ހަރުބަސްތައް 24

24
–19–
1ނުބައި މީހުން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އެމީހުންނާ ގުޅިގެން އުޅެން ނޭދޭށެވެ. 2އެހެނީ އެމީހުންގެ ހިތުގައި ވާނީ އަނިޔާވެރިކަން އުފެއްދުމެވެ. އެމީހުންގެ ބަސްތަކުން އުފައްދާނީ ހައިޖާނެވެ.
–20–
3ޙިކުމަތުން ބިނާ ކުރާ ގެއެއް ވަރުގަދަވާނީ ހެޔޮ ވިސްނުން އެކުލެވުނީމައެވެ. 4އިލްމު އެކުލެވުމުން ކޮޓަރިތަކުގައި ތަނަވަސްކަމާއި އަގުހުރި ތަކެއްޗާއި މުއްސަނދިކަން އެކުލެވޭނެއެވެ.
–21–
5ބުއްދިވެރިޔާ ގައިބާރުގަދަ މީހާއަށް ވުރެން މަތިވެރިވާނެއެވެ. އިލްމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ދާނެއެވެ. 6ބުއްދިވެރި ލަފާއާއި ނުލައި ހަނގުރާމައަކަށް ނުދާށެވެ. ކާމިޔާބު ލިބުން އޮތީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައެވެ.
–22–
7ބުއްދިވެރިކަމަކީ މޮޔައިންނަށް ފަހުމުވާ ވަރަށް ވުރެން މާނަ ފުން އެއްޗެކެވެ. މުހިންމު ކަމަކާ މެދު ވެރިން ޖަލްސާ ކުރާއިރު މޮޔައިން ބުނާނެ އެއްޗެއް ނޯވެއެވެ.
–23–
8ނުބައިކަންތައް ރާވާ މީހާއަކީ ކަންތައް ގޯސް ކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވާނެ މީހެކެވެ. 9ނުބައި ރޭވުން ރާވާ މީހާއަކީ ފާފަވެރިއެކެވެ. ފޮނިވެފަ ހުންނަ މީހާ ދެކެ އެންމެން ވެސް ނަފްރަތު ކުރެއެވެ.
–24–
10ބުރަ ބޮޑުވުމުން ދޫދޭ މީހާގެ އަޒުމު ދެރައީއެވެ.
–25–
11ބޭއިންސާފުން މަރާލެވޭ މީހާ ސަލާމަތްކުރުމަށް ފަސްނުޖެހޭށެވެ. 12މަށަކަށް ނޭނގެއޭ ބުނެ ކަންކަމުން ރެކެން ނޫޅޭށެވެ. އެހެނީ މާތްރަސްކަލާނގެ ހުރިހާ ހިތްތަކެއް ދެނެވޮޑިގަންނަވެއެވެ. އަދި އެކަލާނގެ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވައެވެ. ކަލޯގެ ފުރާނަ ބަލަހައްޓަވާ ފަރާތަށް ކަލޯ އެނގިވޮޑިގަންނަވައެވެ. އެމީހަކު ކުރި އަމަލެއްގެ ޙައްޤު ޖަޒާ އެމީހަކަށް އެކަލާނގެ ދެއްވާނެތެވެ.
–26–
13ދަރިފުޅާއެވެ. މާމުޔަކީ ފައިދާހުރި އެއްޗެކެވެ. މާމުއި ހަތާ އަކީ ފޮނިރަހަ ދޭ އެއްޗެއް ވެސް މެއެވެ. 14ހަމަ އެ ގޮތަށް ބުއްދިއަކީ ފުރާނައަށް ފޮނިކަން ލިއްބައިދޭ އެއްޗެކެވެ. އެ ހޯދައިގަނެވިއްޖެނަމަ ކަލޯއަށް އަލި މުސްތަގުބަލެއް ލިބޭނެއެވެ. އަދި ކަލޯގެ އުންމީދު ގެއްލިގެނެއް ނުދާނެއެވެ.
–27–
15ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ. 16ހެޔޮ މީހާ ހަތްފަހަރު ވެއްޓިދާނެއެވެ. އެކަމަކު އޭނާ އަދިވެސް ތެދުވާނެއެވެ. ނުބައިމީހާ އެންމެ ކަމެއް ދިމާވާއިރަށް ބަލިވެގެން ވެއްޓިދާނެއެވެ.
–28–
17އަދާވާތްތެރިޔާއަށް ދެރަގޮތެއް ދިމާވީމާ އުފާފާޅު ނުކުރާށެވެ. އޭނާ ވެއްޓުނީމާ އެކަމާ ނުހޭށެވެ. 18މާތްރަސްކަލާނގެ އެކަމާ ރުހިވޮޑިއެއް ނުގަންނަވާނެއެވެ. އޭރުން އެކަލާނގެ އޭނާއަށް މެދުވެރި ކުރެއްވި މުސީބާތް އެހެން ދިމާއަކަށް އަނބުރާލައްވާފާނެއެވެ.
–29–
19ނުބައިމީހުންނާމެދު ހަސަދަވެރި ނުވާށެވެ. އެފަދަ މީހުން ކުރާކަންތަކާ އަޅާނުލާށެވެ. 20އެހެނީ ނުބައި މީހުންނަކަށް މުސްތަގުބަލެއް ނެތެވެ. އެމީހުންގެ ބައްތި ވަނީ އަބަދަށްޓަކައި ނިވިފައެވެ.
–30–
21މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ. 22އެހެނީ ނުދެނެތިއްބާ އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެދާނެއެވެ. މާތްރަސްކަލާނގެ ކިބަފުޅުންނާއި ރަސްގެފާނުގެ އަރިހުން އަންނާނީ ކޮން މުސީބާތެއްކަން އެނގޭނީ ކާކަށްހެއްޔެވެ؟
ހެޔޮކަންތަކަށް މަގުދައްކައިދޭ އިތުރު ބަސްތައް
23މިއީވެސް ބުއްދިވެރި ބަސްތަކެވެ. އަދުލު އިންސާފުގައި ގާތް މީހަކަށް ފަހިވާގޮތަށް ނިޔާކަނޑަނާޅާށެވެ. 24ނުބައި މީހާގެ ކުށެއް ނެތްކަމަށް ނިޔާކަނޑައަޅާ ފަނޑިޔާރު ދެކެ ޤައުމުތަކުގެ އެންމެން ލަޢުނަތް ލާނެއެވެ. 25ނުބައި މީހާ ކުށްވެރި ކުރާ ފަނޑިޔާރަށް ތަނަވަސްކަން ލިބި އާންމުންގެ ރުހުން ލިބިގެންދާނެއެވެ.
26ތެދު ބަހުންދޭ ޖަވާބު ރައްޓެހިކަމުގެ ދޮނެއް ފަދައެވެ.
27ގެ ޢިމާރާތް ކުރުމުގެ ކުރީގައި ބިންގަނޑު ތައްޔާރުކޮށް ދަނޑުގޮވާން ކުރާށެވެ.
28ސަބަބެއް ނެތި އަވަށްޓެރިޔާއާ އިދިކޮޅަށް ހެކިބަސް ނުދޭށެވެ. އެމީހުންނާ މެދު ދޮގު ނުހަދާށެވެ. 29އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ.
30ކަންނެތް މޮޔަ މީހާގެ ދަނޑުތެރޭން އަހަރެން ހިނގާލަން ދިޔައިމެވެ. 31އެތަން ވަނީ ކަށިގަސްތަކާއި ވިނަގަސްތައް ހެދި ވަލަކަށްވެފައެވެ. އެދަނޑުވަނީ ފާރު ވެއްޓި ވީރާނާވެފައެވެ. 32މިތަން ބަލައި ވިސްނާލުމުން އަހަންނަށް އިބުރަތެއް ލިބުނެވެ. 33ކުޑަކޮށް ނިދާލައި، ކުޑަކޮށް އަރާމުކޮށްލައި، ކުޑަކޮށް އަތްއުރާލުމުން، 34ހައިހޫނުކަން އައިސް މަގުފޭރޭ މީހަކު ފަދައިން ގަދަވެގަންނާނެއެވެ. ހަތިޔާރާއެކު އައިސް ކަލޯ ލޫޓުވާލާނެއެވެ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录