ނެރުއްވުން 36
36
1މާތްވެގެންވާ ފޭލިގެކޮޅު އެކަލާނގެ އެންގެވި ފަދައިން ތައްޔާރުކުރުމަށް ބަޞަލީލުއާއި އަހޫލިޔާބުއާއި އަދި މާތްރަސްކަލާނގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދެއްވި އެންމެންނާ ހަވާލު ކުރެވިއްޖެއެވެ. 2މި މަސައްކަތަށް ޝައުގުވެރިކަން ހުރި ހުރިހާބަޔަކު ގެންނަވައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް މޫސާގެފާނު އެންގެވިއެވެ. 3ބަނީއިސްރާއީލުގެ މީސްތަކުން އެފޭލިގެކޮޅު ހެދުމަށްގެނައި ތަކެތި މޫސާގެފާނު އެމީހުންނާ ހަވާލު ކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު މެދުކެނޑުމެއްނެތި މީސްތަކުން ތަކެތި ގެނެސް ދެމުން ގެންދިޔައެވެ.
4ދެން އެފޭލިގެ ކޮޅު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން މަސައްކަތް ހުއްޓާލާފައި ހިނގައްޖެއެވެ. 5އެމީހުން ގޮސް މޫސާގެފާނަށް ދެންނެވިއެވެ. ”މިމީހުން މިތަކެތި ގެންނަނީ މާތްރަސްކަލާނގެ ކުރަން އެންގެވި މަސައްކަތަށް ބޭނުންވާ ވަރަށް ވުރެން މާ ގިނައިން.“
6ދެން މޫސާގެފާނު ބަނީއިސްރާއީލުން އުޅޭ ފޭލިގެތަކަށް އެންގެވުމެއް ފޮނުއްވައިފިއެވެ. ”އެކަކު ވެސް ދެން އިތުރަށް މާތްކަލާނގެ ފޭލިގެކޮޅު ހެދުމަށް އެއްވެސް އެއްޗެއް ގެނަސްގެން ނުވާނެ.“ އޭގެ ފަހުން އެކަކު ވެސް ދެން އިތުރަކަށް އެއްޗެއް ނުގެނެއެވެ. 7އެއީ މީސްތަކުން ހަދިޔާކުރި ތަކެތި ހުރިހާ މަސައްކަތެއް ކޮށް ނިމި އިތުރުވާ ވަރަށް ވެސް ހުރީމައެވެ.
ފޭލިގެކޮޅު ހެދުން
8ކަމުގެ ފަންނުވެރިން އައިސް ފޭލިގެކޮޅާއި އެތާނގެ ފަރުދާތައް ތައްޔާރުކޮށްފިއެވެ. އެމީހުން ނޫކުލައާއި ދަނބުކުލައާއި ގަދަރަތް ރޮދިން ކަރޫބީމު #36:8 ކަރޫބީމު މިއީ ކަރޫބީ މަލާއިކަތުން ރަމްޒުކޮށްދޭގޮތަށް ފިޔަގަނޑެއް ލާފައި ވާ ޖަނަވާރެއްގެ ސިފައިގައި ކުރަހާ ސޫރަތަކެކެވެ.މަލާއިކަތުންގެ ސޫރަ ޖަރީކޮށްގެން މޮޅު ލިނެން ފޮތީގެ ދިހަ ފަރުދާ ތައްޔާރު ކުރިއެވެ. 9އޭގެ ކޮންމެ ފަރުދާއެއްގެ ދިގުމިނުގައި ސާޅީސް ދެ ފޫޓު ފުޅާމިނުގައި ހަ ފޫޓު ހުއްޓެވެ. މި ހުރިހާ ފަރުދާތަކެއް ހުރީ އެއް މިނަކަށެވެ. 10އެމީހުން އެ ފަރުދާތައް ދެބަޔަށް ބަހައި ކޮންމެ ބައެއްގައި ފަސް ފަރުދާ އެއްކޮށް ގުޅުވިއެވެ. 11ދެން އޭގެ އެންމެ ފަހު ފަރުދާގެ ކައިރިފަށުގައި ނޫކުލައިގެ ފޮތިން މަޅިތަކެއް ހަދައި ހަރުކުރިއެވެ. 12އޭގެ އެއް ފަރުދާގެ އަރިމަތީގައި ފަންސާސް މަޅި އަދި އަނެއް ފަރުދާގެ އަރިމަތީގައި ފަންސާސް މަޅި ހަރުކުރިއެވެ. 13ދެން ރަނުގެ ފަންސާސް ބުޅި ހަދައި އެދެފޮތިގަނޑު އެއްފޮތިގަނޑަށް ވާނެ ފަދައިން ގުޅުވާލިއެވެ.
14ދެން އެމީހުން ބަކަރީގެ ކެހެރިން ވިޔެފައިވާ އެގާރަ ފޮތިގަނޑު އެއްކޮށް ފޭލިގެކޮޅުގެ ބޭރުގައި ލުމަށް އުރަކޮޅެއް ހެދިއެވެ. 15އޭގެ ކޮންމެ ފޮތިގަނޑެއް ވެސް ހެދީ އެއްމިނަކަށެވެ. އެއިން ކޮންމެ ފޮތިގަނޑެއްގެ ދިގުމިނުގައި ސާޅީސް ފަސް ފޫޓު އަދި ފުޅާމިނުގައި ހަ ފޫޓު ހުންނަ ގޮތަށެވެ. 16އަދި އެމީހުން މި ފަރުދާތައް ދެބަޔަކަށް ބަހާލިއެވެ. އެއްބައިގައި ހަ ފަރުދާ އަނެއް ބައިގައި ފަސްފަރުދާ ވާ ގޮތަށް ގުޅުވާލިއެވެ. 17މި ފަރުދާތަކުގެ ބޭރުކައިރިފަށުގައި އެމީހުން ފަންސާސް މަޅި ހަރުކުރިއެވެ. އަދި އަނެއް ފަރުދާއާގުޅޭ ކައިރިފަށުގައި ފަންސާސް މަޅި ހަރުކުރިއެވެ. 18ދެން ކަފުލޮއިން ފަންސާސް ބުޅިގަނޑު ހަދައި އެދެފޮތިގަނޑު ގުޅުވައިގެން ފޭލިގެކޮޅުގެ އުރަކޮޅު ތައްޔާރު ކުރިއެވެ. 19އެމީހުން އިތުރު ދެ އުރަކޮޅެއް ވެސް ހެދިއެވެ. އެއް އުރަކޮޅު ހެދީ ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމުން ވެ. އަނެއް އުރަކޮޅު ހެދީ މޮޅު ބަކަރި ހަމުން ވެ. 20ދެން އަކާސިޔާ ލަކުޑިން ފޭލިގެކޮޅުގައި ކޮޅަށް ބަހައްޓާ އޮނިގަނޑުތައް ހެދިއެވެ. 21އޭގެ ކޮންމެ އޮނިގަނޑެއްގެ އުސްމިނުގައި ފަނަރަ ފޫޓު އަދި ފުޅާ މިނުގައި ހަތާވީސް އިންޗް ހުއްޓެވެ. 22އޮނިގަނޑުތަކުގެ ދަށުގައި ވެސް އެ ހަރުކުރާނެ ދެ އިލި ހަދާފައިވެއެވެ. މި ހުރިހާ އޮނިގަނޑުތަކެއް ވެސް ހެދީ އެއް މިނަކަށެވެ.
23ފޭލިގެކޮޅުގެ ދެކުނު ބައިގައި ހަރުކުރުމަށް މީގެ ވިހި އޮނިގަނޑު އެމީހުން ހެދިއެވެ. 24އަދި މި އޮނިގަނޑުތައް ބަހައްޓަން ރިހީގެ ސާޅީސް ބުޑު ތައްޔާރު ކުރިއެވެ. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ހަރުކުރުމަށް ދެ އިލި ހުންނާނެހެންނެވެ. 25އަދި ފޭލިގެކޮޅުގެ އުތުރުބައިގައި ހަރުކުރުމަށް ވެސް ވިހި އޮނިގަނޑު ހެދިއެވެ. 26އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ލެއްވުމަށް ދެ ބުޑު މަގުން ރިހީގެ ސާޅީސް ބުޑު ހެދިއެވެ. 27ފޭލިގެކޮޅުގެ ފަހަތުބައި ހުޅަނގު ބިތުގައި ހަރުކުރުމަށް އެމީހުން ހަ އޮނިގަނޑު ތައްޔާރުކުރިއެވެ. 28އަދި ކަންކަނުގައި ހަރުކުރުމަށް ވެސް ދެ އޮނިގަނޑު ތައްޔާރުކުރިއެވެ. 29ކަނުގައި ބެހެއްޓި އޮނިގަނޑުގެ ތިރިއާއި މަތި ހަރުކުރީ އެއް ބޮޅަކުންނެވެ. ކަނުގެ މި ދެ އޮނިގަނޑު ވެސް ހަދާފައި ހުރީ އެއްގޮތަކަށެވެ. 30މި ގޮތަށް އެމީހުން އަށް އޮނިގަނޑު ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ދެ ބުޑު ވާނޭހެން ސޯޅަ ބުޑު ތައްޔާރު ކުރިއެވެ.
31ދެން އެމީހުން އަކާސިޔާ ލަކުޑިން ފަނަރަ ހުރަސް ބެރި ހެދިއެވެ. އެއީ ފޭލިގޭގެ އެއް އަރިމަތީގައި ހުރި އޮނިގަނޑުތަކަށް ފަސް ބެރި ވާނެހެންނެވެ. 32އަދި އަނެއް އަރިމައްޗައް ވެސް ފަސް ބެރި ހެދިއެވެ. އަދި ހުޅަނގު ފަރާތަށް ފަސް ބެރި ހެދިއެވެ. 33އަދި އޮނިގަނޑުތަކުގެ ދެބައި ހަމަ ހިސާބުގައިވާ އެޅި ހުރަސް ބެރި ފޭލިގޭގެ އެއްކޮޅުން އަނެއްކޮޅަށް ފޯރައެވެ. 34މިއޮނިގަނޑުތަކާއި ހުރަސް ބެރިތަކުގައި ވަނީ ރަން އުނގުޅާފައެވެ. އަދި ހުރަސްދަނޑީގައި ހަރުކުރާނެ ރަނުގެ ބޮޅުތައް ހެދިއެވެ.
35ފޭލިގެކޮޅުގެ އެތެރޭގައި ހުރި ފަރުދާ އެމީހުން ތައްޔާރު ކުރީ މޮޅަށްވިޔެފައިވާ ފޮތިންނެވެ. އަދި އެފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ވެއެވެ. 36ދެން އެމީހުން އަކާސިޔާ ލަކުޑީގެ ހަތަރު ތަނބު ހަދައި އޭގައި ރަން އުނގުޅައި ރަނުގެ ހަތަރު ބުޅި ހަރުކުރިއެވެ. މި ތަނބުތައް އެމީހުން ހަރުކުރީ ރިހީގެ ހަތަރު ބުޑުތަކުގެ މަތީގައެވެ.
37ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ދެމުމަށް މޮޅަށް ވިޔެފައިވާ ލިނެން ފޮތީގެ ފަރުދާއެއް އެމީހުން ތައްޔާރު ކުރިއެވެ. އަދި އޭގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރިއެވެ. 38އަދި މި ފަރުދާކޮޅު ހަރުކުރުމަށް އެމީހުން އަކާސިޔާ ލަކުޑިން ފަސް ތަނބު ހަދައި އޭގައި ބުޅި ހަރުކުރިއެވެ. އޭގެ މަތިން ވެސް ރަނުގެ ފަށަލައެއް ލިއެވެ. އަދި މި ތަނބުތައް ބަހައްޓާނެ ފަސް ބުޑު ވެސް ކަފުލޮއިން ތައްޔާރު ކުރިއެވެ.
Àwon tá yàn lọ́wọ́lọ́wọ́ báyìí:
ނެރުއްވުން 36: ކމ
Ìsàmì-sí
Pín
Daako
Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
© (Active), Wycliffe Bible Translators, Inc. All rights reserved.