ހަރުބަސްތައް 10
10
ސުލައިމާނުގެފާނުގެ ބުއްދިވެރި ބަސްފުޅުތައް
1މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ:
ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
2ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.
3 މާތްރަސްކަލާނގެއަށް ކިޔަމަންވާ މީހާ ބަނޑުހައިވިޔަކަ އެކަލާނގެ ނުދެއްވާނެއެވެ. އެކަމަކު ނުބައިނުލަފާމީހާ ދެވިހިފާވާ ކަންތައްތައް އެކަލާނގެ ކޮށެއް ނުދެއްވައެވެ.
4ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.
5ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ.
6ހެޔޮމީހާއަށް ތާރީފާއި ބަރަކާތް ލިބެއެވެ. ނުބައިމީހާގެ ބަސްތަކުގައި އޭނާގެ ނުބައި ނިޔަތް ފޮރުވިފައި ހުރެއެވެ.
7ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ.
8ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.
9ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ.
10އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ.
11ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.
12ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.
13ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ.
14ބުއްދިވެރިޔާ ހުރިހާ ކަމެއް ދަނެގަންނާނެ އެވެ. މޮޔަމީހާ ހިތުހުރި ގޮތަކަށް ބުނާ ބަސްތަކުން ކުރިމަތިވާނީ މުސީބާތްތަކެވެ.
15މުއްސަނދިކަން އެއީ މީހާގެ ކިއްލާއެވެ. ހައިހޫނުކަން ފަގީރުމީހާ ހަލާކަށް ހުށަހަޅުވައެވެ.
16ޞާލިޙުކަމުގެ އުޖޫރައަކީ ރަނގަޅު ދިރިއުޅުމެކެވެ. ނުބައިކަމުގެ އުޖޫރައަކީ ޢުޤޫބާތެވެ.
17ތިމާ އިސްލާހު ކުރުމުން އެކަން ބަލައިގަންނާށެވެ. އޭރުން ކަލޭގެ ދިރިހުރުން އާރާސްތު ވާނެއެވެ. އިސްލާހު ނުވާމީހާ މަގުން އެއްކިބާވެދާނެއެވެ.
18ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.
19ބަސް ގިނަވި ވަރަކަށް ކުށްބަސް ބުނެވޭނެއެވެ. ބުއްދިވެރިޔާގެ ބަސް މަދުވާނެއެވެ.
20ހެޔޮމީހާގެ ބަސްތަކުގައި ސާފު ރިހިހާ އަގުހުރެއެވެ. ވިޔާނުދާ މީހާގެ ފިކުރަކު އަގެއް ނުހުރެއެވެ.
21ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.
22 މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.
23މޮޔައިން ކުރާހިތްވާނީ ގޯސް ކަންތަކެވެ. ވިސްނުންތެރިން ކުރާހިތްވާނީ ބުއްދިވެރި ކަންކަމެވެ.
24ނުބައިމީހާ އެންމެ ބިރުގަންނަ ކަންތައް އޭނާއާ ކުރިމަތި ވާނެއެވެ. އެކަމަކު ހެޔޮމީހާއަށް އޭނާ އެދޭ ރަނގަޅު ކަންތައް ފަހިވެގެން އަންނާނެއެވެ.
25ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ.
26ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ.
27 މާތްރަސްކަލާނގެއަށް ބިރުވެތިވެ ވާށެވެ. އޭރުން ކަލޭގެ އުމުރު ދިގުވާނެއެވެ. ނުބައިކަންތައް ކުރާ މީހާގެ އުމުރު ކުރުވާނެއެވެ.
28 މާތްރަސްކަލާނގެއަށް އުންމީދުކުރާ މީހާގެ ދިރިއުޅުން އުފާވެރިވާނެއެވެ. ނުބައިމީހާއަކަށް އުންމީދެއް ނޯވެއެވެ.
29ތެދުވެރިގޮތުގައި އުޅޭމީހާ މާތްރަސްކަލާނގެ ރައްކާތެރި ކުރައްވައެވެ. އެކަމަކު ނުބައިމީހާ ނެތިކޮށްލައްވަ އެވެ.
30ޞާލިޙުކަން މަތީ ހުންނަ މީހާއަށް އަބަދުވެސް ރައްކާތެރިކަން ލިބެއެވެ. ނުބައިމީހާ ރަށުން ބޭރުކޮށްލެވެއެވެ.
31ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ.
32ޞާލިޙުންގެ ދުލަށް ހެޔޮބަސްތައް އާދެއެވެ. ނުބައިމީހާގެ ދުލުން ބޭރުވާނީ ގެއްލުން ހުރި ބަސްތަކެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.