ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5
5
މާތްސާހިބާ ވަޑައިގަންނަވާއިރަށް ތައްޔާރުވާށެވެ.
1އަޚުންނާއި އުޚުތުންނޭވެ! ވަގުތާއި ތާރީޚާއި މެދު ލިޔާކަށް އަހަރެންނަކަށް ނުޖެހެއެވެ. 2އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ. 3އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ. 4ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ތިބީ އަނދިރީގައިމެ ނޫނެވެ. އެހެންވީމާ، ވަގަކު ވަންނަ ފަދައިން މާތްސާހިބާ އެނބުރިވަޑައިގެންނެވިޔަސް އެދުވަހަކުން ތިޔަބައިމީހުން ޙައިރާނެއް ނުވާނެއެވެ. 5އެހެނީ ތިޔަބައިމީހުންނީ އަލިކަން މިލްކުވެގެންވާ އަދި ދުވާލުގައި ޙަޔާތުވޭތުކުރަމުން ގެންދާ ބައެކެވެ. އަހަރެމެން އެންމެންނަކީ ރޭގަނޑާއި އަދި އަނދިރިކަމުގެ އަހުލުވެރި ބައެއް ނޫނެވެ. 6އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ. 7މީސްތަކުންގެ ތެރެއިން ނިދާ މީހުން ނިދަނީ ރޭގަނޑުގައެވެ. މަސްތުވުމުގައިވާ މީހުން މަސްތުވަނީ ވެސް ރޭގަނޑުގައެވެ. 8ނަމަވެސް އަހަރެމެން މިލްކުވެގެންވަނީ ދުވާލަށެވެ. އެހެންވީމާ، އަހަރެމެންގެ އަމިއްލަ ނަފްސު ހިފެހެއްޓެން އަހަރެމެންނަށް ޖެހޭނެއެވެ. އަހަރެމެން އަޅަންޖެހޭނީ އީމާންތެރިކަމާއި ލޯބިން މޭމަތި ހިމާޔަތްކޮށްދޭ ފަދަ އެއްޗެކެވެ. އަދި އަހަރެމެންގެ ބޮލުގައިވާ ހެލްމެޓް ވާންޖެހޭނީ ދިންނެވުމުގެ އުންމީދު ކަމުގައެވެ. 9މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އެކަލާނގެ ކޯފާގެ ވޭން އަހަރެމެން ތަޙައްމަލު ކުރުމަކަށްމެ ނޫނެވެ. ނަމަވެސް މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވުމަށެވެ. 10އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ. 11އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.
އެންމެފަހުގެ އިރުޝާދާއި ހެޔޮ އެދުން
12އަޚުންނާއި އުޚުތުންނޭވެ. މާތްސާހިބާއަށްޓަކައި ތިޔަބައިމީހުންގެ ޙަޔާތު ވޭތުކުރުމަށް އުނގަންނައިދީ އަދި ތިޔަބައިމީހުންގެ މެދުގައި ގަދައަޅައި މަސައްކަތްކުރި ވެރިންނަށް ގަދަރު ކުރުމަށް އިލްތިމާސް ކުރަމެވެ. އެމީހުން ތިޔަބައިމީހުންނަށް ރޫހާނީ މަގުދައްކައި ދިނުމަށް މަސައްކަތް ކުރިއެވެ. 13އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.
14އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ. 15އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.
16އަބަދުވެސް އުފާކުރާށެވެ. 17އަބަދުމެ ދުޢާ ކުރުމުގައި ވާށެވެ. 18ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.
19މާތްރަސްކަލާނގެ މާތްރޫޙުފުޅު ނިވުނަ ނުދޭށެވެ. 20ޣައިބުގެ ބަސްތަކުން އެނގޭ ކަންކަމަކީ މުހިންމު ކަމެއް ނޫން ކަމުގައި ނުދެކޭށެވެ. 21ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ. 22އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.
23މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ. 24ތިޔަބައިމީހުން ޚިޔާރު ކުރެއްވި ފަރާތުން މިކަންތައްތައް ތިޔަބައިމީހުންނަށް ކޮށްދެއްވާނެއެވެ. އެކަލާނގެއީ އަމާނާތްތެރިވެ ވޮޑިގެންވާ ކަލާނގެއެވެ.
25އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންނަށްޓަކައި ދުޢާ ކުރާށެވެ.
26އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމުގެ ބޮސް ދިނުމަކާއެކު މަރުޙަބާ ކިޔާށެވެ. 27އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.
28މާތްސާހިބާ އީސާ އަލްމަސީޙު ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ދެއްވާށިއެވެ. އާމީން.
Currently Selected:
ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.