ޔާމިޒުގެ ސިޓީ 1
1
ތަހުނިޔާ
1މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ.
އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ.
އީމާންތެރިކަމާއި ވިސްނުންތެރިކަން
2އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ. 3ސަބަބަކީ މިކަންތައްތަކުން ކަލޭމެން ތަޙައްމަލު ކުރާ ކުރުމުގެ ނަތީޖާއަކީ އީމާންތެރިކަމުގައި ކަލޭމެން ދެމި ތިބުމުގެ ގާބިލުކަން ލިބިގެންވާކަން އެނގިގެންވުމެވެ. 4އެހެންވެ އެންމެހާ މުސީބާތްތަކަށް ކެތްތެރިވުމަށް ދަސްކުރާށެވެ. އޭރުން ކަންކަމަށް ދަހިވެތިނުވެ ރޫޙާނީ ގޮތުން ކަލޭމެން ފުރިހަމައަށް ތަސައްރަފުފުދި ދެއެވެ.
5މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ. 6ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ. 7މިފަދަ މީހުންނަށް މާތްރަސްކަލާނގެ ކިބަފުޅުން އެއްވެސް ކަމެއް ލިބިދޭނޭ ކަމަށް އުންމީދު ކުރުމުގެ ބޭނުމެއް ނެތެވެ. 8މިފަދަ މީހުން ތިބޭނީ ދެފުށަށް ކެނޑިކެނޑިއެވެ. އަދި އެފަދަ މީހުން ކުރާ ކޮންމެ ކަމެއް ވަނީ ހަމަޖެހުމެއް ނުވާ ގޮތުގައެވެ.
ނިކަމެތިކަމާއި މުއްސަނދިކަން
9ފަގީރު ޙާލަތުގައިވާ މަސީޙީން ފަޚުރުވެރިވާށެވެ. އެއީ އެފަދަ މަސީޙީންނަށް މާތްރަސްކަލާނގެ ރޫޙާނީ މުއްސަނދިކަމެއް ދެއްވައި އުފުއްލަވައެވެ. 10ނަމަވެސް މުއްސަނދިކަމުގައިވާ ފަރާތްތައް ފަޚުރުވެރިވާންވީ މާތްރަސްކަލާނގެ އެމީހުންގެ ހިތްތިރިކުރެއްވި ކަމަށްޓަކައެވެ. އެހެނީ މުއްސަނދިން ނެތިގެން ދަނީ ގަހުގައި އިންނަ މައު މިލައި މޯޅިވެދާ ފަދައިންނެވެ. 11މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ.
ވަސްވާސްތައް އިމްތިޙާނުކުރުން
12އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.
13ނުބައި އަމަލުތައް ކުރަން ހިތްޖެހޭ ހިނދު މާތްރަސްކަލާނގެ އާއިމެދު ތުހުމަތު ކުރުމުގައި ”އަހަރެން ވަސްވާސްތަކުގެ ތެރެއަށް ގެންދިޔައީ މާތްރަސްކަލާނގެއޭ.“ މިފަދައިން ނުބުނާށެވެ. މާތްރަސްކަލާނގެއަށް ވަސްވާސް ދިނުމަށް ޝައިތާނާއަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ހަމައެހެންމެ އެއްވެސް ފަރާތަކަށް މާތްރަސްކަލާނގެ ވަސްވާހެއް ނުދެއްވައެވެ. 14އަހަރެމެން ވަސްވާސްތަކުގައި ޖެހި ގެނބިގެންދަނީ އަހަރެމެންގެ އަމިއްލަ ނަފްސުގައިވާ ނުބައި އެދުންތަކުންނެވެ. 15މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.
16އެހެންވީމާ އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެން މަކަރުގައި ނުޖެހޭށެވެ! 17ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ. 18އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.
އިވުމާއި އަމަލުކުރުން
19އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ. 20ސަބަބަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ އިޚުލާސްތެރި ޙަޔާތެއްގައި ވުމަށް ކަލޭމެންނަށް ރުޅި އެހީތެރިވެ ނުދޭނޭތީއެވެ. 21އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.
22މާތްރަސްކަލާނގެ އުނގަންނައިދެއްވި ތަކެތީގައިވާ ގޮތަށް އަމަލު ކުރާށެވެ.#1:22 މާތްރަސްކަލާނގެ އުގަންނަވައިދެއްވި ތަކެއްޗަކީ ތައުރާތާއި އިންޖީލުގައްޔާއި އަދި އެކިއެކި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރި ކުރައްވައި އެކަލާނގެ އަންގަވާފައިވާ ވަޙީބަސްފުޅުތަކެވެ. އެތަކެތި އަޑުއަހައި އަދި އަމަލު ނުކުރާނަމަ ކަލޭމެން އަމިއްލައަށް ކަލޭމެންގެ ނަފްސުތައް މޮޔަ ހައްދު ވަނީއެވެ. 23މާތްރަސްކަލާނގެ އުނަގަންނަވައި ދެއްވި ތަކެތީގެ އަޑުއަހައި އެތަކެއްޗަށް އަމަލު ނުކުރުމަކީ މޫނުބަލާ ލޯގަނޑަކުން ސޫރަ ބެލުންފަދަ ކަމެކެވެ. 24އެއީ އެބައިމީހުންނަށް އެބައިމީހުންގެ މޫނު ފެނެއެވެ. އަދި އެ ލޯގަނޑުގެ ކުރިމަތިން ދިއުމުން އިސާހިތަކު އެމީހުންގެ ޙަޤީޤީ ސޫރަ ހަނދާންނެތިދެއެވެ. 25ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ.
26ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ދީންވެރިޔެއް ކަމުގައި ދެކެމުހެއްޔެވެ؟ ނަމަވެސް ދޫ ރައްކާތެރި ކުރެވިގެންނުވާ މީހާގެ ދީންވެރި ކަމުގެ އަގެއް ނެތެވެ. އަދި އެމީހަކަށް އެ މަކަރު އެ ހެދެނީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. 27މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.
Currently Selected:
ޔާމިޒުގެ ސިޓީ 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.