YouVersion Logo
Search Icon

1 ޞަމޫއީލް 19

19
ޝާއުލްގެފާނު ދާއޫދުގެފާނު އަވަހާރަކޮށްލަން އުޅުއްވުން
1ޝާއުލްގެފާނު ޔޫނަތައިން އަށާއި އެކަލޭގެފާނުގެ އަރިސް މީހުންނަށް ދާއޫދު މަރާލަން އެންގެވިއެވެ. އެހެނަސް ޔޫނަތައިން ދާއޫދާ މެދު ނުހަނު ރުހިގެން ވިއެވެ. 2ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”⁠ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ. 3އަހަރެން އަންނާނަން ބައްޕަ ގޮވައިގެން ކަލޭ ފިލާ އޮތް ތަނަށް. ބައްޕަ ގާތު ކަލެއާ ބެހޭގޮތުން އަހަރެން ވާހަކަ ދެއްކީމާ ވާގޮތެއް ކަލޭ ގާތު ބުނާނަން.⁠“ 4ހެނދުނު ޔޫނަތައިން އޭނާގެ ބައްޕަ ގާތަށް ގޮސް ދާއޫދަށް ތައުރީފުކޮށް ބައްޕަ ގާތު ވާހަކަ ދައްކަމުން ދިޔައެވެ. ”⁠ބައްޕާފުޅު ތީ ރަސްގެފާނު. އޭނާއަކީ ބައްޕާފުޅުގެ ޚާދިމެއް. އޭނާ ބައްޕާފުޅަކަށް ދެރަގޮތެއް ނުހަދާނެ. އަދި އޭނާ ކުރިއްޔާ ކުރި ހުރިހާ ކަމެއް ކުރީ ބައްޕާފުޅަށް ފައިދާ ވާނެ ގޮތަށް. 5އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“
6ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.⁠“
7ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.
8ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ. 9އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ. 10ޝާއުލްގެފާނު އުޅުއްވީ ލޮންސިން ޖަހައި ދާއޫދު ފާރަށް އަމުނާލާށެވެ. އެކަމަކު ދާއޫދު ރެކިގަތުމުން ލޮންސި ގޮސް ފާރަށް ހެރިއްޖެއެވެ. ދާއޫދު އެރޭ ވެސް ސަލާމަތް ވެގަނެގެން ދުވެ ރައްކާވެއްޖެ އެވެ.
11އެރޭ ދާއޫދުގެ ގޭދޮށަށް ޝާއުލްގެފާނުގެ ސިފައިން ފޮނުވިއެވެ. އެއީ ވަރަށް ހެނދުނު އޭނާ ނުކުންނަ ތަނުން މަރާލުމަށެވެ. ދާއޫދުގެ އަންހެނުން މީކާލް އޭނާއަށް ޚަބަރު ކުރިއެވެ. ”⁠މިރޭ ކަލޭ ނުފިލައިފި ނަމަ މާދަމާ އިރު އަރާއިރު އެމީހުން ކަލޭ މަރާލާނެ.⁠“ 12މިހެން ކިޔާފައި މީކާލް ކުޑަދޮރަކުން ދާއޫދު ބޭރުކޮށްފި އެވެ. ދާއޫދު ފިލާ ރައްކާވެއްޖެ އެވެ. 13ދެން މީކާލް ކުރި ކަމަކީ ދާއޫދުގެ އެނދުގައި ބުދެއް ބާއްވައި ރަޖާގަނޑެއް އަޅުވައި ބަކަރި ކެހެރިގަނޑެއް ބޯލާކޮޅު ބާއްވައިފި އެވެ. 14ޝާއުލްގެފާނު އޭނާ ބަލާ ފޮނުއްވީމާ މީކާލް ބުންޏެވެ. ”⁠އޭނާ އޮތީ ބަލިވެ.⁠“
15ޝާއުލްގެފާނު އަނެއް ފަހަރު ދާއޫދު ބަލާ ފޮނުއްވިއެވެ. ”⁠އޭނާ އޮތް އެނދާ އެކު ނަގައިގެން އާދޭ. އޭރުން އަހަރެން އޭނާ މަރާލާނަން.⁠“ 16އެމީހުން އެތެރެއަށް ވަދެ ބަލާލިއިރު އޮތީ ބޯލާކޮޅުގައި ބަކަރި ކެހެރި ގަނޑެއް ބާއްވާފައިވާ ބުދެކެވެ.
17ޝާއުލްގެފާނު މީކާލަށް ވިދާޅުވިއެވެ. ”⁠ކަލޭ އަހަންނަށް ކެހި ދިނީ ކީއްވެތަ؟ އަހަރެންގެ އަދާވާތްތެރިޔާ ކަލޭ ތިޔަ ދިޔަ ދިނީ ކީއްވެ؟⁠“ މީކާލް ދެންނެވިއެވެ. ”⁠އޭނާ ފިލައި ރައްކާވާން އެހީ ނުވެއްޖެއްޔާ އަޅުގަނޑު މަރާލާނަމޭ ބުނުމުން.⁠“
18ޝާއުލްގެފާނުގެ އަތްދަށުން ސަލާމަތްވެގެން އޭނާ ދިޔައީ ޞަމޫއީލްގެފާނު ގާތަށް ރާމާ އަށެވެ. އަދި ޝާއުލްގެފާނު އޭނާއާ ދޭތެރޭ ކުރެއްވި ހުރިހާ ކަންތަކެއްގެ ވާހަކަ ކިޔައިދީފި އެވެ. ދެން ޞަމޫއީލްގެފާނާއި އެކު އޭނާ ނައިވަތަށް ގޮސް އެތަނުގައި ހުރެއްޖެއެވެ.
19ޝާއުލްގެފާނަށް ދާއޫދު ވީ ރާމާގެ ނައިވަތުގައި ކަން އެނގި ވަޑައިގެންފި އެވެ. 20ދެން އޭނާ ބަލާ ޝާއުލްގެފާނުގެ މީހުން ފޮނުއްވައިފިއެވެ. އެމީހުންނަށް ޞަމޫއީލްގެފާނު ނަބީބޭކަލުންގެ ތެރޭގައި އިސްވެ ހުރެ ވަޖިދުވަމުން#19‏:20 އެދުވަސްވަރު ނަބީބޭކަލުންނަށް ވަޙީ އަންނަ އިރު ވަޖިދުވުން ކަހަލަ ގޮތަކަށް ފޯރި އައިސްގެން ނަށައި ހަދަތެވެ. ދާތަން ފެނުމުން މިމީހުންގެ މައްޗަށް މާތްކަލާނގެ މާތްރޫޙުފުޅު ފޮނުއްވުމުން މި މީހުން ވެސް އެފަދައިން ހަޅޭއްލަވައި ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. 21މި ޚަބަރު އިވިވަޑައިގެން ރަސްގެފާނު އަނެއްކާވެސް އިތުރު މީހުން ފޮނުއްވައިފިއެވެ. މި މީހުން ވެސް އެފަދައިން ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. ދެން ޝާއުލްގެފާނު ތިންވަނަ ފަހަރު ވެސް މީހުން ފޮނުއްވައިފިއެވެ. މިފަހަރު ފޮނުއްވި މީހުން ވެސް އެތަނަށް ގޮސް ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. 22އެންމެފަހުން ޝާއުލްގެފާނު އަމިއްލަފުޅަށް ރާމަތަށް ވަޑައިގެންނެވި މަގުމަތީގައި ސީޚޫގެ ވަޅުގެ ކައިރިއަށް ވަޑައިގެން ޞަމޫއީލާއި ދާއޫދު ކޮބައިހޭ ސުވާލު ކުރެއްވިއެވެ. އެމީހުން ދެންނެވިއެވެ. ”⁠ރާމާގެ ކައިރީގައިވާ ނައިވަތުގައި.⁠“ 23އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަނިކޮށް މާތްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ވެސް ފޮނުއްވައިފިއެވެ. އެކަލޭގެފާނު ހަޅޭއްފުޅު ލައްވައި ވަޖިދުވަމުން އެހިސާބަށް ވަޑައިގެންފިއެވެ. 24ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”⁠ޝާއުލް އަކީ ވެސް ނަބީއެއް ހޭ⁠“ މީހުން ކިޔަނީ މިހެންވެއެވެ.

Currently Selected:

1 ޞަމޫއީލް 19: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in