YouVersion Logo
Search Icon

1 ޞަމޫއީލް 13

13
ޝާއުލްގެފާނު މާތްރަސްކަލާނގެއަށް އުރެދުން
1ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވުނީ އެ ކަލޭގެފާނުގެ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އޭގެ ފަހުން ސާޅީސް ދެ އަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ.#13‏:1 ކުރީގެ ފޮތްތަކުގައި މި އަދަދު ވަނީ ކިޔަން ނޭނގެވަރު ވެފައެވެ. އެހެންކަމުން މިއީ ޢިބްރާނީ ބައެއް ގުރީކު ލިޔުންތަކުގައި ލިޔެވިފައިވާ ގޮތެވެ. ޢިބްރާނީ ލިޔުންތަކުގައި މި ތާރީޚު ސާފެއް ނުވެއެވެ. 2ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.
3ޖިބްޢައިގެ ސަރަހައްދުގައިވާ ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަށް ޔޫނަތައިން ހަމަލަ ދީފިއެވެ. މި ޚަބަރު ފިލިސްޠީނުންނަށް ވެސް ލިބިއްޖެއެވެ. ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަންތައް ހިނގިގޮތް ޢިބްރާނީންނަށް ވެސް އަންގާ!⁠“ ދެން އެމީހުން ތާޅަފިލި ފުމެ މުޅިރަށަށް އެ ޚަބަރު އަންގައިފި އެވެ. 4އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.
5ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ.#13‏:5 ކުރީގެ ބައެއް ފަތްފުށްތަކުގައި ވަނީ 30 ހާސް އަސްމަތީ ހަނގުރާމަ ކުރާ މީހުން ކަމުގައެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ. 6އިސްރާއީލުގެ މީހުންނަށް މި ލަޝްކަރު ފެނުމުން އެމީހުންނަށް ގަދަ ނުވެވޭނެކަން ވިސްނިގެން ވަލުތެރެއަށާއި ހޮހަޅައަށާއި ގާ ގަލުގެ ފުރަގަހަށާއި ވަޅު ވަޅަށް ފައިބައި ފިލައްޕެވެ. 7ބައެއް ޢިބްރާނީން އުރުދުން ކޯރު ހުރަސްކޮށް ޖާދުއަށާއި ޖިލްޢާދުއަށް ވެސް ދަތުރު ކޮށްފި އެވެ.
އެހެންނަމަވެސް ޝާއުލްގެފާނު ހުންނެވީ ޖިލްޖާލުގަ އެވެ. އެކަލޭގެފާނުގެ ކާރީގައި ތިބި ހަނގުރާމަވެރިން ބިރުން ރޫރޫ އަޅަމުން ދިޔައެވެ. 8ޞަމޫއީލްގެފާނު ޖިލްޖާލަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވުމާއެކު ވެސް ހަތްދުވަސް ވީއިރު ވެސް އެކަލޭގެފާނު ވަޑައެއް ނުގެންނެވިއެވެ. އެހެންވެ ޝާއުލްގެފާނުގެ ކާރީގައި ތިބި ސިފައިން އެކަލޭގެފާނު ދޫކޮށް ދާން ފަށައިފިއެވެ. 9ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ގާތަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ އާއި އެންދުމުގެ ޤުރުބާނީ ގެނޭ.⁠“#13‏:9 މިއީ ސުލްޙައަށް ނުވަތަ ސަލާމަތަށް އެދި ހުށަހަޅާ ޤުރުބާނީއެކެވެ. މިއީ ޝާއުލްގެފާނު ކުރައްވަން ހުއްދަ އޮތް ކަމެއް ނޫނެވެ. ދެން ޝާއުލްގެފާނު މި ޤުރުބާނީތައް ހުށަހަޅައިފި އެވެ. 10އެކަލޭގެފާނު މި ކަންތަކުގެ ތެރޭ އުޅުއްވަނިކޮށް ޞަމޫއީލްގެފާނު ވަޑައިގެންފިއެވެ. ދެން ޝާއުލްގެފާނު އެކަލޭގެފާނަށް މަރުހަބާ ކިޔަން ވަޑައިގެންފިއެވެ.
11ޞަމޫއީލްގެފާނު އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ހެއްދެވީ ކިހިނެއް؟⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑު ދޫކޮށް ހުރިހާ ހަނގުރާމަވެރިން ދާން ފަށައިފި. ކަލޭގެފާނު ވެސް ހަތް ދުވަސް ވީއިރު ވެސް ވަޑައެއް ނުގެންނެވި. ފިލިސްޠީނުން މިޚްމާސްއަށް ޖަމާވަމުން ދާން ފަށައިފި. 12އަޅުގަނޑު ހިތަށް އަރައިފި. ފިލިސްޠީނުން ޖިލްޖާލަށް އައިސް އަޅުގަނޑަށް ހަމަލަ ދީފާނެއޭ. މިހާތަނަށް އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެހީއަކަށް އެދި ދަންނަވާފައެއް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އަމިލައަށް ޤުރުބާނީ ވެދުން ކުރަން މަޖްބޫރުވީ.⁠“
13ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް. 14އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.⁠“ 15ދެން ޞަމޫއީލްގެފާނު ޖިލްޖާލުން އެނބުރި ވަޑައިގެން ބަންޔާމީންގެ ރަށެއް ކަމުގައިވާ ޖިބްޢާ އަށް ވަޑައިގެންފިއެވެ. ޝާއުލްގެފާނުގެ ލަޝްކަރުގައި ބާކީ ތިބި މީހުންގެ އަދަދު ގުނިއިރު އަދިވެސް ހަ ސަތޭކަ މީހުން އެބަތިއްބެވެ.
އިސްރާއީލީން އަތުން ހަތިޔާރު ހުސްވުން
16ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ދެކަލުން ތިއްބެވީ ބަންޔާމީންގެ ޖިބްޢައިގައެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރު މިޚްމާސްގައި ފޭލިގެ ޖަހައިފިއެވެ. 17ދެން ފިލިސްޠީނުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ ގަދަފަދަ ފަހުލަވާނުންގެ ތިން ފިރުޤާއެއް އެކުލަވައި މީގެ އެއް ފިރުޤާ ޝުއާލްގެ ޢަފްރާއާ ވީ މަގުން ދީމާކޮށްފިއެވެ. 18އަނެއް ފިރުޤާ ބައިތު ޙޫރޫންއާ ދިމާލުން އެރިއެވެ. ތިންވަނަ ފިރުޤާ ދިޔައީ ޒަބޫއީމުގެ ވާދީތަކާ ދިމާ މަތީގައި އޮންނަ ސަހަރާގެ އިމާ ދިމާއަށެވެ. 19އިސްރާއީލުގެ އެއްވެސް ރަށެއްގައި ކަނބުރުވެރިޔަކު ނުހުރެއެވެ. އެއީ ފިލިސްޠީނުން ބުނާގޮތުގައި އޭގެ މީހަކު ހުރެއްޖެނަމަ ޢިބްރާނީން ކަނޑިއާއި ލޮންސި ހަދާފާނެތީއެވެ. 20އެމީހުން ބޭނުންވާ ފުރޯތަކާއި މުޅޯތަކާއި އުދެލިތަކާއި ފާންތިލަ ތަކާއި ފަސްގަނޑުޖެހި ފަދަ ތަކެތި ހައްދައި ތޫނު ކޮށް ހަދަނީ ފިލިސްޠީނުން ލައްވައެވެ. 21އެމީހުން އުދެއްޔެއް ތޫނު ކޮށް ދެނީ ރިހި އައުންސެއްގެ ހަތަރުބައިކުޅަ އެއްބަޔަށެވެ. އަދި މުޅޮއެއް ފުރޯއެއް ބިންކޮންނަ ކަށްޓެއް ނުވަތަ އަސްގާޑިޔަލުގެ ދަނޑިއެއް ތޫނު ކޮށް ހަދާދެނީ ރިހި އައުންސެއްގެ އަށްބައިކުޅަ އެއްބަޔަށެވެ.
22ހަނގުރާމައެއް ކުރަން ދިމާވިއަސް ޝާއުލްގެފާނުގެ ލަޝްކަރުގެ މީހެއްގެ އަތުގައި ކަނޑިއެއް ލޮންސިއެއް ނޯވެއެވެ. ހުރި އެއްޗެއް ހުންނަނީ ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ އަތުގައެވެ.
ޔޫނަތައިން ފިލިސްޠީނުންނަށް ހަމަލަ ދިނުން
23ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.

Currently Selected:

1 ޞަމޫއީލް 13: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in