ތިމޮތީއަށް ފުރަތަމަ ސިޓީ 6
6
1އަޅު ނޯކަރެއްގެ ގޮތުގައި މަސީޙީންގެ ތެރެއިން މީހަކު ވެއްޖެނަމަ އޭނާގެ ސާހިބު މީހާއަށް އިޙުތިރާމާއި ޤަދަރު ކުރުމާއެކު އަބަދުވެސް ކިޔަމަންތެރިކަން އަދާކުރާށެވެ. މިމަގުން ކަންތައް ކޮށްފިނަމަ މާތްރަސްކަލާނގެ އާއި ބެހޭގޮތުންނާއި އަހަރެމެންގެ މިއުނގަންނައިދިނުމާއި މެދު މީސްތަކުންނަށް ބަދުނާމެއް ނުކުރެވޭނެއެވެ. 2މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ.
ދޮގު ޚަބަރު އުނގަންނައި ދިނުމާއި ޙަޤީޤީ މުއްސަނދިކަން
ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ. 3ދޮގު ފަތުވާގެ އެދުރުން މިކަންތައްތަކާއި މެދު އިންކާރު ކުރާނެއެވެ. އެހެނަސް މި ޚަބަރުތަކަކީ މާތް ސާހިބާ އީސާ އަލްމަސީޙުގެ އުނގަންނަވައި ދެއްވުމެވެ. އަދި އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ޙަޔާތަށް އަހަރެމެން ދިޔުމަށްޓަކާ ފުރިހަމަ ބިންގާ ވެސް އަޅުއްވާ ދެއްވާފައެވެ. 4މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ. 5މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.
6ދީނަކީ ރޫޙާނީ ހިތްހަމަޖެހުމާއެކު ކުރެވޭ ކަމެއް ނަމަ މުއްސަނދިކަން ވެސް ގެނެސްދޭ އެއްޗެއް މެއެވެ. 7މިއާއެކު، އަހަރެމެން ދުނިޔެއަށް އަންނައިރު ނަފްސު ފިޔަވައި އިތުރު އެއްޗެއް ނުގެންނަމެވެ. އަދި ނެތިގެން ދާއިރު ވެސް އިތުރު އެއްޗެއް ނުގެންދެވެއެވެ. ހަމައެކަނި ނަފްސު ފިޔަވައިމެވެ. 8އެހެންވީމާ، އަހަރެމެންގެ އެދުމުގެ މަތިން ކާބޯތަކެއްޗާއި އަންނައުނު ލިބުމުން އަހަރެމެން ހިތްހަމަ ޖެހެއެވެ. 9ނަމަވެސް ތަނަވަސް ކަމަށް އެދުންވެރިވާ ބަޔަކު ވަސްވާސްތަކުގެ ދަންތުރައިގައިޖެހި އަނިޔާވެރިކަމާ މޮޔަ އެދުންތަކަށް ގެނބިގެންގޮސް ހަލާކުވެ ބަރުބާދު ވެދެއެވެ. 10ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.
ޕައުލްގެ އެންމެ ފަހު އިރުޝާދު
11ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ. 12މާތްރަސްކަލާނގެ މަގުގައި ފުރިހަމަ އީމާންތެރިކަމާއި އެކުގައި ހަނގުރާމަކުރާށެވެ. އެކަލާނގެ ގޮވާލެއްވި ނިމުންނުވާ ޙަޔާތުގައި ދެމެހެއްޓެނިވި ގޮތެއްގައި ވޭތުކުރެވޭތޯ ބަލާށެވެ. އެތަކެއް ބައެއްގެ ކުރިމަތީގައި ތިބާ އެއްބަސްވީ ފަދައިން ވެސް އެވެ. 13އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.#ލޫކާސް 23:1-25 14އުނި ނުކޮށް ސާފު ސީދާ ގޮތުގައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާށެވެ. އޭރުން މާތްސާހިބާ އީސާ އަލްމަސީޙު އަލުން އެނބުރި ދުނިޔެއަށް ވަޑައިގަތުމާއި ހަމައަށް އެއްވެސް މީހަކަށް ތިބާގެ ފުށުން ކުށެއް ނުދެއްކޭނެއެވެ. 15ބަރަކާތް ލިބިގެންވާ ހަމައެކަނި ޙާކިމު ކަމަށްވާ މާތްރަސްކަލާނގެ އިރާދަ ކުރައްވާ ކޮންމެ ވަގުތެއްގައި ވެސް އީސާ އަލްމަސީޙު، ސުވަރުގެއިން މި ދުނިޔެއަށް ފޮނުއްވައި ފައުޅު ކުރައްވައިފާނެއެވެ. މާތްކަލާނގެއީ ރަސްރަސްކަލުންގެ ރަސްކަލާނގެ އެވެ. އަދި ސާހިބުންގެ ސާހިބުވަންތަ ކަލާނގެ އެވެ. 16އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.
17މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ. 18އެމީހުންނަށް ދެއްވި އެ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބުނެދޭށެވެ. ހެޔޮ އަމަލުތަކުގެ ސަބަބުން މުއްސަނދި ވެފައިވާނަމަ ދީލަތިކަމާއެކު ކަމަކަށް ބޭނުން ވެފައިވާ މީހާއަށް އެހީވާށެވެ. މާތްރަސްކަލާނގެ ދެއްވި ތަކެތިން އަބަދުވެސް އަނެކުންނާ ޙިއްސާ ކުރާށެވެ. 19މިގޮތައް އަމަލު ކުރުމުން އެމީހުންގެ މުސްތަގުބަލަށްޓަކައި ރަނގަޅު ބިންގަލެއް އެޅި ޚަޒާނާތައް ގުދަން ކުރެވި ޙަޤީޤީ ޙަޔާތް ދެމެހެއްޓިގެން ދާނެއެވެ.
20ތިމޮތީއެވެ. މާތްރަސްކަލާނގެ ހަވާލު ކުރެއްވި ކަންތައް ބެލެހެއްޓުމަށް ތިބާއާއި ހަވާލު ކުރަމެވެ. ކަލާނގެވަންތަކަމާއި ދެކޮޅު، ތާކުންތާކު ނުޖެހޭ މަޝްވަރާތަކާއި އެމީހުންގެ އިލްމޭ އެ ކިޔާ އެއްޗަކާ ތިބާއާ ދެކޮޅު ހުރިހާ ބަޔަކާ އެކަހެރިވާށެވެ. 21ބައެއް މީހުން ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ފަހަތުން ގޮސް އީމާންތެރިކަން ނަގާލާ މިސްރާބެއް ނެތި ދަތުރު ކުރެއެވެ.
މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ލައްވާށިއެވެ! އާމީން.
Currently Selected:
ތިމޮތީއަށް ފުރަތަމަ ސިޓީ 6: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.