ހަރުބަސްތައް 6

6
އިތުރު އިންޒާރުތައް
1މަގޭ ދަރިފުޅާއެވެ. އެހެން މީހެއްގެ ދަރަންޏަކާ ކަލޯ ހަވާލު ވެއްޖެނަމަ، 2ކަލޯ ބުނި ބަހުގައި ކަލޯ ތާށިވީއެވެ. 3ކަލޯ ތިޔަވަނީ އެހެންމީހެއްގެ އަތްދަށުވެފަ އެވެ. ކަލޯއަށް އޮތީ އެންމެ ގޮތެކެވެ. ގޮސް އޭނާއަށް އާދޭސްކޮށް އަވަސްގޮތަކުން އެ އެއްބަސްވުން އުވާލެވޭތޯ ބަލާށެވެ. 4ކަލޯ ނިދި އަޔަސް މިކަންތައް ކޮށްފައި ނޫނީ ލޮލުފިޔައެއް ނުޖަހާށެވެ. 5ކަލޯއީ ޝިކާރަވެރިޔާގެ މަޅިން ބޯދަމައިގަންނަ ދޫންޏެއް ހެން ބަޗާށެވެ. ދަލުން ނެއްޓިގެން ދުވާ ފުއްލާއެއް ހެން ފިލައި ރައްކާވާށެވެ.
6ކަލޭމެންގެ ތެރޭގައި ތިބި ކަންނެތް މީހުން ހިނިތައް އުޅޭގޮތް ބަލަން ދާށެވެ. އެސޮރުމެންގެ ގާތުން ފިލާވަޅު ލިބިގަންނާށެވެ. 7ހިނިތަކަށް އަމުރުކުރާނެ އަމީރަކު ސަރުދާރަކު އިސްވެރިޔަކު ނުހުރެއެވެ. 8އެކަމަކު ހޫނުމޫސުމުގައި އެ ސޮރުމެން ފިނިމޫސުމަށް ވާނެ ވަރަށް ކާތަކެތި އެއްކުރެއެވެ. 9ކަލޭމެން ކަންނެތްކަން މަތީގައި އޮށޯވެ ނިދަން ތިބޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟ 10”⁠އަހަރެން ކުޑަ އިރުކޮޅަކަށް ނިދަން ޖައްސާލާނަމެވެ. ކުޑަ އިރުކޮޅަކަށް ބޯދަށަށް އަތް ލައްވާލާނަމެވެ.⁠“ 11މިހެން ހިތާ ނިދާލާ ވަގުތު ހައިހޫނުކަން އައިސް ފޭރޭ މީހަކު ހެން ކަލޭމެންގެ މައްޗަށް ޖެހިގަންނާނެއެވެ. ލޫޓުވާ މީހަކު ފަދައިން ހަމަލަ ދީފާނެއެވެ.
12ދޮގުހަދަމުން ހިނގާނީ އަގެއް ނެތް މީހުންނެވެ. 13އެމީހުން އެހެންމީހުން ލައްވާ ގޯސް ހެއްދުމަށް ލޮލުންނާއި ފައިންނާއި އަތުން ހަނާއަޅައެވެ. 14އެމީހުންގެ މަކަރުވެރިކަމުން އަބަދުވެސް ރާވާނީ ކޮންމެވެސް ނުލަފާ ވިޔާނުދާ ކަމެކެވެ. އެމީހުން ބޭނުންވާނީ އަބަދުވެސް ފިތުނަ އުފައްދާށެވެ. 15މިހެންވެ މިފަދަމީހުންގެ މައްޗަށް ކުއްލި މުސީބާތެއް ކުރިމަތިވެ އެމީހުންގެ ދިރިހުރުމުން އަތްދޮވެލަން ޖެހިދެއެވެ.
16 މާތްރަސްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވާ ހަ ގުނަވަނެއް ވެއެވެ. ނޫން ހަތް ގުނަވަނެކެވެ.
17އެއީ ކިބުރުވެރި ބެލުން ބަލާ ލޯތަކާއި ދޮގުހަދާ ދޫތަކާއި ކުށެއްނެތް މީހުން މަރާ އަތްތަކެވެ.
18ނުބައިކަންތައް ރާވާ ހިތްތަކާއި ވިޔާނުދާ ކަންތައް ކުރަން ހަލުއިކޮށް ހިނގާ ފައިތަކެވެ.
19އަދި ދޮގުހެކި އޮއްސާ މީހުންގެ އަނގަތަކެވެ. އާއިލާތައް ރޫޅަމުން ހިނގާ މީހުންގެ ދޫތަކެވެ.
ޒިނޭ ނުކުރަން ކުރެއްވި އިންޒާރު
20ދަރިފުޅާއެވެ. ބަފާ ކުރާ އަމުރާ ޚިލާފު ނުވާށެވެ. އަމާ ދަސްކޮށްދިން ކަންތަކަށް ފަރުވާކުޑަ ނުކުރާށެވެ. 21ކަލޯއަށް އިވުނު ބަސްތައް ހިތުގައި ހަރުލައްވާށެވެ. ކަރުގައި އަޅާ ހާރެއް ހެން އަބަދު އަޅައިގެން އުޅޭށެވެ. 22ކަލޯ ހިނގާ ބިނގާވެ އުޅޭއިރު އެބަސްތައް ކަލޯއަށް މަގު ދައްކާނެއެވެ. ކަލޯ ނިދީމާ އެބަސްތައް ކަލޯއަށް ރައްކާތެރިކަން ދޭނެއެވެ. ކަލޯ ހޭލީމާ އެބަސްތައް ކަލޯއަށް ހެޔޮ ނަސޭހަތް ދޭނެއެވެ. 23އެއަމުރުތަކީ ކަލޯގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއިން ކަލޯ ހިނގާ މަގަށް އަލިކޮށްދީ ކަލޯ ތަރުބިއްޔަތު ކުރެއެވެ.
24އަދި ވިޔާނުދާ އަންހެނެއްގެ ފަރާތުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އޮމާން ދުލުން ކަލޯ ރައްކާތެރިކޮށް ދޭނެއެވެ. 25އެފަދަ މީހެއްގެ ރީތިކަމާއި ހިތްދަމައިގަންނަ ކަތި ނަޒަރުތަކުގެ ޖާދޫގައި ނުޖެހޭށެވެ. 26އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ. 27ގައިގާ އަލިފާން ރޯ ނުވާނެކަމަށް މީހަކު އަލިފާން ހުޅުގަނޑެއްގައި އޮޅުލާފާނެ ހެއްޔެވެ؟ 28އަނގުރު އަލިފާންތަކުގެ މަތީގައި ފައިތިލަ ނުފިހޭނެކަމަށް މީހަކު ހިނގާނެ ހެއްޔެވެ؟ 29މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.
30ވަގުންނާ ރުހޭނެ މީހަކު ނުހުރެއެވެ. އެކަމަކު ކާނެ އެއްޗެއްގެ ބޭނުމުގައި ވައްކަން ކުރާ މީހާއަކަށް މީސްތަކުންގެ ނުރުހުމެއް ނުލިބެއެވެ. 31އެހެނަސް ވައްކަން ކުރަނިކޮށް އަތުލައިގަނެވިއްޖެ ނަމަ، އޭނާ ނެގި އެއްޗެއްގެ ހަތްގުނަ ދައްކަން ޖެހެއެވެ. އެކަމުން އޭނާ އިފްލާސް ވިޔަސް ވެސް މެއެވެ.
32ޒިނޭ ކުރާ މީހާ ހާދަ މޮޔައެވެ. އޭނާ އެހަލާކު ކޮށްލަނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ. 33އޭނާ ޒަޚަމުވެއެވެ. އޭނާގެ އަގުވެއްޓިދެއެވެ. މުޅި އުމުރުގައި އެ ލައްގަނޑު ފިލައިގެން ނުދެއެވެ. 34ފިރިމީހާ ހަސަދަވެރި ވެގެން އަންނަ ރުޅިއަށް ވުރެން ގަދަ ރުޅިއެއް ނޯވެއެވެ. އޭނާ ބަދަލު ހިފާކަށް ވަކި މިންވަރެއް ހައްދެއް ނޯވެއެވެ. 35ކަލޯއަކަށް އޭނާގެ ރުޅި މަތަ ވާވަރުގެ ބަދަލެއް ވެސް ނުދެވޭނެއެވެ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录