ނުވާނެ. މިތަނުގައި ޤުރުބާނީ އަންދައި ގޮދަނާއި، ދިޔާތަކެތީގެ ވެދުން ހުށަހަޅައިގެން ނުވާނެ.
10އަހަރަކު އެއްފަހަރު ޤުރުބާނީކުރެވޭ ތަކެތީގެ ލޭ އޭގެ ދަޅުގައި ހާކަން ވާނެ. އެއީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއްގެ ގޮތުން. މިއީ ކޮންމެ އަހަރަކު ވެސް ދާއިމީގޮތަކަށް ކުރަން ޖެހޭނެ ކަމެއް. އެހެނީ މި އައްޓަކީ ކަލޭމެންގެ މާތްރަސްކަލާނގެ، އަހަރެން އެންމެ މާތްކޮށްފައިވާ މަޤާމެއް.⁠“
ފޭލިގެކޮޅު ބަލަހައްޓާ ފަންޑު
11ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. 12”⁠ކަލޭ އިސްރާއީލީން ބޯ ހިމަނާއިރު ގުނާލެވޭ ކޮންމެ ފިރިހެނެއްގެ އަތުން އޭނާގެ ނަފްސުގެ އަގުނަގާ. އެމީހުން އެ އަގުދައްކަމުން ދާހާ ހިނދަކު އެމީހުންގެ މައްޗަކަށް ބަލިމަޑުކަމެއް ނާންނާނެ. 13ބޯހިމެނޭ ކޮންމެ މީހަކު އަހަރެންނަށް ރިހި ލާރިއެއް ހުށަހަޅަން ވާނެ. މިއީ ކަރާމާތްތެރި ޝެކެލްއެއްގެ ދެބައިކުޅަ އެއްބައި. އެއީ ވިހި ގެރާހްގެ މިންވަރެއް.#30‏:13 ނުވަތަ ރިހި އައުންސެއްގެ ފަސްބައިކުޅަ އެއްބައި 14އުމުރުން ވިހި އަހަރުވެފައިވާ ކޮންމެ މީހަކު އަހަންނަށްޓަކައި މި ކީރިތި ސޮދަގާތް ހުށަހަޅަން ޖެހޭނެ. 15މި ސޮދަގާތް ދިނުމުން އެމީހެއްގެ ފުރާނަ ސަލާމަތް ކޮށް އަހަރެންނާ ކުއްތަންވުމަށް އެކަށީގެން ވެދާނެ. މުއްސަނދިން ގިނައިން ދީ ފަޤީރުން މަދުން ދީ ހަދައިގެން ނުވާނެ.
16އިސްރާއީލީންގެ އަތުން މިނަގާ ފައިސާއިން ފޭލިގެކޮޅު ބަލަހައްޓާ. އެކަމުގެ ސަބަބުން އަހަރެން އެ މީހުންގެ މަތިން ދުވަހަކު ވެސް ހަނދުމަ ނެތި ނުވާނަން. ސަމާލު ކަންދީ އެމީހުންގެ ނަފްސުތައް ފާފައިން ސާފުތާހިރު ކުރުމުގެ ކައްފާރާ ދޭނަން.⁠“
ކަފުލޯ ތަށި
17ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. 18”⁠ކަފުލޮއިން ބޮޑު ބިލިގާއެއް ހަދައި ހަމަ އެއިން ސްޓޭންޑެއް ހަދައި ފޭލިގެކޮޅާއި އައްޓާ ދެމެދު ބަހައްޓައި އެއަށް ފެން އަޅާ. 19ހާރޫނާއި އޭނާގެ ދަރިން އަތްފައި ދޮންނަން ވާނީ އެ ފެނުން. 20އެމީހުން ފޭލިގެކޮޅަށް ވަދެ އަހަރެންގެ ގާތަށް އައިސް ޤުރުބާނީ އަންދައި ހަދިޔާބަދިޔާ ވެދުން ކުރާއިރު ތިބެން ވާނީ މިފެނުން ދޮވެ ތާހިރުވެގެން. އެހެންނޫނީ އެމީހުންގެ ފުރާނަ ހިނގައިދާނެ! 21އެމީހުން އަބަދުވެސް ތިބެން ޖެހޭނީ އަތާ ފައި ދޮވެގެން. އެހެންނޫނީ އެމީހުން މަރުވެދާނެ. މިއީ ހާރޫނާއި އޭނާގެ ދަރިންނާއި ދަރިކޮޅު ތާ އަބަދަށް ކިޔަމަން ވާން ޖެހޭނެ ޤާނޫނެއް.⁠“
މަޤާމަށް އިސްކުރާއިރު އުނގުޅާ ތެޔޮ
22ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. 23”⁠އެންމެ މޮޅު މީރު ވަސްދުވާ ތަކެތި އެއްކުރޭ. އެއީ ހަ ކިލޯ މުއްރި#30‏:23 މިއީ އަރަބި ކަރައިގައި ހެދޭ ގަހެއްގެ ތޮށިން ނަގާ ދިޔަވަރެކެވެ. މި ދިޔަވަރަކީ އޮލަކޮށް ހުންނަ މީރު ވަހެއް ދުވާ އެއްޗެކެވެ. ތެލާއި، ތިން ކިލޯ މީރު ވަސް ދުވާ ފޮނިތޮށި، ތިން ކިލޯ މީރު ވަސްދުވާ އެއްތެޔޮ، 24ހަ ކިލޯ ކާސިއާ.#30‏:24 އެއީ ފޮނިތޮށި ކަހަލަ ބާވަތެކެވެ. މިތަކެތި ރިހި ޝެކެލްއެއްގެ ބަރުދަން ހަމަކޮށް ކިރާ.#30‏:24 ޝެކެލް އަކީ ގާތްގަނޑަކަށް 11 އައުންސްގެ ބަރުދަނެވެ. އަދި ޒައިތޫނި ތެޔޮ ހަތަރު ލީޓަރު ވެސް ގެނޭ. 25އަދި ކުޅަދާނަ އަތަރުހަދާ މީހަކު ފަދައިން މިއެއްޗެހި އެއްކޮށްގެން މީރު ވަސް ދުވާ ކަރާމާތްތެރި އަތަރު ހަދާ. 26މި އަތަރު ގެކޮޅުގައިއާއި ޢަހުދުނާމާ ފޮށިކޮޅުގައި އުނގުޅާ. 27އަދި އެތަނުގައި ހުންނަ މޭޒާއި، ތަށި ކަންވާރުތަކުގައި އާއި، ބައްތި ދަނޑިއާއި، ދުންއަޅާ އައްޓާއި އޭގައި އެކުލެވޭ ތަކެތީގައި އެ އުނގުޅާ. 28އަދި އަންދައި ޤުރުބާނީ ކުރާ އަށީގައި އާއި ގެންގުޅޭ ތަކެއްޗާއި، ފެންދޮލަނގާއި، އޭގެ ސްޓޭންޑްގައި ވެސް އުނގުޅާ. 29މި ހުރިހާ އެއްޗެހި ކަރާމާތްތެރިކޮށް މި ތަން މާތް ތަނަކަށް ހަދާ. އޭގެ ފަހުން މިއިން ތަނެއްގައި އަތްލައިފި މީހަކު ވެސް ކަރާމާތްތެރި ވެގެން ދާނެ.
30އަދި ހާރޫނާއި އޭނާގެ ދަރިން ވެސް އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރެވޭ ވަރަށް ކަރާމާތްތެރި ކުރޭ. 31ދެން ބަނީ އިސްރާއީލީންގެ ގާތުގައި ބުނޭ ’⁠ކަލޭމެންގެ ދަރިދަރި ކޮޅާ ހަމަޔަށް ވެސް މި ތެލަކީ ތިމަންކަލާނގެއަށްޓަކައި އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ތެލެކޭ. 32މި ތެޔޮ އެހެން ކަމަކަށް ބޭނުން ކޮށްގެން ނުވާނެއޭ. އަދި ކަލޭމެން އަމިއްލައަށް މި ތެޔޮ ހަދައިގެން ވެސް ނުވާނެއޭ. މިއީ ކަރާމާތް ތެރި އެއްޗެކޭ. ކަލޭމެން އެއަށް މާތްކޮށް ހިތަން ވާނެއޭ. 33މި ތެޔޮ މި ގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.⁠‘⁠“
ދުންބުރުވާ ތަކެތި
34 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠މީރު ވަސް ދުވާ ތަކެތި އެއްކުރޭ. އެއީ ގަސްތަކުގެ ތޮށިން ނުކުންނަ މީރު ވަސްދުވާ ކިރު ތިކިތަކާއި ސަނދަރަ ބޮލި ތޮއްޓާއި، ގަލްބަނުމް#30‏:34 އެއީ ވެސް އެހިސާބުގައި ހެދޭ ގަހަކުން ނުކުންނަ ކިރެވެ. އަދި އެންމެ މޮޅު ފުރަންކަންސެންސް. މި އެއްޗެހި އެއް ވަޒަނަކަށް ކިރައި މީރު ވަސްދުވާ އަތަރާ އެއްކުރޭ. 35ދުން ތައްޔާރު ކުރާ މީހުން ބޭނުންކުރާ އުކުޅުތައް ބޭނުންކޮށް މި ތަކެތި އެއްކޮށް ގަށައި އަދި މާތްކަމާއި ސާފު ތާހިރުކަން މަތީ ބެހެއްޓުމަށް އެއަށް ލޮނު އަޅާ.
36މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ. 37މި މިނަށް ތަކެތި އެއްކޮށް މީރު ވަސްދުވާ ތަކެތި ކަލޭމެން އަމިއްލައަށް ހަދައިގެން ނުވާނެ. މިއީ އަހަންނަށް ޚާއްސަ އެއްޗެއް. 38އެކަކު ވެސް އެމީހެއްގެ އަމިއްލަ ބޭނުމަކަށް މި ގޮތަށް ދުން އުފައްދައި ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލަން ޖެހޭނެ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in