YouVersion Logo
Search Icon

ޔާމިޒުގެ ސިޓީ 4

4
އަމިއްލަ އެދުންތަކުން އެއްކިބާވުން
1ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ. 2ކަލޭމެންނަށް ލިބިގެންނުވާ ތަކެއްޗަށް އެދުންވެރިވާތީއެވެ. އަނެކުންނަށް ލިބިފައިވާ ތަކެއްޗާއިމެދު ކަލޭމެން ޙަސަދަވެރިވެ މީސްތަކުން މަރައި އެތަކެތި ހޯދުމަށް ދަހިވެތި ވާތީއެވެ. ނަމަވެސް ކަލޭމެން ލިބުމަށް އެދޭ ތަކެތި ކަލޭމެންނަށް ނުމެލިބޭނެއެވެ. އެހެންވީމާ ކަލޭމެން އެކަކު އަނެކަކަށް އަރާރުންވެ އަދި ތަޅާފޮޅަނީއެވެ. ކަލޭމެން ލިބުމަށް އެދިގެންވާ ތަކެތި ކަލޭމެންނަށް ލިބިގެންނުވާ ސަބަބަކީ އެ ތަކެތި ލިބުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ނުދަންނަވާތީއެވެ. 3އެތަކެއްޗަށް އެދި ކަލޭމެން ދުޢާކުރުމުން ވެސް މާތްރަސްކަލާނގެ އެތަކެތި ކަލޭމެންނަށް ނުދެއްވައެވެ. ސަބަބަކީ ކަލޭމެންގެ މަގުސަދުގެ ނުބައިކަމެވެ. އެއީ ހަމައެކަނި ކަލޭމެންގެ ބޭނުމަކީ އަމިއްލަ އެދުމުގެ އުފާވެރިކަން ލިބިގަތުން ކަމުގައި ވާތީއެވެ.
4އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ. 5ނޫނީ މަގުސަދެއްނެތި މުޤައްދަސް ފަތްފުށްތައް މިފަދައިން އަންގަވާ ދެއްވާފައިވާކަމުގައި ކަލޭމެން ދެކެނީހެއްޔެވެ؟ ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ލެއްވީ އަހަރެމެން ހުރިހާ އެންމެންނަކީ އެކަލާނގެ ކިބަފުޅަށް ހަމައެކަނި މިލްކުވެގެންވާ ބައެއް ކަމުގައި ލެއްވުމަށޭ.⁠“ 6ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ.
”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ.
އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“
7އެހެންވީމާ ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށް ބޯލަނބާށެވެ. އަދި އިބިލީސްއާއި ދެކޮޅަށް ތެދުވާށެވެ. އޭރުން އޭނާ ކަލޭމެންނާއި ދުރަށް ދުވާނެ އެވެ. 8މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ. 9ކަލޭމެންގެ ފާފަވެރިކަމާއިމެދުގައި ހިތާމަކުރާށެވެ. ކަރުނައަޅާ ރޯށެވެ. ކަލޭމެންގެ ހުނުންތައް ރުއިމަށް ބަދަލު ކުރާށެވެ. އަދި ކަލޭމެންގެ އުފާތައް ހިތާމައަށް ބަދަލު ކުރާށެވެ. 10އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްތިރިވެގެންވާނަމަ އެކަލާނގެ ކަލޭމެން އުފުއްލަވާނެއެވެ.
އަނެކުންނަށް ފާޑުކިޔުން
11އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ. 12ޤާނޫނު ދެއްވާ އަދި އެ ޤާނޫނަށް އިންސާފު ކުރައްވާނޭ ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ. އެކަލާނގެއީ މީސްތަކުން ސަލާމަތް ކޮށްދެއްވައި އަދި ނެތިކުރެއްވުމަށް ހަމައެކަނި ކުޅަދުންވަންތަ ފަރާތް ވެސް މެއެވެ. އެހެންވީމާ ކަލޭމެންގެ އަވަށްޓެރިޔާ ކުށްވެރިކުރުމުގައި ކަލޭމެންނަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟
މާދަމާއާއި މެދު ފޮނި ނުކަނޑާ
13އަހަރެން ބުނެދޭ މިބަހާއިމެދު ކަލޭމެން ސަމާލުކަން ދޭށެވެ! އެއީ ކަލޭމެން މިފަދައިން ބުނެފައި ވާތީއެވެ. ”⁠އަދު ނޫނީ މާދަމާ ތިމާމެން ތަފާތު ސަހަރުތަކަށް ދަތުރުކޮށް އެ ތަންތަނުގައި އަހަރު ދުވަސްތެރޭ ވިޔާފާރިކޮށް ފައިދާ ހޯދާނަމޭ.⁠“ 14ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ. 15އެހެންވީމާ ކަލޭމެން މިފަދައިން ބުނުމުގައިވާށެވެ. ”⁠މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން އަހަރެމެންނަށް ޙަޔާތު ވޭތުކުރެވޭނޭ. އަހަރެމެން ގޮސް މިކަންތައްތައް ނޫނީ އެކަންތައްތައް ކުރުމުގައި ވާނަމޭ.⁠“ 16ނަމަވެސް މި ހިނދު ކަލޭމެން ވަނީ ބޮޑާވެ ސަޅިބައިސާ ކެނޑުމުގައެވެ. މިފަދައިން ފޮނިކެނޑުމަކީ ނުބައިވެގެންވީ ކަމެކެވެ.
17އެހެންވީމާ ހެޔޮ ކަންތައްތަކަކީ ކޮބައިކަން އަހަރެމެންނަށް އެނގިހުރެމެ އެފަދައިން އަމަލުނުކުރާ މީހާއަށް އެ އަރައިގަނެވުނީ ފާފައަށެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in