2 ޞަމޫއީލް 9
9
ދާއޫދުގެފާނާއި މަފީބޫޝަތު
1ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.“
2ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”ކަލޭ ތީ ސީބާތަ؟“
ސީބާ ދެންނެވިއެވެ. ”އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު ސީބާ.“
3ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި ހަމަ އެއްވެސް ދަރިޔަކު ނެތީތަ؟ އެމީހަކަށް މާތްކަލާނގެ އޯގާވެރިކަން ދައްކައިދޭން އަހަރެން ބޭނުން.“
ސީބާ ދެންނެވިއެވެ. ”ޔޫނަތައިންގެ ފިރިހެން ދަރިޔަކު އަދިވެސް ދުނިޔޭގައި އެބަހުރި. އޭނާއަކީ ދެފައި ކޮރު މީހެއް.“
4ދާއޫދުގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”އެ ކުއްޖާ ހުރީ ކޮންތާނކު؟“
ސީބާ ދެންނެވިއެވެ. ”އޭނާ ދިރި އުޅެނީ ލޫދުބާރު އަވަށުގެ އައްމީއޭލްގެ ދަރި މަކީރުގެ ގޭގައި.“
5ދެން ދާއޫދުގެފާނު އެ ދަރިފުޅު ގެންނަވައިފިއެވެ.
6ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ.
ދާއޫދުގެފާނު ވިދާޅުވިއެވެ. ”ތީ މަފީބޫޝަތުތަ؟“
މަފީބޫޝަތު ދަންނަވައިފިއެވެ. ”އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.“
7ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.“
8މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރު ވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟“
9ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން. 10ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.“
ސީބާގެ ފަނަރަ ފިރިހެން ދަރިންނާއި ވިހި ނޯކަރުން އުޅެއެވެ.
11ދެން ސީބާ ދާއޫދު ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކީ ސާހިބުމަނިކުފާނުގެ ޚާދިމެއް. މަނިކުފާނު އެންގެވި ގޮތެއް އަޅުގަނޑު ހަދާނަން.“
އޭގެ ފަހުން މަފީބޫޝަތު ކައިބޮއި ހަދަމުން ދިޔައީ ދާއޫދުގެފާނު ފަރީއްކުޅުއްވާ މޭޒުންނެވެ. އަދި ދާއޫދުގެފާނުގެ ދަރިކަލެކޭ އެއްގޮތަށް އޭނާއާމެދު ހުރިހާކަމެއް ވެސް ހަމަޖެހިފައި ހުރެއެވެ.
12މަފީބޫޝަތުގެ ކުޑަ ދަރިޔަކު ހުރެއެވެ. އެކުއްޖާގެ ނަމަކީ މައިކާއެވެ.
މިހާރު ސީބާގެ އާއިލާގެ އެންމެންނަކީ ވެސް މަފީބޫޝަތުގެ ޚާދިމުން ކަމަށް ހިމެނިއްޖެއެވެ. 13މަފީބޫޝަތަކީ ކޮރު މީހެކެވެ. އޭނާ ދިރިއުޅެނީ ޖެރޫސަލަމުގައެވެ. އަދި އޭނާ ހުރިހާއިރަކު ވެސް ކައިހަދަނީ ރަސްގެފާނުގެ މޭޒުކޮޅުންނެވެ.
Currently Selected:
2 ޞަމޫއީލް 9: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.