YouVersion Logo
Search Icon

ނެރުއްވުން 3

3
މާތްރަސްކަލާނގެ މޫސާގެފާނަށް ގޮވާލެއްވުން
1އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ. 2އެތަނުގައި މާތްރަސްކަލާނގެ މަލާއިކަތާ އަލިފާނުގެ ހުޅުގަނޑެއް ފަދައިން އެކަލޭގެފާނަށް ފާޅުވެ ވަޑައި ގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ގަސްގަނޑުގައި އަލިފާން ރޯވެފައިވާ ތަނެވެ. ގަސްބޮނޑީގައި އަލިފާން ހުޅު ރޯވެފައި ހުރި އިރު ވެސް އެގަސްތައް އަނދަމުންނެއް ނުދެއެވެ. 3މޫސާގެފާނު ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠މިއީ އަޖައިބުވާވަރުކަމެއް! މި ގަސް ނައަނދަނީ ކީއްވެ؟ މިވާގޮތެއް ބަލަން ކައިރިއަށް ދާން ވެއްޖެ.⁠“ 4މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”⁠މޫސާ! މޫސާ!⁠“
މޫސާގެފާނު ވިދާޅުވިއެވެ. ”⁠އާދެ! އަޅުގަނޑު އެބަހުރިން.⁠“ 5މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިޔަށް ވުރެ ކައިރިއަށް ނާދޭ! ކަލޭ އަރައިގެން ތިޔަ ހުރި ފައިވާނުން ފައިބާ! ކަލޭ ތިޔަ ހުރީ ޙުރުމަތްތެރި ބިމެއްގަ. 6އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.
7 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ. 8އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން. 9އަހަރެންގެ މީހުންގެ ރުއިމުގެ އަޑު އަހަންނަށް އެބަ އިވޭ. އެމީހުންނާމެދު މިޞްރު މީހުން ކުރަމުންގެންދާ އަނިޔާތައް ވެސް އަހަރެން މިދަނީ ބަލަމުން. 10އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.⁠“ 11ނަމަވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠މިޞްރު ރަސްގެފާނުގެ އަރިހަށް ދިއުމަށް އަޅުގަނޑު މިއީ ކާކުތޯ އަޅުގަނޑު ގޮސް ބަނީއިސްރާއީލުން މިޞްރުން ނެރެން؟⁠“ 12އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“
13އަނެއްކާވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އަޅުގަނޑު އެމީހުންގެ ގާތަށް ގޮސް އަޅުގަނޑު މިއައީ ކަލޭމެންގެ ކާބަފައިންގެ ވެރި ކަލާނގެ ފޮނުއްވީމައޭ ބުނާއިރަށް އެމީހުން އަހާނެ. ’⁠އެކަލާނގެ ނަންފުޅަކީ ކޮބައިހޭ؟⁠‘ ދެން އަޅުގަނޑު ބުނާނީ ކީކޭތޯ؟⁠“
14މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ވޮޑިގެންވާ ކަލާނގެއަކީ މިއީ. އިސްރާއީލުގެ މީހުންގެ ގާތު މިހެން ބުނޭ. ’⁠ވޮޑިގެންވާ ކަލާނގެއޭ ކަލޭމެންގެ ގާތަށް ތިމަން ފޮނުވީ.⁠‘⁠“
15އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠އިސްރާއީލީންގެ ގާތުގައި ބުނޭ: ’⁠އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ.#3‏:15 މިތާނގައި މާތްރަސްކަލާނގެ ނަންފުޅު ކަމަށް ވަޙީ ކުރެއްވީ ޔަހޫވޭ އެވެ. މި ލަފުޒުގެ މާތްކަން ބޮޑުކަމުން މިހާރުގެ ބަނީ އިސްރާއީލުގެ މީހުންނަކަށް އެނަންފުޅު ދުލުން ކިޔާކަށް ނުކެރެއެވެ. މި ތައުރާތުގެ ތަރުޖަމާގައި މާތްރަސްކަލާނގެ އޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ ޔަހޫވޭ އެވެ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.⁠‘
16ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’⁠ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”⁠ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ. 17އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.⁠“⁠‘
18ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘ 19އެކަމަކު މިޞްރުގެ ރަސްގެފާނު ކަލޭމެން ދިއުމަށް ހުއްދަ ނުދޭނެކަން އަހަރެންނަށް އެނގޭ. އޭނާއަށް މަޖުބޫރުވެގެން ނޫނީ އެމީހުން ދާކަށް ދުލެއް ނުކުރާނެ. 20އެހެންކަމުން އަހަރެންގެ އަތް އުފުލާ ޖަހައި މިޞްރު މީހުން ބިރުން ފިތްކަނޑައިގެންދާ ފަދަ ގަދަފަދަ މުޢުޖިޒާތްތަކެއް ދައްކާނަން. އޭގެ ފަހުން އެ ރަސްގެފާނު ކަލޭމެން ދިއުމުގެ ހުއްދަދެއްވާނެ. 21އަހަރެންގެ މީހުން މިޞްރު ދޫކޮށް ދާއިރު ކަލޭމެން ހުސްއަތާ ދާކަށް ނުޖެހޭނެ. މިޞްރު މީހުން ކަލޭމެންނާ ރުހޭނެ ގޮތް އަހަރެން މެދުވެރި ކުރާނަން. 22ޢިބްރާނީންގެ އަންހެނުން އެމީހުންގެ އަވަށްޓެރިންނާއި އެމީހުން އުޅޭގޭގެ މިޞްރު އަންހެނުންގެ ގާތުން ހެދުމާއި ރަން ރިހީގެ ޒޭވަރުތައް ދިނުމަށް އެދޭނެ. މިތަކެތި އެމީހުންގެ ފިރިހެންދަރިންނާއި އަންހެން ދަރިންގެ ގައިގައި އަޅާނެ. މި ގޮތުން ކަލޭމެން ދާއިރު ދާނީ މިޞްރުގެ މުއްސަނދިކަން ވެސް ހިފައިގެން.⁠“

Currently Selected:

ނެރުއްވުން 3: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in