ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4
4
މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތް
1އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ. 2މާތްސާހިބާ އީސާ އަލްމަސީޙުގެ އަމުރުވެރިކަމާއެކު އެކަލޭގެފާނުގެ މަންދޫބެއްގެ ގޮތުން ތިޔަބައިމީހުން ކުރުމަށް އަހަރެން ބުނެދިނީ ކޮން ކަންތައްތަކެއްކަން ތިޔަބައިމީހުން ދަންނާނެއެވެ.
3މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުން މާތް ބައެއްގެ ގޮތުގައި ވުމަށެވެ. އަދި ޖިންސީ ފާފަތަކުން ދުރުވެގެން ވުމަށެވެ. 4އެކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް އޮބަހައްޓާނީ ކިހިނަކުންކަން ދަސްކުރުމަށެވެ. މާތްވެގެންވާ ގޮތުގެ މަތިން އެ ނަފްސުތަކަށް ޤަދަރު ކުރުމަށެވެ. 5މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ. 6ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ. 7އަހަރެމެންނަށް މާތްކަލާނގެ ގޮވާލައްވަނީ ސާފުތާހިރު ނޫން ގޮތުގައި ދިރިއުޅޭ ބަޔަކަށް ވުމަކަށް ނޫނެވެ. އަދި އޭގެބަދަލުގައި އެކަލާނގެ އަހަރެމެންނަށް ގޮވާލައްވަނީ މާތް ގޮތުގައި ދިރިއުޅުމަށެވެ. 8އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ. 9ތިޔަބައިމީހުންގެ މެދުގައިވާ މަސީޙީ އާއިލާގެ އެކަކު އަނެކަކާއިމެދު ލޮބުވެތި ކަމުގައި ވުމަށް އެދި ތިޔަބައިމީހުންނަށް ލިޔާކަށް ވެސް ނުޖެހެއެވެ. ސަބަބަކީ ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ލޮބުވެތި ވުމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާފައިވާތީއެވެ. 10އަދި މެސެޑޯނިޔާގެ ސަރަހައްދުގައިވާ އެންމެހާ މަސީޙީންދެކެ ތިޔަބައިމީހުން ތެދުވެރި ގޮތުގައި ލޯބިވެއެވެ. އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނަށް އަހަރެން މި ހިނދު ހިތްވަރު މިދެނީ އެބައިމީހުންދެކެ އިތުރަށް ލޯބިވުމަށެވެ. 11ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ. 12މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.
މާތްސާހިބާ ވަޑައިގެންނެވުން
13އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ. 14އަހަރެމެން އީމާންވާ ގޮތުގައި އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު، އަލުން ދިރި ވަޑައިގެންނެވިއެވެ. ވީމާ އަހަރެމެން އީމާންވަނީ ނިޔާވެ ދިޔަ އެންމެހާ މަސީޙީން ވެސް އީސާގެފާނާއި އެކުގައި މާތްރަސްކަލާނގެ ގެންނަވާނެ ކަމަށެވެ.
15ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ. 16ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ. 17އެއަށް ފަހު، އަހަރެމެން ފަދައިން ދުނިޔޭގައި ތިބި މަސީޙީން އޭގެ ކުރީގައި ނިޔާވި މަސީޙީންނާއި އެއްތަން ކުރައްވާނެއެވެ. އަހަރެމެން އުޑަށް އުފުލި ވިލާގަނޑުތަކުގައި މާތްސާހިބާ އާއި ބައްދަލު ކުރަން ގެންދެވޭނެއެވެ. އަދި އަހަރެމެން އަބަދުގެ އަބަދަށް މާތްސާހިބާ އާއި އެކުގައި ވާނެއެވެ. 18އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.
Currently Selected:
ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.