ނެރުއްވުން 35
35
ސަބަތުގެ ދުވަހާއި ބެހޭ ގަވާއިދުތައް
1ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ އެންމެން އެއްކުރައްވައި ވިދާޅުވިއެވެ. ”މިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް: 2ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ. 3އެދުވަހު އެކަކު ވެސް އުނދުން ވެސް ރޯކޮށްގެން ނުވާނެ.“
ފޭލިގެކޮޅަށް ހަދިޔާ ވެދުން ކުރުން
4ދެން މޫސާގެފާނު ބަނީއިސްރާއީލުގެ އެންމެހާ މީސްތަކުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: 5’ތިމަންކަލާނގެއަށް ހުށަހެޅުމަށް ވެދުން ގެންނާށޭ. ވެދުން ހުށަހަޅަން އެދޭ މީހުން ތިރީގައި މިވާ ފަދައިން ތިމަންކަލާނގެއަށް ވެދުންތައް ހުށަހަޅާށޭ:
ރަނާއި ރިއްސާއި އަދި ކަފުލޯ؛
6ނުލާއި ދަނބާއި ގަދަރަތް ރޮދި؛
މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛
7ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން؛
އަކާސިޔާ ލަކުޑި؛
8ބައްތި ދިއްލާނެ ޒައިތޫނި ތެޔޮ؛ ޚާއްސަކުރެވޭ މީހުންގެ ގަޔަށް އޮއްސާ ތެލާއި މީރުވަސް ދުއްވާ ތަކެއްޗާއި ދުންބުރުވާ ހަދާނެ ތަކެތި؛
9ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި އޭގެ މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.‘
10ކަލޭމެންގެ ތެރޭގައި ތިބި ފާޑުވެރި މޭސްތިރީންގެ އެންމެން އައިސް މާތްރަސްކަލާނގެ އެންގެވި ފަދައިން މިއެއްޗެހި ތައްޔާރު ކުރޭ:
11ފޭލިގެކޮޅާއި އެތަނުގެ ނިވާތަކާއި އެތަކެތި ހަރުކުރާ ބުޅިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް؛
12ޢަހުދުނާމާ ފޮށިކޮޅާއި އެފޮށިކޮޅު އުފުލާނެ ދަނޑިތައް.
ފޮށިކޮޅުގެ ކައްފާރާ މަތިގަނޑު؛
ފޮށިކޮޅު ނިވާކުރުމަށް އެތެރޭގައި ދަމާ ފަރުދާ؛
13މޭޒުކޮޅާއި އުފުލާ ދަނޑިތަކާއި ތަށިތެލި ކަންވާރުތައް؛
ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް؛
14ތަނަށް އަލިކުރުމަށް ބައްތި އެލުވާނެ ދަނޑިއަކާއި ބައްތި ތަށިތަކާއި އެއާއެކު ބޭނުންކުރެވޭ ތަކެއްޗާއި ބައްތި ދިއްލަން އަޅާނެ ޒައިތޫނި ތެޔޮ.
15ދުންބުރުވާ އައްޓާއި އެ އުފުލާ ދަނޑިތައް؛
އުނގުޅާ ތެލާއި އޭގައި މީރު ވަސްދުއްވާނެ ތަކެތި؛
ފޭލިގެކޮޅަށް ވަންނަ ދޮރުމަތީ ދަމާ ފަރުދާ؛
16ޤުރުބާނީ އަންދާ އައްޓާއި އެ އުފުލާނެ ދަނޑިތަކާއި އޭގެ ކަފުލޮއިގެ ފުރޭންޏާއި އެހެނިހެން ސާމާނުތައް؛
ސާފުތާހިރުވާ ފެން ކަފުލޯ ބިލިގާއާއި އެ ބަހައްޓާ ހަރު؛
17އިމުގެ ވަށައިގެން ދަމާނެ ފަރުދާތަކާއި ތަނބު ތަކާއި އެ ބަހައްޓާނެ ބުޑުތައް؛
ދޮރާ ދިމާގައި ދަމާ ފަރުދާ؛
18ފޭލިގެ ހިފަހައްޓަން ޖަހާ އިލިތަކާއި ވަށައިގެން ހަރިންމައިގައި ވާ ފަރުދާ ހަރުކުރާނެ އިލިތަކާއި ވާވެލާވެލި؛
19މާތްވެގެންވާ މަޤާމުފުޅަށް ކުއްތަންވާއިރު އިމާމުން ލާން ފަހާނެ ރީތި ހެދުންތައް. އެއީ ހާރޫނުގެފާނާއި އޭނާގެ ދަރިކަލުން އިމާމުކަން ކުރާއިރު ލާނެ ކަރާމާތްތެރި ހެދުންކޮޅުތައް.“
މީހުން ވެދުމާއިގެން އައުން
20އެހެންކަމުން އިސްރާއީލީން މޫސާގެފާނު ދޫކޮށް ފޭލިގެތަކަށް ހިނގައްޖެއެވެ. 21އެމީހުންގެ ހިތުގައި ރޫޙާނީ ވަރުގަދަ ފޯރިއެއް ހިނގައިގަނެ މާތްރަސްކަލާނގެއަށް ވެދުން ކުރުމަށް ފޭލިގެކޮޅަށް ބޭނުންވާނެ ތަކެތި ގެނަސްފިއެވެ. އަދި އަޅުކަން ކުރަން ބޭނުންވާހާ ތަކެއްޗަކާއި ކަރާމާތްތެރި ހެދުންތައް ވެސް ތައްޔާރުކޮށްގެން އަތުވެއްޖެއެވެ. 22އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ. 23އަދި މިބާވަތުގެ ތަކެތި ހުރި މީހުން ވެސް އައީ އެ އެއްޗެހި ހިފައިގެންނެވެ: ނޫކުލައާއި ދަނބުކުލަ، އަދި ގަދަރަތް ކުލަ ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރީގެ މޮޅު ފޮތި؛ ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ގެރި ހަން. 24އަދި ރިއްސާއި ކަފުލޯ ފަދަ ތަކެތި ހުރި މީހުން އެތަކެތި ގެނެސް މާތްރަސްކަލާނގެއަށް ވެދުން ކުރިއެވެ. އަދި އަކާސިޔާ ލަކުޑި ހުރި މީހުން އެއެއްޗެހިވެސް ގެނެސްދިނެވެ.
25ތިނޯހުގެ މަސައްކަތް ކުރަން ދަންނަ އަންހެންވެރިން، ނުލާއި ދަނބާއި ގަދަރަތް ރޮދީގެ ބަރަނި އެޅިއެވެ. އަދި މޮޅު ފޮތި ވެސް ގެނައެވެ. 26ބަކަރި ކެހެރިން އުއި ވަށަން ދަންނަ އެކަންތައް ކުރާ ހިތުން ތިބި އަންހެނުން އެމަސައްކަތް ވެސް ކުރިއެވެ. 27އެމީހުންގެ އިސް ވެރިން، އަފޫދު ހެދުމާއި އޭގެ މޭމަތީ ފޮތިގަނޑުގައި ޖަހާނެ ޔަމަނު ޢަޤީޤު ހިލައާއި ޖަވާހިރުތައް ގެނައެވެ. 28އަދި މީރު ވަސްދުވާ ތަކެއްޗާއި ބައްތި ދިއްލާނެ ޒައިތޫނިތެލާއި އުނގުޅާ ތެޔޮ ތައްޔާރު ކުރާނެ މީރު ވަސްދުވާ ތަކެއްޗާއި ދުން އަޅާނެ ތަކެތި ވެސް ގެނައެވެ.
29 މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް އެންގެވި ހުރިހާ ކަމެއް ކުރުމަށް ބޭނުންވާ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށް އެދުނު ބަނީއިސްރާއީލުގެ ހުރިހާ އަންހެނުންނާ ފިރިހެނުން އެތަކެތި ގެނެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށައެޅިއެވެ.
މާތްރަސްކަލާނގެ ފޭލިގެކޮޅު ހަދާ މޭސްތިރީން
30ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި. 31މާތްކަލާނގެ ވަނީ އެއިލާހުގެ މާތްރޫޙުފުޅުން އޭނާއަށް މިކަމުގެ ޙިކުމަތާއި ކުޅަދާނަކަމާއި ވިސްނުން ދެއްވާފައި. އަދި ހުރިހާ ކަމެއް ކުރުމުގެ ފަންނުވެރިކަން ވެސް ވަނީ އޭނާއަށް ދެއްވާފައި. 32އޭނާއަކީ ރަނާއި ރިހިން އަދި ކަފުލޯގެ އަތުމަސައްކަތާއި އަތްތެރިކަމުގެ ތަޖުރިބާ ލިބިފައި ހުރި ފާޑުވެރި މޭސްތިރިއެއް. 33އަދި ޖަވާހިރުގައި ކަނޑާނަގައި އެ ހަރުކޮށް ލަކުޑީގެ ތަކެތި ބިންވަޅު ނެގުމަށް ވެސް ކުޅަދާނަ މީހެއް. އޭނާއަކީ ހުރިހާ މަސައްކަތެއްގެ މާހިރެއް. 34އަދި އެކަލާނގެ ވަނީ އޭނާއާއި ދާނުގެ ގަބީލާއިން އައިސް ހުރި އަޚީސާމާކުގެ ދަރި އަހޫލިޔާބަށް، އެހެން މީހުންނަށް ކަންކަން ދަސްކޮށް ދިނުމުގެ ކުޅަދާނަކަން ވެސް ދެއްވާފައި.
35އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.“
Àwon tá yàn lọ́wọ́lọ́wọ́ báyìí:
ނެރުއްވުން 35: ކމ
Ìsàmì-sí
Pín
Daako
Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
© (Active), Wycliffe Bible Translators, Inc. All rights reserved.