YouVersion Logo
Search Icon

ޔޫޙަންނާގެ ފުރަތަމަ ސިޓީ 3

3
އީސާގެފާނަށް އީމާންވެ ތިބި އެންމެންނަކީ މާތްރަސްކަލާނގެ ދަރިން
1މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ. 2އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ. 3އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.
4ފާފަކުރުމުގައި ދެމިހުންނަ ކޮންމެ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ މީހެކެވެ. އެހެނީ ފާފަ ކުރުމަކީ އެކަލާނގެ އަމުރުފުޅު މުގުރައިލުމެވެ. 5އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ. 6އެހެންވީމާ، އަލްމަސީޙާއި އެއްބައިވަންތަ ކަމުގައިވާ އެއްވެސް ފަރާތަކުން ފާފަ ކުރުންމަތީގައި ދެމިހުރެގެން ނުވާނެއެވެ. ނަމަވެސް ފާފަކުރުންމަތީގައި ދެމިހުންނަ މީހަކަށް އެކަލޭގެފާނެއް ނުފެނެވެ. ނުވަތަ އެމީހަކަށް އެކަލޭގެފާނެއް ނޭނގެއެވެ.
7އަހަރެންގެ ދަރިންނޭވެ! އެއްވެސް މީހަކަށް ތިޔަބައިމީހުން މަގުފުރެއްދުމަށް ފުރުސަތު ނުދީ ސަމާލުވެ ތިބޭށެވެ. މީސްތަކުން ހެޔޮ އަމަލުތައް ކުރުމުން ދައްކައިދެނީ އެބައިމީހުންނަކީ ޞާލިޙު ބައެއް ކަމެވެ. އަދި އެބައިމީހުން އަލްމަސީޙު ފަދައިން ޞާލިޙު ކަމެވެ. 8ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.
9މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ. 10މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.
11ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”⁠އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!⁠“ 12އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ#ފެށުން 4‏:4. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.
13އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ! މި ދުނިޔޭގެ މީހުން ތިޔަބައިމީހުންނާ މެދު ނަފްރަތު ކުރުމުން އެކަމާމެދު ތިޔަބައިމީހުން ޙައިރާން ނުވާށެވެ. 14އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތި ކަން މަތީ ތިބޭ ތިބުމުން ސާބިތު ކޮށްދެނީ އަހަރެމެން މަރުވެ ތިބުމަށް ފަހު އާ ޙަޔާތެއް ލިބިއްޖެ ކަމެވެ. އަނެކާގެ މައްޗަށް ލޯތްބެއްނުވާ ކޮންމެ މީހަކީ އަދިވެސް މަރުވެފައިވާ މީހެއްމެއެވެ. 15އެއްވެސް އަޚަކު ނުވަތަ އުޚުތަކު އަނެކާ އާ މެދު ނަފްރަތު ކުރާނަމަ އޭނާއަކީ ގާތިލެއް މެއެވެ. އަދި އެފަދަ ގާތިލުންގެ ކިބައިގައި ނިމުންނުވާ ޙަޔާތެއް އެކުލެވިފައެއް ނުވެއެވެ. 16އީސާގެފާނު އަހަރެމެންނަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ދެއްވުމުގެ ސަބަބުން އަހަރެމެންނަށް ލޯތްބަކީ ކޮބައިކަން އެނގިއްޖެއެވެ. އެހެންވީމާ، އަހަރެމެންގެ މުޅި ޙަޔާތް ވެސް އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދޭންޖެހެއެވެ. 17ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ. 18އަހަރެންގެ ދަރިންނޭވެ! އަހަރެމެން މީސްތަކުންނާއިމެދު ލޮބުވެތިކޮށް ހިތާންވީ ހަމައެކަނި ބަސްތަކަކުން ނުވަތަ ބުނާއެއްޗަކުންނެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ ލޮބުވެތިކަން ދައްކައިދޭންވީ ތެދު ހިތުން މީސްތަކުންނަށް އެހީތެރިވެދީގެންނެވެ.
19އަހަރެމެންގެ އަމަލުތައް މިފަދައިން ހުރުމުން އަހަރެމެން ނިސްބަތްވަނީ ޙައްޤު ތެދަށް ކަން އެނގޭނެއެވެ. މިކަމުން އަހަރެމެންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްހަމަޖެހުމާއެކު ތިބެވޭނެ ކަމުގެ އިތުބާރު ލިބިދެއެވެ. 20އަދި އަހަރެމެންގެ ޒަމީރު އަހަރެމެން ކުށްވެރި ކުރާނަމަ އެޒަމީރަށް ވުރެން މާތްރަސްކަލާނގެ މާ މަތިވެރިކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެއީ އެންމެހާ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ކަން ވެސް އަހަރެމެންނަށް އެނގެއެވެ. 21އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނީ ކުށްވެރިކަމުގެ އިހުސާސްތައް ނުވާ ބައެއް ނަމަ މާތްރަސްކަލާނގެ ޙަޟްރަތަށް އަންނަން އަހަރެމެންނަށް ކެރޭނެއެވެ. 22އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ. 23މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ. 24އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in