ނެރުއްވުން 20
20
ދިހަ އަމުރުފުޅު
1ދެން މާތްކަލާނގެ އެމީހުންނަށް މިހެން އަމުރުފުޅު ކުރެއްވިއެވެ. 2”އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’މާތްރަސްކަލާނގެ‘.
3އަހަރެން ނޫން އެއްވެސް އިލާހަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ.
4އުޑުގައިއާއި ބިމުގައި ނުވަތަ ކަނޑުގައިވާ އެއްވެސް އެއްޗެއްގެ ސޫރަ ހަދައި އެ ބުދަށް އަޅުކަން ކޮށްގެން ނުވާނެ. 5ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ.
ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ. 6އެކަމަކު އަހަރެން ދެކެ ލޯބިވެ އަހަރެންގެ އަމުރުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އެމީހުންގެ ހާސް ދަރިކޮޅާ ހަމަޔަށް ވެސް އަހަރެންގެ ދެގޮތެއްނުވާ ލޯބި ދޭނަން.
7ކަލޭމެންގެ އިލާހު، ’މާތްރަސްކަލާނގެ‘ ނަން ކަލޭމެން ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ނުވާނެ. އެހެނީ އެ ގޮތަށް ކަންތައް ކުރާ މީހަކަށް އަދަބު ނުދީއެއް އަހަރެން ދުލެއް ނުކުރާނަން.
8ސަބަތުގެ ދުވަހަކީ މާތް ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ހަނދާން ބަހައްޓާތި. 9ކަލޭމެން ކުރާ މަސައްކަތެއް ހަދުވަސް ތެރޭ ކޮށް ނިންމަން ވާނެ. 10އެކަމަކު ހަތްވަނަ ދުވަހަކީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ޚާއްސަކުރެވޭ ޗުއްޓީ ދުވަހެއް. އެދުވަހު ކަލޭމެންގެ ގޭގެ އެކަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކޮށްގެން ނުވާނެ. އެއީ ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެންދަރިންނާއި އަންހެން އަދި ފިރިހެން ޚާދިމުންނާއި ޖަނަވާރުތަކާއި ކަލޭމެންގެ ތެރޭގައި ތިބި ބީރައްޓެހިން ވެސް ހިމެނޭ ގޮތުގައި. 11އެހެނީ އަހަރެން އުޑާއި ބިމާއި ކަނޑާއި އެތަނުގައި ވާހައި ތަކެއްޗެއް އުފެއްދީ ހަދުވަހުގެ ތެރޭގައި. އެކަމަކު ހަތްވަނަ ދުވަހު އަހަރެން ޗުއްޓީ ކުރީ. ހަތްވަނަ ދުވަހަކީ އަރާމުގެ ދުވަހެއްކަމުގައި ހަދައި އެދުވަސް މާތް ދުވަހަކަށް އަހަރެން ހެދީ އެހެންވެ.
12ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
13ކަލޭމެން ޙައްޤަކާނުލައި މީހުން ނުމަރާތި.
14ކަލޭމެން ޒިނޭނުކުރާތި.
15ކަލޭމެން ވައްކަން ނުކުރާތި.
16ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.
17ކަލޭމެންގެ އަވަށްޓެރިޔާގެ ގޭގައިވާ ތަކެއްޗާމެދު ހަސަދަވެރިނުވާތި. ކަލޭމެންގެ އަވަށްޓެރިޔާގެ އަނބިމީހާއާއި އެގޭގައި ގެންގުޅޭ ފިރިހެން ނުވަތަ އަންހެން ޚާދިމާއި އޭނާ ގެންގުޅޭ ގެރިތަކާއި ހިމާރުތަކަށް ނުވަތަ އޭނާގެ މިލްކުގައިވާ އެއްވެސް އެއްޗަކަށް ދަހިވެތިވެގެން ނޫޅޭތި.“
މީސްތަކުން ބިރުގަތުން
18ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.
19އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!“
20”ބިރު ނުގަނޭ!“ މޫސާގެފާނު ވިދާޅުވިއެވެ. ”މާތްކަލާނގެ މިތަނަށް ފައިބާ ވޮޑިގެންނެވީ ކަލޭމެން އިމްތިޙާނު ކުރައްވަން. އެއީ އޭރުން ކަލޭމެން އެކަލާނގެއަށް ކިޔަމަންގަނެ، ފާފަ ކުރަން ބިރުގަންނާނެތީ!“
21ދެން އެމީހުން ބިރުން ކައިރިވާން ނުކެރިފައި ތިއްބާ، މާތްކަލާނގެ ވޮޑިގެން ވާ ކަޅުވިލާގަނޑުގެ ތެރެއަށް، މޫސާގެފާނު ވެދެ ވަޑައިގެންފިއެވެ.
22ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ބަނީ އިސްރާއީލީން ގާތު ބުނޭ، ’ކަލޭމެން ދުށީމު ނޫންހޭ ތިމަންކަލާނގެ އުޑުން ކަލެއާ ވާހަކަ ދައްކަވަނިކޮށް. 23ކަލޭމެން ހަނދާން ކުރާށޭ، ރަނުން ވެސް ރިހިން ވެސް ތިމަންކަލާނގެ ބަދަލުގައި އަޅުކަން ކުރާނެ އިލާހެއް ކަލޭމެން ތައްޔާރު ނުކުރާށޭ. 24ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ. 25ކަލޭމެން އަށިހަދަން ގާ ބޭނުން ކުރާނަމަ އެ ގާތަށް ހުރިގޮތަށް ބޭނުން ކުރާށޭ. ކޮށާ މަށާފައި ހުންނަ އެއްޗެހި ބޭނުން ނުކުރާށޭ. އެ ގާތަށް އެއްވެސް ސާމާނެއް ބޭނުކޮށްގެން އޭގެ ބައްޓަން ބަދަލުކޮށްގެން ނުވާނެޔޭ. އޭރަކުން އެއީ މާތް ތަނަކަށް ނުވާނެޔޭ. 26އަދި އެ އައްޓާ ދިމާއަށް މައްޗަށް އަރާނެ ސިޑިއެއް ނުބަހައްޓައްޗޭ. އެހެން ހަދައިފިއްޔާ ކަލޭމެން އަނދެގެން ހުންނަ ފޮށާގެ ދަށުން މީހަކަށް ކަލޭމެންގެ އައުރަ ފެނިދާނެޔޭ.‘“
Currently Selected:
ނެރުއްވުން 20: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.