ނެރުއްވުން 24

24
އިސްރާއީލީން ޢަހުދުނާމާ ގަބޫލުކުރުން
1ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ: ”⁠މިތަނަށް އަހަރެންގެ ގާތަށް އާދޭ. އަންނަ އިރު ހާރޫނުއާއި ނާދާބު އާއި އަބީހޫ ވެސް ގެންނާތި. އަދި އިސްރާއީލީންގެ ބޮޑުންގެ ތެރޭން ހަތްދިހަ މީހުން ވެސް ގެންނާތި. އެއެންމެން އަޅުކަން ކުރަން ޖެހޭނީ ދުރުގައި ތިބެގެން. 2އަހަރެންގެ ކައިރިއަށް އާދެވޭނީ މޫސާއަށް އެކަނި. އެހެން މީހުން އެއްގޮތަކަށް ވެސް ކައިރިއަށް އައިސްގެން ނުވާނެ. އެހެން އެކަކު ވެސް ކަލެއާއެކު ފަރުބަދަ މައްޗަށް އަރައިގެން ނުވާނެ.⁠“
3ދެން މޫސާގެފާނު ވަޑައިގެން މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް އެމީހުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ދެން އެމީހުން އެއްއަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ އަމުރުފުޅަކަށް އަހަރެމެން ބޯލަނބައި ކިޔަމަން ގަންނާނަން.⁠“
4ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.
5ދެން އެކަލޭގެފާނު އިސްރާއީލީންގެ ފިރިހެން ޒުވާނުންތަކެއް ފޮނުއްވައި އެތަނުގައި އެންދުމުގެ ޤުރުބާނީއެއް ކުރެއްވިއެވެ. އަދި ގެރި ކަތިލައި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ވެސް މާތްރަސްކަލާނގެއަށް ހުށަހެޅުއްވިއެވެ.
6މޫސާގެފާނު މި ޖަނަވާރުތަކުގެ ލޭގެ ދެބައިކުޅަ އެއްބައި ދޮލަނގަކަށް އަޅުއްވައި އަނެއް ބައި ޤުރުބާނީ އައްޓަށް ބުރުއްސަވައި ލެއްވިއެވެ. 7ދެން ޢަހުދުނާމާ ފަތްކޮޅު ނަންގަވައި އެކަލޭގެފާނު ހަރު އަޑުފުޅުން އެމީހުންނަށް ވިދާޅުވެ ދެއްވިއެވެ.
އަނެއްކާވެސް އެމީހުން އިޖާބަ ދިނެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ ކަމެއް އެގޮތަކަށް އަޅުގަނޑުމެން ކުރާނަން.⁠“
8ދެން މޫސާގެފާނު ދޮލަނގަށް އެޅުއްވި ލޭތައް އެމީހުންގެ މައްޗަށް ބުރުވާލައްވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާ! ކަލޭމެންގެ މައްޗަށް މި އަމުރުފުޅު ފޮނުއްވައި މާތްރަސްކަލާނގެއާ ކަލޭމެންނާ ދެމެދު ކުރެވޭ ޢަހުދުނާމާގައި މި ސިއްކަ ޖެހުނީ.⁠“
9ދެން މޫސާގެފާނާއި ހާރޫނުގެފާނާއި ނާދާބުއާއި އަބީހޫއާއި އިސްރާއީލުގެ ހަތްދިހަ ބޮޑުން އެ ފަރުބަދަ މައްޗަށް ވަޑައިގެންފިއެވެ. 10އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ. 11އިސްރާއީލުގެ މި އިއްޒަތްތެރިން އެކަލާނގެއަށް ބެލި ކަމުގައި ވިޔަސް އެކަލާނގެ އެބޭކަލުން ނައްތައެއް ނުލައްވައެވެ. އަދި ކީތްހެއްޔެވެ! އެމީހުން އެކަލާނގެ ޙަޟްރަތުގައި ކައިބޮއި ވެސް ހެދިއެވެ.
މޫސާގެފާނު ޠޫރުސީނާ ފަރުބަދަ މަތީގައި
12ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”⁠ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.⁠“
13އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ. 14މޫސާގެފާނު ބޮޑުންނަށް މިހެން ވިދާޅުވިއެވެ. ”⁠އަހަރެމެން އަންނަންދެން ނުގޮސް މިތަނުގައި މަޑު ކުރާތި. ހާރޫނާއި ހޫރު ވެސް ކަލޭމެންގެ ގާތު ތިބޭނެ. އަހަރެން ނެތީސް ދެބައެއްގެ ދެމެދުގައި ދެކޮޅުވެރިކަމެއް ހިނގައިފިނަމަ އެ ދެމީހުންނާ ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރޭ.⁠“
15ދެން މޫސާގެފާނު ފަރުބަދައަށް އަރާވަޑައިގަތުމުން ވިލާގަނޑަކުން އެ ފަރުބަދަ ފޮރުވިއްޖެއެވެ. 16އެއާ އެކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ މަތިވެރި ނޫރުފުޅު ތޫރު ސީނާ ފަރުބަދަމަތީ ވޮޑިގެންފިއެވެ.
ހަ ދުވަސް ވަންދެން އެ ފަރުބަދަ ހުރީ ވިލާގަނޑަކުން ފޮރުވިފައެވެ. ހަތް ވަނައަށް ވީ ދުވަހު މާތްރަސްކަލާނގެ އެ ވިލާގަނޑުގެ ތެރޭން މޫސާގެފާނަށް ހަނާއަޅުއްވައި ގެންދަވައިފިއެވެ.
17އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ. 18ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ.
އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.

ទើបបានជ្រើសរើសហើយ៖

ނެރުއްވުން 24: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល