އެފޭސުސްގެ މަސީޙީންނަށް ސިޓީ 2
2
މަރުން ޙަޔާތަށް
1މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ. 2އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ. 3އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
4ނަމަވެސް މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ މަތިވެރިކަން ބޮޑެވެ. އަދި އެކަލާނގެ އަހަރެމެން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވައެވެ. 5ވީމާ، މާތްރަސްކަލާނގެ ކިބަފުޅަށް އުރެދުމުގެ ސަބަބުން އޭރު އަހަރެމެން ރޫޙާނީ ގޮތުން މަރުވެފައި ވިޔަސް އަލްމަސީޙާއި އެކުގައި އެއްބައިވަންތަވުމުން އެކަލާނގެ އާ ޙަޔާތެއް އަހަރެމެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިގެންވެއެވެ. 6އަހަރެމެން އީސާ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައި ވުމުން މާތްރަސްކަލާނގެ އަހަރެމެން އަލުން ދިރުއްވިއެވެ. އަދި އެކަލޭގެފާނާއި އެކުގައި އަހަރެމެންނަށް ސުވަރުގެއިން ދަރަޖައެއް ދެއްވިއެވެ. 7މާތްރަސްކަލާނގެ މިފަދައިން އަމަލު ކުރެއްވީ އީސާ އަލްމަސީޙު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ދެއްވާ އަދަދު ނުކުރެވޭނެ މަތިވެރި ނިޢުމަތްފުޅު ކުރިމަގުގައިވާ ޒަމާންތަކަށް ދެއްކެވުމަށެވެ. 8ތިޔަބައިމީހުންނަށް ދިންނެވުން ލިބިދިނީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އީމާންވުމުން އެކަލާނގެ ނިޢުމަތްފުޅުންނެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިގެންވީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން ކުރި ކަމަކުންނޫނެވެ. އެއީ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި މަތިވެރި ހަދިޔާއެއްމެއެވެ. 9އަދި އެއީ ތިޔަބައިމީހުން އަމިއްލައަށް ޙާސިލުކުރެވުނު އެއްޗެއް ވެސް ނުމެނޫންމެއެވެ. އެހެންވީމާ، މިކަންތައްތަކާ މެދު އެއްވެސް މީހަކަށް ފޮނިކެނޑުމުގު ޖާގައެއް ނުވެއެވެ. 10އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.
އަލްމަސީޙާއި އެއްބައިވަންތަވުން
11އުފަންވުމުގައި ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން މީސްތަކުންނާ މެދުގައި ޚިތާނު ކުރެވިގެން ނުވާ ބައެއް ކަމުގައި ބަނީއިސްރާއީލުން ބުނެއެވެ. އަދި ބަނީއިސްރާއީލުން އެބައިމީހުންނާއި މެދުގައި އެބައިމީހުންނަކީ ޚިތާނު ކުރެވިގެންވާ ބައެއް ކަމުގައި ބުނެއެވެ. (މިކަން ޙަވާލާދެނީ ޖިސްމާނީ ގޮތުން އިންސާނުން ކުރާ ކަމެއް ކަމުގައެވެ.) މާޒީގައި ތިޔަބައިމީހުން ތިބި ޙާލަތާއި މެދުގައި ތިޔަބައިމީހުން ހަނދާންކުރާށެވެ. 12ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ. 13އޭރު ތިޔަބައިމީހުން މާތްރަސްކަލާނގެއާއި ދުރުގައި ވިނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ އަލްމަސީޙު އީސާގެފާނާއި އެކު އެއްބައިވަންތަކަމުގައެވެ. އަލްމަސީޙު އެކަލޭގެފާނުގެ މުޅި ޙަޔާތުގެ ލޭފޮދު ޤުރުބާން ކުރައްވާ މާތްރަސްކަލާނގެއާއި ތިޔަބައިމީހުން ގާތްކުރެއްވިއެވެ.
14-15ބަނީއިސްރާއީލުގެ ދަރިކޮޅާއި އަދި ބަނީއިސްރާއީލު ދަރިކޮޅުނޫން ފަރާތްތަކާ ދެމެދު އަލްމަސީޙު ސުލްޙަވެރިކަން ގެނެސްދެއްވިއެވެ. އަދި އަހަރެމެން ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ހަތުރުވެރިކަމުގެ ހުރަސް ނެތިކުރައްވާ އަހަރެމެން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އެއްބައިވަންތަކުރުވީ އެކަލޭގެފާނު ސަލީބަށް އެރުވި އަވަހާރަވެ ދިޔުމުންނެވެ. އެހެނީ ބަނީއިސްރާއީލުންނަށް ގިނަގުނަ ގަވާއިދުތަކާއި އަމުރުތައް ތައުރާތުގައި ލިބިފައިވިއެވެ. މި ގަވާއިދުތައް ބާތިލު ކުރައްވައި ބަނީއިސްރާއީލުންނާއި އަދި ބަނީއިސްރާއީލު ނޫން ވަންހަތަކަކީ އެކަލޭގެފާނާއި އެއްބައިވަންތަ ކަމުގެ ގުޅުމުގައި ވުމުން އެއްބައެއް ކަމުގައި ހައްދަވައި ސުލްޙަވެރިކަން ގެނެސްދެއްވި އެވެ. 16އަދި ސަލީބުގައި އޮންނަވާ އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމަކީ އެ ދެ ބައިގެ މެދުގައި ވީ ފަސާދަ ނެތިކުރެއްވުމެވެ. އެ ސަލީބު މާނަކޮށްދެނީ މި ދެބައި އެއްބައިވަންތަކަމާއެކު އެއް ހަށިގަނޑެއް ފަދައިން އެބައިމީހުން ސުލްޙަކުރައްވާ މާތްރަސްކަލާނގެ ޙަޟްރަތަށް އިޢާދަ ކުރެއްވިކަމެވެ. 17ވީމާ، އަލްމަސީޙު ވަޑައިގެން ހެޔޮޚަބަރުފުޅު ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ގެނެސްދެއްވުމަށް ވަޢުޡު އިއްވައި ދެއްވިއެވެ. އެހެނީ މާތްރަސްކަލާނގެ ޙަޟްރަތާއި ދުރުގައިވާ ބަނީއިސްރައީލެއް ނޫން ދަރިކޮޅުގެ މީހުންނާއި އަދި މާތްރަސްކަލާނގެ ޙަޟްރަތާއި ކައިރީގައިވާ ބަނީއިސްރާއީލުގެ ދަރިކޮޅަށް ވެސް މެއެވެ. 18އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.
19އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ. 20އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ. 21މުޅި އެ ޢިމާރާތުގެ އެކިއެކި ބައިތައް އަލްމަސީޙާއި ގުޅި ލާމެހި އެއްބައިވަންތަކަމުގައި ވެއެވެ. އަދި އެކަލޭގެފާނުގެ ސަބަބުން މި ޢިމާރާތް ހެދި ބޮޑުވެ މުޤައްދަސް ބިނާއެއްގެ ގޮތުގައި މާތްސާހިބާއަށް ހުށަހެޅިގެންވެއެވެ. 22އަދި، އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން އެއްބައިވަންތަވުމުން، އަލްމަސީޙު މެދުވެރިވެ ވަޑައިގެން ތިޔަބައިމީހުންނާއި އެހެނިހެން މަސީޙިންނާއި ގުޅުން އުފައްދުވައެވެ. މިގޮތުން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން އެކަލާނގެ ވޮޑިގެންވާ މި މުޤައްދަސް ބިނާއެއް ކަމުގައި ތިޔަބައިމީހުންނަށް ލައްވައެވެ.
Currently Selected:
އެފޭސުސްގެ މަސީޙީންނަށް ސިޓީ 2: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.