YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 11

11
ދެ ހެކިވެރިން
1އެއަށް ފަހު، އަހަރެންގެ އަތަށް މިންއަޅާނޭ ދަނޑިއެއް ދިނުމަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”⁠ބައިތުލް މަޤްދިސްގައްޔާއި ޤުރުބާން ހުށަހެޅުމަށް ހުންނަ ޚާއްސަ އަށީގެ ވެސް މިން ނަގާ. އަދި ބައިތުލް މަޤްދިސްގައި އަޅުކަން ކުރަން ތިބި މީހުންގެ އަދަދު ވެސް ގުނާ. 2ނަމަވެސް ބައިތުލް މަޤްދިސްގެ ބޭރުގައި ހުރި ގޯތީގެ މިން ނަގާނެކަމެއް ނެތް. އެ ގޯތި އެ އޮތް ގޮތަށް ދޫކޮށްލާ. ސަބަބަކީ އެތަނަކީ ޣައިރު ބަނީއިސްރާއީލުންނަށް ދެވިފައިވާ ތަނެއްމެ. އަދި އެބައިމީހުން ޤުދުސީ ސަހަރު ފުނޑުފުނޑުކޮށްލައި އެ ސަހަރުގެ މައްޗަށް އެބައިމީހުންގެ ބާރު ސާޅީސް ދެ މަސް ވަންދެން ހިންގާނެ. 3އަދި އެ ދެ ހެކިވެރިން ހިތާމައިގެ ސުތުލިފޮތީގެ ހެދުމުގައި އަހަރެން ފޮނުވާނަން. އެބައިމީހުން އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަހު މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާނު ކުރައްވާނެ.⁠“
4އެދެހެކިންނަކީ ދެ ޒައިތޫނި ގަހެވެ. އަދި އެއީ ދުނިޔޭގައި ވެރިކަން ހިންގަވާ މާތްރަސްކަލާނގެ ޙަޟްރަތުގައިވާ ދެ ބައްތި ވެސް މެއެވެ. 5އެބައިމީހުންނަށް އަނިޔާވެރިވުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ އެދެމީހުންގެ އަނގައިން އަލިފާން އަންނާނެއެވެ. އަދި އެ އަލިފާނުގައި އެ މީހުންގެ ޢަދުއްވުން އަނދައިދެއެވެ. އަދި އެ ދެ ހެކިވެރިންނަށް އަނިޔާވެރި ވުމަށް މަސައްކަތްކުރާ ކޮންމެ މީހަކު ވިޔަސް އެ ބަޔަކު ގަތުލު ވެދެއެވެ. 6މި ދެ ހެކިވެރިން އެބައިމީހުންނަށް މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.
7މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ. 8އެމީހުންގެ މާތްސާހިބާ ސަލީބަށް އެރުވިދިޔަ މަތިވެރި ސަހަރުގެ މަގު މަތީގައި މި ދެ ހެކިވެރިންގެ ހަށިގަނޑު ބޭއްވިފައި ވާނެއެވެ. އެ ސަހަރުގެ ރަމްޒީ ނަމަކީ ސަދޫމު އަދި މިޞްރެވެ. 9އެންމެހައި ނަސްލުތަކުންނާއި، ޤަބީލާތަކާއި، ބަހުރުވަތަކުންނާއި އަދި ޤައުމުތަކުން އައި މީހުން އެ ދެ ހެކިންގެ ހަށިގަނޑަށް ތިން ދުވަސް ބައި ވަންދެން ބަލަން ތިބޭނެއެވެ. އަދި އެބައިމީހުން ވަޅުލުމަށް އިންކާރު ކުރާނެއެވެ. 10އެ ދެމީހުން މަރުވުމުގެ ސަބަބުން ދުނިޔެމަތީގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެން އުފާކޮށް މަޖާކޮށް އުޅޭނެއެވެ. އެކަކު އަނެކަކަށް އެބައިމީހުން ހަދިޔާ ފޮނުވާނެއެވެ. އެއީ ދުނިޔެމަތީގައި ދިރިއުޅުނު ފަރާތްތަކަށް މި ދެ ނަބިއްޔުން ތަފާތު މުސީބާތްތައް ކުރިމަތި ކުރައްވާފައިވާތީއެވެ.
11ނަމަވެސް ތިން ދުވަހާއި، ބައި ދުވަސް ފަހުން، މާތްރަސްކަލާނގެ އެ ދެ ނަބީބޭކަލުންގެ ފުރާނަ އަލުން އެޅުއްވިއެވެ. އަދި އެދެމީހުން ކޮޅަށް ތެދުވިއެވެ. އަދި އެދެމީހުން ފެންނަ ކޮންމެ މީހަކުމެ ބިރުވެތި ވިއެވެ. 12އެއަށް ފަހު، އުޑުން މިފަދައިން ވިދާޅުވެ ދިޔަ އަޑު އެ ދެ ނަބީ ބޭކަލުންނަށް އިވި ވަޑައިގަތެވެ. ”⁠މިތާ މައްޗަށް އާދޭ!⁠“ އަދި އެބޭކަލުންގެ ޢަދުއްވުން ބަލަން ތިއްބައި ވިލާގަނޑެއްގައި އެބޭކަލުން އުޑަށް ވަޑައިގެންނެވިއެވެ. 13ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!
14އެނިމިދިޔައީ ދެވަނަ ބިރުވެރިކަމެވެ. ތިންވަނަ ބިރުވެރިކަން އަވަސްކަމާއެކު އަންނާނެއެވެ.
ހަތްވަނަ ތާޅަފިލި
15އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“ 16އެއަށް ފަހު މާތްރަސްކަލާނގެ ޙަޟްރަތުގައި ތަޚުތުތަކުގައި އިށީނދެ ތިބި ސައުވީސް ބޮޑުން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މިފަދައިން ވިދާޅުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.
17”⁠ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާކޮ! އިނބަރަސްކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ ރަސްކަލާނގެމެ!
އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު ހިންގަވާތީ އަޅުގަނޑުމެން ޝުކުރުވެރިވަން،
އަދި ހަމަ އިނބަރަސްކަލާނގެ ވެރިކަން ކުރައްވަން ފެށުމުން ވެސްމެ!
18ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ.
ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ.
މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ.
އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެ.
އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ.
އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު.
އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!⁠“
19އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު#ނެރުއްވުން 25‏:10‏-22 ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in