YouVersion Logo
Search Icon

2 ޞަމޫއީލް 5

5
ދާއޫދުގެފާނަށް އިސްރާއީލުގެ ރަސްކަން ލިބުން
1އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން. 2ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“
3އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.#5‏:3 އެދުވަސްވަރު މުހިންމު މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު ޒައިތޫނިތެޔޮ ބޮލަށް އެޅިއެވެ.
4ދާއޫދުގެފާނު ރަސްކަމަށް އިސްކުރެވުނު އިރު އެކަލޭގެފާނުގެ އުމުރުފުޅުން ވީ ތިރީސް އަހަރެވެ. އެރަސްގެފާނު ރަސްކަމުގައި ސާޅީސް އަހަރު ދެމި ހުންނެވިއެވެ. 5ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވައި ޔަހޫޛާގެ މައްޗަށް ހަތްއަހަރާއި ހަމަސް ދުވަހު ވެރިކަން ކުރައްވައި އަދި ޖެރޫސަލަމުގައި ހުންނަވައިގެން މުޅި އިސްރާއީލާއި ޔަހޫޛާގެ މައްޗަށް ތެއްތިރީސް އަހަރު ރަސްކަން ހިންގެވިއެވެ.
ދާއޫދުގެފާނު ޖެރޫސަލަމް ފަތަޙަ ކުރެއްވުން
6ރަސްގެފާނާއި އެކަލޭގެފާނުގެ މީހުން ޖެރޫސަލަމުގައި ދިރިއުޅޭ ޔަބޫސީންނާ ހަނގުރާމައަށް ވަޑައިގަތެވެ. ޔަބޫސީން ދާއޫދުގެފާނަށް ދެންނެވިއެވެ.
”⁠ކަލެއަކަށް އަހަރެމެންގެ ރަށަކަށް ނޭރޭނެ. އަހަރެމެންގެ ލޯފަން މީހުންނާއި ކޮރުމީހުން ވެސް ނުކުމެ ކަލޭ ހުއްޓުވާނެ.⁠“
އެމީހުން ހީކުރީ ދާއޫދުގެފާނަށް އެމީހުންގެ ރަށަށް އަރައިވަޑައި ނުގެންނެވޭނެ ކަމަށެވެ. 7އެކަމަކު ދާއޫދުގެފާނު ވަޑައިގެން ޞިޙްޔޫނުގެ ކިއްލާ ހިއްޕަވައިފިއެވެ. އެއީ މިހާރު ”⁠ދާއޫދުގެ ސަހަރު⁠“ އެވެ.
8ހަނގުރާމައަށް ދިޔަ ދުވަހު ދާއޫދުގެފާނު އެކަލޭގެފާނުގެ މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަދާވާތްތެރި ޔަބޫސީން ބަލިކޮށްލަން ބޭނުންނަމަ ފެނުގެ ހޮހަޅައިގެ ތެރެއިން#5‏:8 ފެނުގެ ހޮހަޅައަކީ ރަށުތެރެއަށް ފެންގެންނަން ޖެރޫސަލަމުގެ ބޮޑު ފާރުން ފެށިގެން ކޮނެފައިވާ ފުން ހޮހަޅައެކެވެ. ލާފަ އެރަށަށް އަރާ! އެތަނުން ކަލޭމެންނަށް ލޯފަން މީހުންނާއި ކޮރު މީހުންނާ ހަމަޔަށް ދެވޭނެ.⁠“
އޭގެ ފަހުން ”⁠ނުކުޅެދޭ ކަނުމީހުންނަކަށް ގަނޑުވަރަކަށް ނުވަދެވޭނެޔޭ⁠“ މިހެން ކިޔައިގެން މީހުން ބަސްބުނެ އުޅުނެވެ.
9ދާއޫދުގެފާނު އެސަހަރުގެ ކިއްލާ ހިއްޕަވައި އެތަނުގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ. ދެން އެ އަވަށަށް ”⁠ދާއޫދުގެ އަވަށް⁠“ މިހެން ނަންދީފިއެވެ. ދެން އެތަނުގެ ވަށައިގެން އޮންނަ މިއްލޫ އޭ ކިޔާ ހިސާބު ބޭރުން އެތެރެއަށް ޢިމާރާތް ކުރައްވައި އާބާދު ކުރައްވައިފިއެވެ.
10މިހާރު ދާއޫދުގެފާނުގެ ބާރުފުޅު ގަދަވަމުން ދިޔައެވެ. އެހެނީ އެކަލޭގެފާނާއެކު ކުޅަދުންވަންތަ މަތިވެރިރަސްކަލާނގެ ވޮޑިގެން ވޭމެއެވެ.
11ޞޫރުގެ ރަސްގެފާނު ހީރާމު ދާއޫދުގެފާނުގެ އަރިހަށް ޚަބަރައިގެން މީހަކު ފޮނުއްވިއެވެ. ޙީރާމުގެ ރަސްގެފާނު ސީޑާ ލަކުޑިއާއި#5‏:11 ސީޑާ ލަކުޑި އެއީ ފޮނިވަހެއް ދުވާ ލަކުޑިއެކެވެ. އިނގިރޭސި ބަހުން ކިޔަނީ ސީޑާ ވުޑް އެވެ. ވަޑިންނާއި އަދި ރާނާ މީހުން ވެސް ދާއޫދުގެފާނަށް ގަނޑުވަރެއް ބިނާ ކޮށްދެއްވުމަށް ފޮނުއްވިއެވެ. 12މިހެން ކަމުން ދާއޫދުގެފާނަށް ހަމަ ޙަޤީޤަތުގައި ވެސް އިސްރާއީލުގެ ރަސްކަން މާތްރަސްކަލާނގެ ދެއްވައިފިކަން ޔަޤީން ވެ ވަޑައިގެންފިއެވެ. އަދި މާތްރަސްކަލާނގެ އެކަލޭގެފާނަށް މިހާ މަތިވެރި އާރާއި ބާރެއް މިދެއްވީ އިސްރާއީލުންގެ މައްޗަށް އެކަލާނގެ ހެޔޮ އެދިވޮޑިގަންނަވާތީ ކަން ވެސް އެކަލޭގެފާނަށް ވިސްނި ވަޑައިގަތެވެ.
13އޭގެ ފަހުން ދާއޫދުގެފާނު ޙަބްރޫނުން ޖެރޫސަލަމަށް ވަޑައިގެންފިއެވެ. އަދި އެކަލޭގެފާނު އިތުރު އަނބިންނާއި އަދި ޖާރިޔާއިންނާއި ކައިވެނިބައްލަވައި އެ އެންމެންނަށް ވެސް ދަރިން ލިބިވަޑައިގެންފިއެވެ.
14ދާއޫދުގެފާނަށް ޖެރޫސަލަމުގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުންތަކަކީ، ޝައްމޫޢުއާއި، ޝޫބާބުއާއި، ނާޘާންއާއި، އަދި ސުލައިމާން އެވެ. 15މީގެ އިތުރުން އިބްހާރު، އަލްޔުސޫޢު، ނަފްޖު، ޔަފީއު، 16އަލްޔަސްމިޢު، އަލްޔަދަޢު، އަދި އަލްޔަފާލިތު އެވެ.
ދާއޫދުގެފާނު ފިލިސްޠީނުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުން
17ފިލިސްޠީނީންނަށް އިސްރާއީލުގެ ވެރިޔަކަށް ދާއޫދުގެފާނު ހަމަޖެހުނު ކަމާއި މިހާރު އިސްރާއީލުގެ ރަސްކަލަކީ ދާއޫދުގެފާނު ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެހެންވެ ފިލިސްޠީނުން ދާއޫދުގެފާނު އަވަހާރަކޮށްލުމަށް އެކަލޭގެފާނު ހުންނެވިތަނެއް ބަލާ ހޯދަން ފަށައިފިއެވެ. އެ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޖެރޫސަލަމުގެ ކިއްލާއަށް ވަޑައިގެންފިއެވެ. 18ފިލިސްޠީނީން އައިސް ރަފާއީމްގެ ވާދީގައި ބަނޑަހަ ޖަހައިފިއެވެ.
19ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“
މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.⁠“
20ދެން ދާއޫދުގެފާނު ބަޢަލް ފަރާޒީމަށް ވަޑައިގެން ފިލިސްޠީނީން ބަލިކުރައްވައިފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފިލިސްޠީނުންގެ މައްޗަށް އަހަރެމެންނަށް ފަތަޙަ ދެއްވީ ފެން ހަރުލާފައިވާ ސަތަރިއެއް ފޫދިޔައިމާ ފެން ފައިބައިގަންނަ ފަދައިން.⁠“ އެހެން ކަމުން އެތަނަށް ”⁠ބަޢަލް ފަރާޒީމު⁠“#5‏:20 ޢިބްރާނީ ބަހުން މި ބަހުގެ މާނައަކީ މާތްރަސްކަލާނގެ ފޫވައްޓާލަ ދެއްވި ތަން، މިހެންނެވެ. މިހެން ނަން ކިއުނެވެ.
21ފިލިސްޠީނީން ގެންގުޅުނު ކަލާނގެތަކުގެ ބުދުތައް އެއްލާލާފައި ދިއުމުން ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުން ބަޢަލް ފަރާޒީމުން އެބުދުތައް ގެންދަވައިފިއެވެ.
22ފިލިސްޠީނީން އަނެއްކާވެސް އައިސް ރަފާއީމްގެ ވާދީގައި ބަނޑަހަ ޖަހައިފިއެވެ.
23މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ. 24ހަމަލަދޭން ފަށަންވާނީ ބަލްސާން ގަސްތަކުގެ މަތިން ގުންފައިޖަހާފައި ބަޔަކު ހިނގާފައި ދާކަހަލަ އަޑެއް އިވުމުން. އެވަގުތު ތިމަންކަލާނގެ ކަލޭގެފާނަށް ވުރެން ކުރީގައި އެތަނުގައި ވޮޑިގަންނަވައި ކަލޭގެފާނަށް ފިލިސްޠީނީން ބަލިކޮށް ދެއްވާނަން.⁠“
25ދާއޫދުގެފާނު މާތްރަސްކަލާނގެ އެންގެވިގޮތަށް ކަންތައް ކުރައްވައިފިއެވެ. އެކަލޭގެފާނު ފިލިސްޠީނީން ފައްސަވައި ވަޑައިގެން ޖިބްޢައިނުން ފެށިގެން ޖާޒަރުއާ ދެމެދުގައި ތިބިހާ ފިލިސްޠީނީންނެއް މަރުއްވައި ހުސްކޮށް ލައްވައިފިއެވެ.

Currently Selected:

2 ޞަމޫއީލް 5: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in