ހަރުބަސްތައް 11
11
ބުނާބަސްތަކާއި ކުރާކަންތަކަށް ސަމާލުވާށެވެ.
1ހީލަތްތެރިން ދެކެ މާތްރަސްކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެ ލޯބިވަނީ ތެދުވެރިން ދެކެއެވެ.
2ބޮޑާ މީހާގެ ލަސްތަކެއް ނުވެ އަގު ވެއްޓިދާނެއެވެ. ހިތްތިރި ކަމަކީ ހިކުމަތްތެރި ކަމެކެވެ.
3ރަނގަޅު މީހާއަށް ތެދުވެރިކަން މަގުދައްކާނެއެވެ. ދޮގުވެރިޔާ ބެދޭނީ އޭނާގެ ކެހިވެރިކަމުގެ މަޅީގައެވެ.
4މަރު އައިސް ޖެހުމުން ފައިސާގެ ބޭނުމެއް ނުފުދެއެވެ. ފުރާނަ ސަލާމަތްވަނީ ތެދުވެރިކަމުންނެވެ.
5ޙަޤީޤީ ރަނގަޅު މީހާ ކުރާކަންތައް އޮމާންވެ ސާފުސީދާ ވާނެއެވެ. ނުބައިމީހާ ވެއްޓޭނީ އޭނާގެ ފާފައިގެ ތެރެއަށެވެ.
6ތެދުވެރިންނަށް އެމީހުންގެ ޞާލިޙުކަމުގެ ސަބަބުން ސަލާމަތްކަން ލިބެއެވެ. ބަހުގެ އިތުބާރު ނުހިފޭ މީހާ ޖެހޭނީ އޭނާގެ އަމިއްލަ ދަހިވެތިކަމުގެ ދަންތުރައިގައެވެ.
7ނުބައިމީހާ މަރުވެދާއިރު އޭނާއާއެކު އޭނާގެ އުންމީދުތައް ވެސް ވަޅުލެވިދެއެވެ. މުއްސަނދިކަމަށް އެމީހުން ކުރި އިތުބާރު ވެސް ގެއްލިދެއެވެ.
8މުސީބާތް ނުބައި މީހުންނާ ކުރިމަތިވަނީ ހެޔޮމީހުން ފަހަނަޅާ އައިހެވެ.
9ނުބައި މީހުންގެ ނުބައި ބަސްތަކުން އަވަށްޓެރިޔާއަށް މުސީބާތް ކުރިމަތި ކުރެއެވެ. އެހެންނަމަވެސް ހެޔޮ މީހާ ތަންދޮރު ދަންނާތީ އޭނާގެ ރައްކާތެރިކަން ހޯދައިގަނެއެވެ.
10ހެޔޮ މީހާއަށް ކާމިޔާބު ލިބި ނުބައި މީހުން ނެތިވެ ދިއުމުން، މުޅި ރަށް އުފާ ފާޅުކުރެއެވެ.
11ހެޔޮމީހުން ރަށަށް އުފާފާގަތިކަމާއި ތަނަވަސްކަން ގެނެސްދެއެވެ. އެކަމަކު ހީލަތްތެރިންގެ ކެހިވެރި އަނގަތަކުން ރަށް ވަނީ އިންދިރާހެވެ.
12އަވަށްޓެރިޔާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ މޮޔަކަމެކެވެ. ހަމަވިސްނޭ މީހަކުނަމަ ހުންނާނީ އަނގަމަޑުން ލައިގެންނެވެ.
13އަނގަބޮޑުމީހާ ނުބުނާނެ ވާހަކައެއް ނުހުންނާނެއެވެ. އެކަމަކު އިތުބާރު ހުރި މީހާ އެކައްޗެއް ވެސް ބޭޒާރެއް ނުކުރާނެއެވެ.
14މޮޔަ ވެރިން ގިނަވެއްޖެނަމަ އެތަނެއް ހަލާކުވާކަށް ލަހެއްނެތެވެ. ހެޔޮ ވެރިން ގިނަ ތަނެއްނަމަ އެތަނެއް ރައްކާތެރިވާނެއެވެ.
15ނުދަންނަ މީހެއްގެ ދަރަންޏަކަށް ޒިންމާވުމަކީ ނުރައްކާތެރި ކަމެކެވެ. އެ ޒިންމާ ތިމާގެ ބޮލުގައި ނާޅާށެވެ.
16ޚުލްގުހެޔޮ އަންހެނާއަށް އިޙްތިރާމް ލިބެއެވެ. ރަޙުމްކުޑަ މީހާއަށް ލިބެނީ މުއްސަނދިކަން އެކަންޏެވެ.
17އޯގާވެރިކަމުން ހެޔޮ ބަދަލު ލިބެއެވެ. އަނިޔާވެރިކަމުން އޭނާއަށް ގެއްލުމާ ހަލާކު ލިބެއެވެ.
18ނުބައި ނުލަފާ މީހުންނަށް ލިބޭ ދާއިމީ ފައިދާއެއް ނޯވެއެވެ. އެކަމަކު ހެޔޮކަންތައް ކުރާ މީހާއަށް ލިބޭނީ ދާއިމީ އިނާމެވެ.
19ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ މަރުވެ ނެތިދާނެއެވެ.
20މަކަރުވެރިން ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.
21ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.
22ވިޔާނުދާ ރިވެތި އަންހެނާއެކޭ އޫރެއްގެ ނޭފަތުގައި ލާފައި އޮންނަ ރަން އަނގޮޓިއެކޭ އެއްފަދައެވެ.
23ހެޔޮމީހުންގެ ބޭނުންތަކުން ލިބެނީ ހެވާއި ފައިދާއެވެ. ގޯސް މީހުންގެ ބޭނުންތަކުން ރޯވަނީ ނުރުހުމުގެ އަލިފާނެވެ.
24ދީލަތިކަމުން މީހާ މުއްސަނދިވެދެއެވެ. ބަޚީލުކަމުން މީހާ ފަގީރުވެދެއެވެ.
25ދީލަތިކަމުން ތަނަވަސްކަން ލިބެއެވެ. އަނެކާއަށް ފެންފޮދެއް ދޭމީހާއަށް ފެން ލިބޭނެއެވެ.
26ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ.
27ހެޔޮކަމަށް ބާރު އަޅާ މީހާއަށް އިޙްތިރާމް ލިބެއެވެ. މައްސަލަ އުފައްދަން އުޅޭ މީހާއާ ކުރިމަތިވާނީ މައްސަލަތަކެވެ.
28ތިމާގެ މުއްސަނދިކަމަށް ބަރޯސާވާ މީހާގެ މުއްސަނދިކަން ޚަރީފު މޫސުމުގެ ފަތްތަކެއްހެން ފައިބާނެއެވެ. މާތްރަސްކަލާނގެއަށް ބަރޯސާވާ މީހާ ބަހާރު މޫސުމުގެ ގަސްތަކުގެ ފަތްތައް ފަދައިން ތާޒާ ވާނެއެވެ.
29އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މީހާއަށް އާޚިރުގައި އެކައްޗެއް ވެސް ނުލިބެއެވެ. މޮޔައިންވާނީ ބުއްދިވެރިންގެ އަޅުންނަށެވެ.
30ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ.
31ބިންމަތީގައި ހެޔޮމީހުންނަށް ހެޔޮކަމުގެ އިނާމު ލިބޭއިރު ނުބައި މީހުންނަށް ލިބޭ ނުބައިކަމުގެ ސަޒާ މާ ބޮޑު ނުވާނެ ހެއްޔެވެ؟
Currently Selected:
ހަރުބަސްތައް 11: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.