އެފޭސުސްގެ މަސީޙީންނަށް ސިޓީ 3

3
ބަނީއިސްރާއީލު ދަރިކޮޅުނޫން ފަރާތްތަކަށް ޕައުލް ވަޢުޡު އިއްވުން
1އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ. 2ތިޔަބައިމީހުންނަށް އެހީތެރިވެދިނުމަށްޓަކައި އަހަރެންގެ މައްޗަށް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެން ޚިޔާރު ކުރެއްވި ގޮތުގެ ވާހަކަ ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް އަޑުއަހާފައެވެ. 3ޙަޤީޤަތުގައި އަހަރެންގެ މި ސިޓީގައި ތިޔަބައިމީހުންނަށް ބުނެދީފައިވާނީ މާތްރަސްކަލާނގެ އެކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭއްވެވުމާއިމެދު އަހަރެންނަށް ދައްކުވައި ދެއްވި ގޮތުގެ ވަރަށް މަދު މިންވަރެކެވެ. 4ތިޔަބައިމީހުން މި ސިޓީ ކިޔަމުން ދާހިނދު ތިޔަބައިމީހުންނަށް އެނގިގެންދާނީ އަލްމަސީޙާ ބެހޭ އޮޅުންނުފިލާ ސިއްރު އަހަރެންނަށް ދޭހަވެފައިވާ މިންވަރެވެ. 5މާޒީގައި ވީ ޖީލުތަކަށް މިސިއްރު މާތްރަސްކަލާނގެ ހާމަ ނުކުރައްވައެވެ. ނަމަވެސް މިއަދު އެކަލާނގެ މާތްރޫޙުފުޅު މެދުވެރި ކުރައްވާ އެކަލާނގެ މަންދޫބުންނާއި ނަބީންނަށް މި ސިއްރު ހާމަކޮށްދެއްވިއެވެ.
6އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.
7ވުމާއެކު، މާތްރަސްކަލާނގެ ގަދަބާރުފުޅާއެކު މި ހެޔޮޚަބަރުފުޅުގެ ޚާދިމެއްގެ ގޮތުގައި ވުމުގެ ޚާއްސަ ހަދިޔާ އެކަލާނގެ އަހަރެންނަށް ދެއްވިއެވެ. 8މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ. 9އަދި މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވީ ރޭއްވެވުން ފުރިހަމަ ވެފައި ވަނީ ކޮންގޮތަކަށްތޯ މީސްތަކުންނަށް ދައްކައި ދިނުމަށެވެ. މާތްރަސްކަލާނގެއީ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ފަރާތެވެ. މާޒީވެ ދިޔަ ޒަމާންތަކުގައި އެކަލާނގެ ވަންހަނާ ކުރެއްވި ސިއްރު ވަނީ ހިފަހައްޓަވާފައެވެ. 10މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ.
11މި ހުރިހާ ކަމެއް މާތްރަސްކަލާނގެ ކުރެއްވީ އެކަލާނގެ ނިމުމެއް ނުވާ މަގުސަދަށްޓަކައެވެ. އަދި މިހުރިހާ ކަންތައްތަކެއް އެކަލާނގެ ޙާސިލުކުރެއްވީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައެވެ. 12އަލްމަސީޙު އަހަރެމެންނަށް ހިތްވަރާ އިތުބާރު ދެއްވައެވެ. އެހެންވީމާ، އީމާންތެރިކަމާއެކުގައި އަހަރެމެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވެވޭނެއެވެ. 13ތިޔަބައިމީހުން ހިތްވަރު ދެރަނުކުރުމަށް އާދޭސްކޮށްފައި އަހަރެން އެދޭ ސަބަބަކީ އަހަރެން ވޭން ތަޙައްމަލު ކުރަމުން މިގެންދަނީ ތިޔަބައިމީހުންގެ މަންފާއަށް ކަމުގައިވާތީއެވެ.
14މާތްރަސްކަލާނގެ ޙިކުމަތްވަންތަކަމާ އަދި އެކަލާނގެ ރޭއްވެވުމުގެ ކުޅަދުންވަންތަކަމާ މެދު އަހަރެން ވިސްނާހިނދު އަހަރެން ކަކޫމައްޗަށް ތިރިވެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއަށް ދުޢާ ދަންނަވަމެވެ. 15މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެން ވަނީ އެކަލާނގެ ކިބަފުޅުންނެވެ. 16އެކަލާނގެ ނޫރުފުޅުގެ މުއްސަނދިކަމުން ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ ރޫޙުފުޅުގެ ބާރުން ވަރުގަދަ ކޮށްދެއްވުމަށް އެދި އަހަރެން ދުޢާ ދަންނަވަމެވެ. 17އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ. 18މާތްކަލާނގެ މުޤައްދަސް ކުރެއްވި އެންމެހައި ފަރާތްތަކަށް އެ ލޯތްބަކީ ކިހާ ފުޅާ ކިހާ ދިގު ކިހާ އުސް އަދި ކިހާ ފުން އެއްޗެއްކަން އެނގޭނެ ފަދަ ބާރުފުޅެއް ދެއްވުމަށް ވެސް އެދި ދަންނަވަމެވެ. 19އަހަރެންގެ އެދުމަކީ އަލްމަސީޙުގެ ލޯބި ތިޔަބައިމީހުން ތަޖުރިބާ ކުރުމެވެ. އެއީ އެ އަޖައިބެއް ފަދަ ލޯބި މިންކުރުމަކީ ނުވެސް ވާވަރުގެ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުން މާތްރަސްކަލާނގެ އެކަލާނގެ ފިތުރަތާއި އެއްގޮތްވާ ގޮތުގެ މަތިން ފުރާފުރިހަމަ ކޮށްދެއްވާނެއެވެ.
20މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ. 21މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录