ހަރުބަސްތައް 13
13
ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ބުއްދިވެރިކަން ލިބެއެވެ.
1ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
2ހެޔޮ މީހުން ބުނާބަސްތަކުން އެމީހުންނަށް އިނާމު ލިބެއެވެ. މަކަރުވެރި ރޭވުންތެރީން ހައިވެފައިވާނީ ގަދަބަދަވި ކަންތައް ކުރުމަށެވެ.
3ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.
4ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.
5ރަނގަޅު މީހާ ދޮގުތައް ދެކެ ނަފްރަތު ކުރެއެވެ. ނުބައިމީހާ އޭނާގެ މައްޗަށް ލަދުވެތިކަން ގެނެސްގަނެ އަގުވެއްޓިދެއެވެ.
6ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ.
7އެކައްޗެއް ވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާ އެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ.
8މުއްސަނދިމީހާ ދިރިހުރުމަށްޓަކައި އަގެއް ދައްކަން ޖެހިދެއެވެ. ފަގީރު މީހަކަށް އެފަދަ ބިރެއް ކުރިމައްޗެއް ނުވެއެވެ.
9ހެޔޮމީހުން ބައްތިއެއް ފަދައިން އަލިގަދަކޮށް ދިއްލިފައި ހުރެއެވެ. ނުބައިމީހާގެ ބައްތި ލަސްތަކެއް ނުވެ ނިވިދާނެއެވެ.
10ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.
11ނުރަނގަޅު ގޮތަށް ހޯދާ ފައިސާ އެތިއެތިކޮޅުން ގެއްލި ހުސްވެއެވެ. އެތިއެތިކޮޅުން ހެޔޮގޮތުގައި ހޯދާފައިސާ ދުވަހެއް ދުވަހަކަށް ދާނީ ގިނަވަމުން ގުނަވަމުންނެވެ.
12އުންމީދު ގެއްލުނީމާ ހިތް ފުނޑުފުނޑުވެއެވެ. ހިތުގެ ބޭނުން ފުދުމަކީ ޙަޔާތުގެ ގަހުގެ މޭވާ ލިބުން ފަދައެވެ.
13ހެޔޮ ނަސޭހަތަށް އިންކާރު ކުރާ މީހާ އެދަނީ މުސީބާތާ ދިމާއަށެވެ. ހެޔޮބަސް އަހާމީހާއަށް ކާމިޔާބީ ހާސިލުވާނެއެވެ.
14ޙިކުމަތުގެ އިރުޝާދަކީ ދިރިއުޅުމުގެ ފައްވާރާއެވެ. އެއިން ފެން ބޯ މީހާއަށް ޙަޔާތުގައި ނުރައްކަލެއް ނެތެވެ.
15ބުއްދިވެރިކަން ހައިބަތު ގެނެސްދެއެވެ. އިތުބާރު ނެތް މީހާ އެދަނީ ހަލާކާ ދިމާއަށެވެ.
16ހަމަ ވިސްނުމެއް ހުންނަމީހާ ކަންތައް ކުރާނީ ވިސްނައިގެންނެވެ. މޮޔަމީހާ އޭނާގެ ޖާހިލުކަމުގެ ފޮނިބައިސާ ކަނޑައެވެ.
17މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ.
18ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
19ހެޔޮގޮތުގައި ހިތްއެދޭ އެއްޗެއް ހޯދުމަކީ ލިބޭ އުފަލެކެވެ. މޮޔައިން ވިޔާނުދާ މަގުން އެއްކިބާވާކަށް ހިތެއް ނޭދޭނެއެވެ. 20ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.
21ފާފަވެރިންގެ ފަހަތުން މުސީބާތް އާދެއެވެ. ހެޔޮކަން މަތީ ތިބުމުން ލިބޭނީ ފައިދާއެވެ.
22ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
23ފަގީރު މީހާގެ ދަނޑުގައި ގިނަ އަދަދެއްގެ ގޮވާން އަޅާފައި ހުރެދެއެވެ. އެކަމަކު ނުބައި މީހުން އެތަކެތި ޙައްގަކާ ނުލައި އަތުލައިގަނެއެވެ.
24ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ.
25ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.