YouVersion Logo
Search Icon

ނެރުއްވުން 23

23
އިންސާފާއި ހަމަހަމަކަން
1”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.
2މީހުން ކުރާތީއޭ ކިޔާފަ ގޯސްކަންތައް ނުކުރާތި. އެންމެން ނުރުހުނަސް އިންސާފަށް ހުރަސްނާޅާތި. އަދި ޝަރީއަތުގެ ކުރިމަތީގައި، ކަންހިނގިގޮތް ކިޔާނުދީ ނުހުންނާތި. 3އެމީހާއަކީ ދެރަ މީހަކަށް ވީތީ އޭނާގެ ކޮޅަށް ވެސް ބުރަ ނުވާތި.
4ކަލޭމެންގެ އަދާވާތްތެރިޔާގެ ގެރި ނުވަތަ ހިމާރު މަގު ގެއްލިގެން އުޅޭތަން ފެނިއްޖެނަމަ އޭތި ގެނެސް އޭގެ ވެރިމީހާއާ ހަވާލު ކުރާތި.
5ކަލެއަށް ނަފްރަތު ކުރާ މީހެއްގެ ހިމާރަށް އަރުވާފައިވާ ބަރުދަން ނޫފުލިގެން އޭތި ވެއްޓޭތަން ފެނިއްޖެނަމަ އަޅާނުލައި ނުދާތި. ހުއްޓި އެހީވާތި.
6ނިކަމެއްޗަކަށް ވީތީ އޭނާއަށް ޝަރީޢަތުގައި ލިބެންޖެހޭ އިންސާފަށް ހުރަސްނާޅާތި.
7އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި.
ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.
8ރިޝްވަތު ނުހިފާތި. އެހެނީ ރިޝްވަތަކީ ތިމާގެ ލޯ ޙަޤީޤަތާމެދު ކަނު ކޮށްލާ އެއްޗެއް. ރިޝްވަތަކީ ތެދުވެރިޔަކަށް ވެސް ޙަޤީޤަތް އޮޅުވާލާ އެއްޗެއް.
9ބީރައްޓެހިންނަށް ދުއްތުރާ ނުކުރާތި. އެހެނީ ކަލޭމެންނަކީ ވެސް އެއް އިރެއްގައި ބީރައްޓެހިންގެ ގޮތުގައި މިޞްރުގައި އުޅުނު ބައެއް.⁠“
ހަތްވަނަ އަހަރާއި ހަތްވަނަ ދުވަސް
10”⁠ހަ އަހަރު ވަންދެން ގަސް އިންދައި ކަލޭމެންގެ ބިމުން ލިބުނުހާ އެއްޗެއް ޖަމާކުރޭ. 11އެކަމަކު ހަތްވަނަ އަހަރު ގޮވާން ކުރުން ހުއްޓާލައި އެބިން ތާޒާ ވަންދެން ބާއްވާ. ކަލޭމެންގެ ތެރޭން ފަގީރު މީހުން އެ ބިމުގައި އޭގެ އަމިއްލަ ޒާތުގައި ހެދޭ އެއްޗެހި ކައިބޮއި ހެދިޔަދީ. ބާކީ ހުރިއެއްޗެއް ވަލު ޖަނަވާރު ކާން ދޫކޮށްލާ. ކަލޭމެންގެ މޭބިސްކަދުރު ވެލާއި ޒައިތޫނި ގަސްތަކާއި މެދު ވެސް މި ގޮތަށް ކަންތައް ކުރޭ.
12ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.
13މި އެންގުންތަކާ މެދު ކަލޭމެން ރަނގަޅަށް ސަމާލުވެ އަޑުއަހާތި. ކަލޭމެން އެހެން އެއްވެސް އިލާހެއްގެ ކިބައިން އެހީއަކަށް ނޭދޭތި. އެފަދަ އިލާހެއްގެ ނަން ވެސް ނުގަންނާތި.⁠“
މުހިންމު ތިން ޢީދު
14”⁠ކޮންމެ އަހަރަކު ތިން ޢީދު އަހަރެންނަށްޓަކައި ކަލޭމެން ފާހަގަކުރާތި. 15ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި.
އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.
16ދެވަނައަށް ފާހަގަކުރަން ޖެހޭނީ ގޮވާން ކަނޑާ ޢީދު. އެ ޢީދުގައި ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން އަހަރެންނަށް ހުށަހަޅަން ވާނެ.
އެންމެފަހުން ފާހަގަ ކުރަން ޖެހޭނީ ގޮވާން މޫސުން ނިމޭ ޢީދު. އެއީ އެމޫސުމުގައި ކަލޭމެން އެންމެ ފަހުފަހަރަށް ގޮދަން ކެނޑުން ފާހަގަ ކުރާ ޢީދު. 17މި ތިން ޢީދުގައި އިސްރާއީލީންގެ ކޮންމެ ފިރިހެނަކު ވެސް ސާހިބުވަންތަ މާތްރަސްކަލާނގެ ކުރިމައްޗަށް ކުއްތަން ވާން ޖެހޭނެ.
18ކަލޭމެން، ލޭ އޮހަރައި ކުރާ ޤުރުބާނީއާއެކު ކަމީރުކުރި ފުށުން ފިހެފައިވާ ރޮއްޓެއް ފަދަ އެއްޗެއް ޤުރުބާނީއަކަށް ހުށަނާޅާތި. އަދި ޤުރުބާނީގެ ސަރުބީތައް އަނެއްދުވަހު ހެނދުނާ ހަމަޔަށް ނުބަހައްޓާތި.
19ކަލޭމެން ގޮވާން ކަނޑާއިރު އެންމެ ފުރަތަމަ ކަނޑާ އެންމެ ރަނގަޅު ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ހުށަހަޅަން ގެންދަން ވާނެ.
ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.⁠“
ވަޢުދުފުޅުތަކާއި އެންގެވުންތައް
20”⁠ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން. 21އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ. 22އެކަމަކު ކަލޭމެން ފަރުވާތެރިކަމާއެކު އަހަރެން އަންގާގޮތް ހަދައި. އެ މަލާއިކަތާއަށް ކިޔަމަންތެރިވާނަމަ، އަހަރެން ކަލޭމެންގެ އަދާވާތްތެރިންނާ ދެކޮޅަށް ހަނގުރާމަ ކޮށްދޭނަން.
23އަހަރެންގެ މަލާއިކަތާ ކަލޭމެންގެ ކުރީގައި ހުރެގެން އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ކަންޢާނީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް ދާނެ. އޭނާ އެތަނުގައި ކަލޭމެންނަށް އުޅެވޭނެ ގޮތް ހަދައިދޭނެ. އަދި އަހަރެން އެތަނުގައި ތިބި އެންމެން ނައްތާލަ ދޭނަން.
24އެމީހުން އަޅުކަން ކޮށްއުޅޭ އިލާހުންތަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ. އަދި އެމީހުން ކުރަމުން ދިޔަކަހަލަ ފާހިޝްކަންތައް ކަލޭމެން ކޮށްގެން ނުވާނެ. ކަލޭމެން ޖެހޭނީ އެމީހުންގެ ކަލާނގެތައް ނައްތާލާ އެމީހުންގެ ހިލައިގެ ތަނބުތައް ވެސް ފުނޑުފުނޑު ކޮށްލަން.
25ކަލޭމެން އަޅުކަން ކުރަން ޖެހޭނީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެއަށް. ކަލޭމެން އެ ގޮތަށް ކަންތައް ކުރާނަމަ އަހަރެން ކަލޭމެންނަށް ކާނާއާއި ބޯފެން ދޭނަން. އަދި ބަލިމަޑުކަމުން ރައްކާތެރި ކޮށްދޭނަން. 26އޭރުން ކަލޭމެންގެ ތެރޭގައި ބައިގެންދިއުމެއް ދަރިމައި ނުވުމެއް ނުވާނެ. އަދި ކަލޭމެންނަށް ފުރާފުރިހަމަ ދިގު އުމުރެއް ލިބިދޭނަން.
27ކަލޭމެން ދިއުމުގެ ކުރީގައި އެމީހުންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. ކަލޭމެން ދިޔައިމާ އެމީހުންގެ މެދަށް އޮޅުންބޮޅުންކަން ފޮނުވާނަން ކަލޭމެންގެ ދުޝްމިނުން ބިރުން ފިލަން ދުވާނެ. 28ކަލޭމެން ދިއުމުގެ ކުރީގައި ޙިއްވީންނާއި ކަންޢާނީންނާއި ޙިއްޘީންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. 29އެކަމަކު އެމީހުން އެއް އަހަރުގެ ތެރެއަކު ފައްސައެއް ނުލާނަން. އެހެންނޫނީ އެބިންތައް ހުސްވުމުން ވަލުޖަނަވާރުތައް އެތަނުގައި ގިނަވެ ކަލޭމެންނަށް ނުރައްކަލަކަށް ވެދާނެ. 30އަހަރެން އެމީހުން ފައްސާލާނީ ލަސްލަހުން، މަދުމަދުން. އެއީ އޭރުން ތިޔަބައިމީހުންގެ އަދަދު ގިނަވެ އެތާގައި ވަޒަންވެރި ވާނެ ވަރަށް މީހުން ތިބޭނެ. 31އަދި ކަލޭމެންގެ ސަރަހައްދު ކަމުގައި، ރަތްކަނޑުން ފެށިގެން މެދުތެރޭ ކަނޑާ ހަމަޔަށް، އަހަރެން ކަނޑައަޅާނަން. އަދި ސަހަރާއާއި ފުރާތުކޯރާ ދެމެދުގައިވާ ސަރަހައްދު އެއީ ކަލޭމެންގެ ބިންކަމުގައި ހަދައިދޭނަން. އަދި މިހާރު އެ ބިމުގައި ތިބި މީހުން ކަލޭމެންގެ އަތްދަށަށް ގެންގޮސް ކަލޭމެން އެމީހުން އެތަނުން ބޭރުކޮށްލަން ވާނެ.
32އެމީހުންނާއި އެމީހުންގެ އިލާހުންނާއެކު އެއްބަސްވުމެއް ގާއިމު ނުކުރާތި.
33ކަލޭމެންގެ ބިމުގައި އެމީހުންނަށް އުޅެވިޔަ ދީގެން ނުވާނެ. އެހެންނޫނީ އެމީހުން ކަލޭމެންގެ ބޮލަށްވަދެ ކަލޭމެން ލައްވާ އެމީހުންގެ އިލާހުންނަށް އަޅުކަން ކުރުވާފާނެ. އޭރުން ކަލޭމެން ޝަރީކު ކުރުމުގެ ނުރައްކާތެރި މަޅީގައި ޖެހިގެން ހިނގައިދާނެ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in