YouVersion Logo
Search Icon

ހަރުބަސްތައް 12

12
ނުބައިކަންތަކުގެ ފުރަގަހަކު ފިލައެއް ނުހުރެވޭނެ
1އުނގެނިގަތުމަށް ލޯބިވާމީހާ ތަރުބިއްޔަތުކުރުން ބަލައިގަންނާނެއެވެ. ފާޑު ކިއުންތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ.
2 މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.
3ނުބައިކަންތަކުން ރައްކާތެރިކަމެއް ނުލިބެއެވެ. ޞާލިޙުކަން މަތީ ހުންނަމީހާ ފުނަށް މޫފައިބާފައި ހުރި ގަހެއް ފަދައެވެ.
4ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ.
5ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.
6ނުބައިމީހުންގެ ނަސޭހަތަކީ މަރުގެ ދަންތުރައެކެވެ. ޞާލިޙުންގެ ބަސްތަކަކީ ދިރިހުރުން ލިބިދޭ މަގުތަކެވެ.
7ނުބައިމީހާ ނެތިވެ ދިއުމުން އެ ނިމުނީއެވެ. އެކަމަކު މާތްރަސްކަލާނގެ މަގުގައި ތިބޭ ބައެއްގެ އާއިލާ އެގޮތުގައި ދެމި ތިބޭނެއެވެ.
8ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.
9މަތިވެރި މީހެއްގެ ގޮތްދައްކައިގެން ހުރެމެ ކާނެ އެއްޗެއް ނެތް މީހާއަށް ވުރެން، ގެންގުޅޭނެ ޚާދިމަކު ހުރި އާދައިގެ މީހަކު ވެސް މާ ރަނގަޅެވެ.
10ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.
11ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.
12ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.
13ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.
14ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
15މޮޔައިން ހީކުރާނީ ތިމާމެން ވަރެއް ނެތްކަމުގައެވެ. އެކަމަކު ހެޔޮވިސްނޭ މީހުން އެހެންމީހުންގެ ނަސޭހަތް އަޑުއަހައެވެ.
16ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ.
17ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.
18ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.
19ތެދަކީ ދާއިމަށް ދެމިގެންދާނެ އެއްޗެކެވެ. ދޮގުތައް އިސާހިތަކު ފަޅާއަރާފާނެއެވެ.
20ހީލަތްތެރިޔާގެ ހިތުގައި ވާނީ ގެއްލުންދެނިވި ރޭވުންތަކެވެ. ސުލްޙަވެރިކަން ގެންނަން ރާވާ މީހާ ހުންނާނީ އުފަލުގައެވެ.
21މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ.
22ދޮގުވެރިޔާދެކެ މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ތެދުވެރިންނަކީ އެކަލާނގެއަށްވާ އުފާފުޅެކެވެ.
23ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ.
24ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ.
25ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.
26ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.
27ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.
28ޞާލިޙުކަމަކީ ދިރިހުރުމާ ދިމާއަށް ދާ މަގެވެ. ނުބައިކަމުގެ މަގުން ދެވެނީ މަރާ ދިމާއަށެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in