ހަރުބަސްތައް 9
9
ބުއްދި ދޭ ޖާފަތް
1ޙިކުމަތުގެ ކަމަނާ ގެއެއް އަޅައި އެގޭގައި ހަތް ތަނބު ޖަހައިފިއެވެ. 2އެކަމަނާ ޖަނަވާރެއް ކަތިލައި އޭގެ މަހާއި މޭބިސްކަދުރުދިޔަ ގެނެސް ބޮޑު ޖާފަތެއް ތައްޔާރު ކޮށްފިއެވެ. 3އޭނާގެ ޚާދިމާ މެދުވެރިކޮށް އަވަށުގެ އެންމެ އުސްހިސާބުން ދައުވަތު ފޮނުއްވިއެވެ. 4”ހުރިހާ ޖާހިލުންނަށް ދައުވަތު ދެވިއްޖެ.“ އޭނާ އެމީހުންނަށް ބުންޏެވެ. 5”ކަލޭމެން އެންމެން އައިސް މި މަސްކައި އަހަރެން މި ތައްޔާރު ކުރި މޭބިސްކަދުރުދިޔަ ބޮއި ހަދާ. 6ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.“
7އަނގަހަޑި މީހަކަށް ނަސޭހަތެއް ދޭ މީހާއާ ކުރިމަތިވާނީ ހަޑި ހުތުރު ބަސްތަކެވެ. ނުލަފާ މީހަކުގާތު ހެޔޮ އެއްޗެއް ބުނާ މީހާއަށް ލިބޭނީ އަނިޔާއެކެވެ. 8ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފުރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ. 9ހެޔޮ ވިސްނުމެއް ހުރި މީހެއް ނަމަ އޭނާ އެއަށް ވުރެން ހެޔޮވިސްނުން ހޯދާނެއެވެ. ހެޔޮ މީހާއަށް ބުނެދޭ އެއްޗަކުން އޭނާ އިތުރު ކަންތައް އުނގެނޭނެއެވެ.
10 މާތްރަސްކަލާނގެ ދެކެ ބިރުވެތިވުމަކީ ޙިކުމަތުގެ ބިންގަލެވެ. މުޤައްދަސް ފަރާތް ދެނެގަނެވުމުން ތިމާއަށް ތަންދޮރު ދެނެގަނެވެއެވެ.
11އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ. 12ހެޔޮ ވިސްނުމަކީ ކަލޭމެންނަށް މަންފާ ހުރި ކަމެކެވެ. ފޮނިކެނޑުމުން ލިބޭނީ ގެއްލުމެވެ.
މޮޔަ ދައުވަތު
13މޮޔަކަމަކީ އަޑުގަދަ ޖާހިލު ލަދުކުޑަ އަންހެނެއް ކަހަލަ އެއްޗެކެވެ. 14އޭނާ އިންނާނީ ގޭދޮރުމަތީގައި އަވަށުގެ އެންމެ އުސް ފަރުބަދަމަތީގައެވެ. 15ހިނގާފައި ދާހާ އެންމެންނަށް އޭނާ ގަދައަޑުން ގޮވަމުން ދާނެއެވެ. 16”ކަލެއަކީ މޮޔައެއްނަމަ މިތަނަށް އަންނާށެވެ. 17ވަގަށްނަގާ ފެނުގައި ފޮނި ރަހައެއް ހުރެއެވެ. ވަގަށްނަގާ ކާތަކެތީގައި މީރު ރަހައެއް ހުރެއެވެ.“ 18އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.