YouVersion Logo
Search Icon

ޢިބްރާނީންނަށް ސިޓީ 13

13
މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަޅުކަން
1އަހަރެމެން އެންމެން އެކަކުއަނެކަކާ އަޅާލައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ލޯބިވަމުން ދާށެވެ. 2އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.#ފެށުން 18‏:1‏-15؛ 19‏:2 3އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.
4ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.
5ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.#ދަތުރުނާމާ 31‏:6
6އަހަރެމެން ނިކަން ކެރިގެން މިހެން ބުނަމާހިނގާށެވެ.
”⁠މާތްރަސްކަލާނގެއަކީ އަހަރެންގެ އެހީތެރިޔާއެވެ. އެހެންވެ އަހަރެން ބިރެއް ނުގަންނާނެއެވެ.
އިންސާނަކަށް އަހަންނަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟⁠“#ޒަބޫރު 118‏:6‏-7
7އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.
8އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ. 9ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.
10އަހަރެމެންނަށް ލިބިފައިމިވާ އަޅުކަމުގެ މަޤާމަކީ އެތަނަކުން ފޭލިގެކޮޅުގެ އިމާމުންނަށް ވެސް ކައިބޮއި ހެދުމުގެ ހުއްދަ ލިބިގެން ނުވާތަނެކެވެ.#ލާވީން 6‏:14‏-30 11އިހުގައި އިސްރާއީލުގެ އިމާމުން ފާފައިގެ ކައްފާރާއަކަށް ޖަނަވާރުތަކުގެ ލޭ ގެނެސް ހުށަހަޅަނީ އެންމެ މުޤައްދަސް މަޤާމުފުޅަށެވެ. އެކަމަކު އެ ޖަނަވާރުތަކުގެ ހަށިގަނޑު އަންދާލެވެނީ ރަށްބޭރުގައެވެ.
12އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ. 13ވީއިރު އަހަރެމެން ވެސް އެކަލޭގެފާނު ގާތަށް ރަށްބޭރަށް ގޮސް އެކަލޭގެފާނު އުފުއްލެވި ލަދުވެތިކަން ޙިއްސާ ކުރަމާ ހެއްޔެވެ؟
14މި ދުނިޔެއަކު ފަނާވެނުދާނެ ރަށެއް ނުވެއެވެ. އެކަމަކު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ އެހެން ނުވާނެ ވަޒަނަކަށެވެ.
15އެހެންވީމާ، އަހަރެމެން މާތްރަސްކަލާނގެއަށް އީސާގެފާނު މެދުވެރިކޮށް ހުށަހަޅަމުން މިގެންދާ ޤުރުބާނީތައް ހުށަހެޅުން ހުއްޓާލައިގެން ނުވާނެއެވެ. އެ ޤުރުބާނަކީ އަހަރެމެންގެ ދޫތަކުން އެކަލޭގެފާނުގެ ނަންފުޅުގަނެ މާތްރަސްކަލާނގެއަށް ޙަމްދުސަނާ ދަންނަވައި ކުރާ ޤުރުބާނީއެވެ. 16އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.
17ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.
18ކަލޭމެން އަހަރެމެންނަށްޓަކައި ދުޢާ ކުރުންމަތީ ތިބޭށެވެ. އަހަރެމެންގެ ޒަމީރު ސާފުސީދާކަން އަހަރެމެންނަށް އެނގެއެވެ. އަހަރެމެން ދިރިއުޅެމުން ދާއިރު ކުރާ ކޮންމެ ކަމެއް ކުރުމަށް ހިތްއެދެނީ ހެޔޮ ގޮތުގައެވެ. 19ވަކީން ޚާއްސަކޮށް އަހަރެންނަށް ވެސް ލަހެއް ނުވެ ކަލޭމެންގެ ގާތަށް އާދެވޭތޯ ކަލޭމެންވެސް ދުޢާކޮށްދިނުމަށް އަހަރެން ވަރަށް އެދެމެވެ.
އެންމެފަހުގެ ހެޔޮދުޢާ ސަލާމް
20ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ. 21އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!
22އަޚުންނޭވެ! އަހަރެން މި ކުރު ސިޓީ މިލިޔަނީ ކަލޭމެންނަށް ހިތްވަރު ދިނުމަށެވެ. އަހަރެން މި ބުނި ވާހަކަތަކަށް ކަލޭމެން ފަރުވާތެރިވުން ވަރަށް އެދެމެވެ. 23އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ. 24ކަލޭމެންގެ އިސްވެރިންނަށާއި މާތްސާހިބާގެ އެންމެހާ މީހުންނަށް އަހަރެންގެ ވެދުން ރައްދު ކޮށްދޭށެވެ. އިޓަލީގައި ތިބި އެކަލޭގެފާނަށް ތަބާވާ މީހުން ވެސް އެމީހުންގެ ވެދުން ކަލޭމެންނަށް ފޮނުވައެވެ. 25މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު ކަލޭމެން އެންމެނާއެކުގައި ވާށިއެވެ!

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in