ހަރުބަސްތައް 7

7
ބޭވަފާތެރިކަމުގެ މޮޔަކަން
1ދަރިފުޅާއެވެ. އަހަރެން މިބުނާ ބަސްތަކަށް ސަމާލުކަން ދޭށެވެ. މިއަމުރުފުޅުތައް ހަނދާން ނައްތާ ނުލާށެވެ. 2އަހަރެން މިބުނާގޮތް ހަދައިފިނަމަ ކަލޯ ދިރި ހުންނާނެއެވެ. އަހަރެންގެ މި އިރުޝާދުތަކާއި ނަސޭހަތް ކަލޯގެ ލޮލުގެ ކޮއިހެން ރައްކާތެރިކޮށް ބަލަހައްޓާށެވެ. 3މި ބަސްތައް ކަލޯގެ އަތުގެ އިނގިލިތަކުގައިއާއި ކަލޯގެ ހިތުގެ ފުންމިނުގައި ހަރުލައްވާށެވެ.
4ބުއްދިއަކީ ކަލޯގެ ދައްތަ ކަމުގައި ބަލާށެވެ. ހަމަވިސްނުމަކީ ކަލޯގެ އެންމެގާތް ރަޙުމަތްތެރިޔާ ކަމަށް ބަލާށެވެ. 5މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ.
6އަހަރެންގެ ގޭގެ ކުޑަދޮރުގެ ފަރުދާ ހިއްލާފައި އެއްފަހަރަކު ބޭރު ބެލީމެވެ. 7އަހަންނަށް ފެނުނީ ހޭނުޖެހޭ ޒުވާނުންތަކެކެވެ. އޭގެ ތެރޭން އެކަކީ އަދި މާ މޮޔަ ސޮރެކެވެ. 8އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ. 9އޭރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. 10އެ އަންހެނާ ހުރީ ކަސްބީންގެ ހެދުމުގައެވެ. ހިތުގައި އޮތީ އެންމެ މަގުސަދެކެވެ. 11މީނާއަކީ އަޑުގަދަ ލަދުކުޑަ އަދި މުޅި މަގުމަތީގައި ގިނަވެގެން އުޅޭ އަންހެނެކެވެ. 12ގޯޅިގޯޅި ކަން މަތީގައިއާއި ބާޒާރު މަތީ ފިރިހެނުން އަތުއަޅުވަން އުޅޭ އަންހެނެކެވެ.
13މިއަންހެނާ އައިސް އެސޮރުގެ ކަނދުރާއަށް އަތް މަހާފައި ދޮނެއް ނެގިއެވެ. އަދި ލަދެއްނެތި ބުންޏެވެ. 14”⁠މިއަދު އަހަރެން ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ކަތިލައި ނަދުރު ފުއްދުމަށް ތައްޔާރު ކުރި ޖާފަތުގެ ބާކީ ކާނާ ގޭގައި އެބަހުރި. #7‏:14 ތައުރާތުގައިވާ ގޮތުން އަންހެނާއަށް ޤުރުބާނީއަށް ކަތިލާ މަސް ކެއުން ހުއްދަވާނީ ހައިޟުގެ ދުވަސް ނިމި ހަތް ދުވަސް ވުމުންނެވެ. އަދި އެ މަސްތައް ޤުރުބާނީއަށް ހުށަހަޅާ ދުވަހު ކައި ނިންމަން ޖެހެއެވެ. 15އަހަރެން މި ނުކުތީ ކަލޭ ބަލައިދާން. ނުކުތްތަނުން މިއޮތް ދިމާވީ. 16އަހަރެންގެ އެނދުގައި އަޅާފައި ހުރީ މިޞްރުން ގެނަސްފައިވާ ކުލަގަދަ ބެޑްޝީޓްތަކެއް. 17އެ ބެޑްޝީޓްތަކުގައި މީރު ވަސް ދުއްވަން މުއްރިއާއި އޫދުއާއި ފޮނިތޮށީގެ އަތަރު އުނގުޅާފައިވާނެ. 18ގެއަށް ގޮސް އެކަކުއަނެކެއްގެ އަތުތެރޭގައި ލޯބިކުޅައުމުގައި މުޅި ރޭގަނޑު ހޭދަކޮށްލަމާ ހިނގާ. 19އަހަރެންގެ ފިރިމީހާވީ ދަތުރަކު ގޮސްފަ. އޭނާ ހުރީ ދުރު ހިސާބެއްގާ. 20އޭނާ ދިޔައީ ގިނަ ފައިސާތަކެއް ހިފައިގެން. މަސް ދެބައި ނުވަނީހެއް ނާންނާނެ.⁠“
21މި ފަދަ ފޮނި އެތައް ބަސްތަކަކުން އެ އަންހެނާ އެސޮރު ހައްލާލިއެވެ. 22ހަމަ ވަގުތުން އެސޮރު އެއަންހެނާގެ ފަހަތުން ހިނގައިގަތެވެ. ކަތިލެވެންދާ ގެރިއެއް ފަދައިންނެވެ. މަޅިގަނޑަކާ ދިމާއަށް ދާ ފުއްލާއެއް ފަދައިންނެވެ. 23ރުވާފައި ދޫކޮށްލި ތީރު އޭނާގެ ހިތަށް އަމާޒުވިއެވެ. މަޅިފައްޗަކާ ދިމާއަށް ދާ ދޫންޏެއް ފަދައިން އޭނާ ދިޔައެވެ. އޭނާގެ ދިރިއުޅުން ނުރައްކަލަށް ވެއްޓުނުކަމެއް އޭނާ ނުދެނެހުއްޓެވެ.
24މަގޭ ދަރިފުޅާއެވެ. މި ބުނި ބަސްތައް ދަރިފުޅު ކަނުލައި އަހާށެވެ. 25އެކަހަލަ އަންހެނެއްގެ މަތިން ހިތަށް ވެސް ނާރުވާށެވެ. އެފަދަ އަންހެނެއްގެ ގޭދޮށު މަގަށް ވެސް ނާރާށެވެ. 26މިފަދަ އަންހެނުންގެ މަޅީގައި ޖެހި ގިނަ ބައެއްގެ ޙަޔާތް ބަރުބާދުވެ ގޮސްފައިވެއެވެ. 27އެއަންހެނާގެ ގެއަށް ދާ މަގަކީ އެއްކޮޅަށް ދެވޭ މަގެކެވެ. އެއީ މަރާދިމާއަށް ދާން އޮންނަ ކުރު ރާސްތާއެކެވެ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录