ހަރުބަސްތައް 14

14
ބުއްދިވެރިކަމުން ލިބޭނީ ހެޔޮ ވިސްނުމެވެ.
1ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ.
2ހެޔޮލަފާ ގޮތުގައި ދިރިއުޅޭނަމަ ދައްކަނީ ތިމާ ހުރީ މާތްރަސްކަލާނގެއަށް ބިރުވެތިވުންމަތީގައި ކަމުގައެވެ. އޮޅުވާލުމާއި ހީލަތްތެރިކަމުން ދައްކަނީ އެކަލާނގެއަށް ތިމާ ގަދަރެއް ނުކުރާކަމެވެ.
3މޮޔައިންގެ މޮޔަބަސްތަކުން އެމީހުންގެ ބުރަކައްޓަށް އަމާޒުވާނީ އެއްތެލެވެ. ބުއްދިވެރިންގެ ބަސްތައް އެމީހުންނަށް ސަލާމަތްކަން ގެނެސްދެއެވެ.
4ދަނޑުވެރިޔާގެ ގެރިއާ ނުލައި ދަނޑެއް ނުހެއްދެއެވެ. އެކަމަކު ބޮޑު ގެރިއެއް ބޭނުން ކުރުމުން ގިނަ ގޮވާން ހެއްދެއެވެ.
5ތެދުވެރި ހެކިވެރިޔާ ބުނާނީ ތެދަށެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.
6ޙިކުމަތަށް ފުރައްސާރަ ކުރާ މީހާއަކަށް ތަންދޮރެއް ނޭނގެއެވެ. އިލްމު ލިބެނީ ތަންދޮރު އެނގުމުންނެވެ.
7މޮޔައިންނާ ގައިގޯޅި ނުވާށެވެ. އެމީހުންގެ ކިބައިން ދަސްވާނެ އެއްޗެއް ނޯންނާނެއެވެ.
8ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.
9ކުށެއް އިސްލާހު ކުރަން އުޅޭ މީހާއަށް މޮޔައިން މަލާމާތްކުރެއެވެ. #14‏:9 ޢިބްރާނީ ބަހުން މިތަނުގައި އޮންނަނީ ކުށުގެ ކައްފާރާ ދައްކާ މީހުންނަށް މޮޔައިން މަލާމާތް ކުރާ ކަމަށެވެ. (ލާވީން 5‏:15 ބައްލަވާ) ހެޔޮލަފާމީހާ އެކަން ބަލައިގަނެ އެކަމާ އުފާކުރެއެވެ.
10އެމީހެއްގެ ހިތުގެ ދަތިހާލު އެނގޭނީ އެމީހަކަށެވެ. ތިމާގެ ހިތުގެ އުފާ ތިމާ ނުދަންނަ މީހަކާ ޙިއްސާއެއް ނުކުރެވޭނެއެވެ.
11މާތްކަލާނގެ މަގުގައި ހުންނަ މީހާގެ ޖިފުޓިގަނޑު އެގޮތުގައި ހުރެއެވެ. އެކަމަކު ނުބައި ނުލަފާމީހާގެ ގަނޑުވަރު ފުނޑުފުނޑު ވެދެއެވެ.
12ރަނގަޅު މަގެއް ހެން ހީވާމަގެއް ކުރިމަތީގައި އޮވެދާނެއެވެ. އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.
13ހުނުމުގެ ފުރަގަހުގައި ހިތްދަތިކަން ފޮރުވިދެއެވެ. އެކަމަކު ހުނުން ހުއްޓުމުން އެ ހިތްދަތިކަން ފާޅުވެދެއެވެ.
14ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ.
15އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ.
16ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.
17ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފުރަތެވެ.
18ޖާހިލު މީހާ އަޅާނީ މޮޔަކަމުގެ ހެދުމެވެ. ވިސްނުންތެރިޔާ އަޅާނީ އިލްމުގެ ތާޖެވެ.
19ނުބައިމީހާ ކަންކަމު އަންނަން ޖެހޭނީ ހެޔޮމީހުންގެ ގާތަށެވެ. ފާފަވެރިޔާ ސަލާންޖަހާނީ ޞާލިޙުންގެ ގެދޮރަށެވެ.
20ފަގީރެއްގެ ރައްޓެހިންނެއް ނުތިބެއެވެ. މުއްސަނދިމީހާގެ ރައްޓެހިން ބައިވަރެވެ.
21ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ.
22ނުބައިކަމަކަށް ރާވާމީހާ ވާނީ ގެއްލިހަލާކެވެ. ހެޔޮކަންތައް ރާވާމީހާއަށް އެހެންމީހުންގެ ލޯތްބާއި ވަފާތެރިކަން ލިބޭނެއެވެ.
23ހުސް އަނގަތެޅިއަކަސް ބަނޑެއް ނުފުރޭނެއެވެ. ބަނޑު ފުރޭނީ ކަންތައް ކުރީމައެވެ.
24ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ.
25ތެދު ހެކިދޭ މީހާ މީސްތަކުންގެ ފުރާނަ ސަލާމަތް ކުރެއެވެ. ދޮގުހެކި ދޭނީ ޚާއިނެކެވެ.
26 މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާއާއި އޭނާގެ ދަރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއް ލިބިފައިވެއެވެ.
27 މާތްރަސްކަލާނގެއަށް ބިރުވެތިވުމަކީ ދިރުން ލިބޭ ފައްވާރާއެކެވެ. އެކަމުން ތިމާއަށް ވަސްވާހާއި މަރުން ސަލާމަތްކަން ލިބިދެއެވެ.
28ރަސްކަލެއްގެ އިއްޒަތް ބޮޑުވަނީ އޭނާގެ ރައްޔިތުންގެ އަދަދަށް ބަލާފައެވެ. ރައްޔިތުން ނެތް ރަސްކަލެއްގެ ކިބައިގައި އަގެއް ނެތެވެ.
29ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.
30ލިބިހުރި މިންވަރަށް ރުހުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ދަހިވެތިކަމާއި ހަސަދަވެރިކަމަކީ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ ކަމެކެވެ.
31ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ.
32ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައި ވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ.
33ވިސްނުންތެރި މީހާގެ ކޮންމެ ވިސްނުމެއްގައި ހެޔޮ ބުއްދި އެކުލެވެއެވެ. މޮޔަމީހާއަކަށް ހަމަ ބުއްދިއެއް ނާދެއެވެ.
34ޞާލިޙުކަމަކީ ޤައުމަށް ކުރިއެރުން އަންނަ ކަމެކެވެ. ފާފައިން ލިބޭނީ ބަދުނާމެވެ.
35ބުއްދިވެރި ޚާދިމުންނަށް ރަސްގެފާނު އިނާމު ދެއްވައެވެ. އެރަސްގެފާނުގެ އަގުވައްޓާ މީހާއަށް އަދަބު ދެއްވައެވެ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录