ޔޫޙަންނާ 3
ކމ

ޔޫޙަންނާ 3

3
އީސާގެފާނާއި ނިކޮދޭމު
1ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ. 2އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“
3އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.“#3‏:3 މިތަނުގައި މާތްރަސްކަލާނގެ ރަސްކަންފުޅަށް ނިސްބަތްކުރެވޭ ބަހުގެ މަނައަކީ، އަލްމަސީޙު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން، މާތްރަސްކަލާނގެ އާއި މީސްތަކުންގެ ދެމެދުގައި އޮންނާނެ ގުޅުމެވެ.
4ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟“
5އީސާގެފާނު ވިދާޅުވިއެވެ. ”ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ. 6އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން. 7އެހެން ވީމާ އަލުން އުފަންވާން ޖެހޭނެއޭ ބުނުމުން އެކަމާ ކަލޭ ހައިރާން ނުވޭ. 8ވައިޖެހެނީ އެޖެހޭނެ ދިމާލަކުން. އެވައި ޖެހެމުންދާ އަޑު އިވޭ. އެކަމަކު އެ އަންނަނީ ކޮންތާނކުން ކަމެއް، ނުވަތަ އެދަނީ ކޮންތާނކަށް ކަމެއް، އެކަކަށް ވެސް ނޭނގޭ. ހަމަ އެފަދައިން މީހަކު މާތްރޫޙުން އުފަންވަނީ ކިހިނެއް ކަމީ ވެސް އެއީ އޮޅުންފިލުވާދީ ބުނެދެވޭފަދަ ކަމެއް ނޫން.“
9”ތިޔަ ކަންތައްތައް ތިހެން ވާނީ ކިހިނެއް؟“ ނިކޮދޭމު އީސާގެފާނަށް ދެންނެވިއެވެ.
10އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ތިޔައީ ބަނީއިސްރާއީލުގެ މޮޅު، މަތީ ދަންނަބޭކަލެއް. އެކަމަކު ކަލެއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނު ތަ؟ 11ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ. 12އަހަރެން މި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ވެސް ކަލޭމެން އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރި. ވީއިރު އަހަރެން ކަލޭމެންނަށް ސުވަރުގޭގައި ހިނގާ ކަންތަކުގެ ވާހަކަ ކިޔާދިނަސް އެވާހަކަތައް ކަލޭމެންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟ 13އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ. 14މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.#3‏:14 ބަނީއިސްރާއީލު މީސްތަކުން ހަނަފަސް ސަހަރާގެ ތެރޭގައި ވީ ދުވަސްވަރު މާތްރަސްކަލާނގެ ކިބަފުޅަށް ނުކިޔަމަންތެރިވިއެވެ. އެހިނދު މާތްރަސްކަލާނގެ ވިހަ ހަރުފަތަކެއް އެމީހުންގެ މެދަށް ފޮނުއްވިއެވެ. އަދި އެ ހަރުފަތައް ވިހަލުމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުން ދިޔައެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ކަފުލޮއިން ހަރުފައެއް ހަދާ އެމުޑިއަކަށް ނެންގެވުމަށް ވަޙީކުރެއްވިއެވެ. މީސްތަކުން މާތްރަސްކަލާނގެ ބަސްފުޅަށް އިތުބާރުކޮށް އެލޯހަރުފަ ހުރިތަނަށް ގޮސް ދެކެފިނަމަ އެމީހަކު މަރުނުވެ ސަލާމަތް ވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. 15އެހެންކަމުން އަހަރެން ގަބޫލުކޮށް އީމާންވި ކޮންމެ މީހަކަށްމެ ނިމުންނުވާ ޙަޔާތް ލިބޭނެ.
16މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި. 17މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.
18 މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރުވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ. 19އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުންވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ. 20ނުބައި އަމަލުތައް ކުރާ ކޮންމެ މީހަކުވެސް އަލިކަމަށް ނަފުރަތުކުރޭ. އަދި އެމީހުން އަލިކަމާ ދުރަށް ދާން މަސައްކަތް ކުރޭ. އެއީ އަލިކަމުގެ ސަބަބުން އެމީހުންގެ ނުބައި ފާފަވެރި އަމަލުތައް ހާމަވެ ފެންނާނެތީ. 21ނަމަވެސް ހެޔޮ އަމަލުތައް ކުރާ މީހުން އުފަލާއި އެކު އަލިކަމާ ދިމާލަށް އާދޭ. އެއީ އެމީހުން އެ އަލިކަމާ ދިމާލަށް އަންނަނީ މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމާއެކު ކަން އެހެން މީހުންނަށް އެނގި ފާޅުވުމަށްޓަކައި.“
އީސާގެފާނާއި ޔަޙުޔާގެފާނު
22މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ.
23‏-24ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ. 25އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ. 26ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.“
27ޔަޙުޔާގެފާނު އެމީހުންނަށް ވިދާޅުވިއެވެ ”މާތްރަސްކަލާނގެ ނުދެއްވާނަމަ އެކަކަށްވެސް އެކައްޗެއް ވެސް ނުލިބޭނެ. 28އަހަރެންނަކީ އަލްމަސީޙު ނޫންކަން ކަލޭމެން އެންމެންނަށް ވަރަށް ސާފުކޮށް އަހަރެން ބުނެދިނީމެންނު؟ އަހަރެން މިއައީ ހަމައެކަނި އެކަލޭގެފާނަށްޓަކައި މީސްތަކުންގެ ހިތްތައް ތައްޔާރުކުރުމަށް. 29އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި. 30އެކަލޭގެފާނުގެ މުހިންމު ކަން ދުވަހެއް ދުވަހަކަށް މަތިވެރި ވާން ޖެހޭނެ. އަދި އަހަރެން ދުވަހެއް ދުވަހަކަށް އެކަހެރި ވާންޖެހޭނެ.“
ސުވަރުގެއިން ވަޑައިގެން ކަލޭގެފާނު
31”އެކަލޭގެފާނު ވަޑައިގެންނެވީ އެންމެ މަތިން. ނަމަވެސް އަހަރެންނަކީ މި ދުނިޔޭގެ މީހެއް. އަދި އަހަރެންނަށް އެނގެނީ ވެސް މި ދުނިޔޭގެ ކަންތައްތައް. ނަމަވެސް އެކަލޭގެފާނު ވަޑައިގެންނެވީ ސުވަރުގެއިން. އެހެން އެއްވެސް މީހަކަށް ވުރެ އެކަލޭގެފާނުގެ މަތިވެރިކަން ބޮޑު. 32އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކުވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ. 33ނަމަވެސް އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ގަބޫލު ކުރާ މީހަކު އެ ހެކިވަނީ މާތްރަސްކަލާނގެއަކީ ތެދުވެރިވަންތަ ކަލެއް ކަމަށް. 34އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ. 35އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ. 36އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.“